ހަކުރު ވިއްކަން ރައީސް ތާއީދު ކުރައްވާ ވާހަކައަކީ "ޔޯލަ" އެއް ނޫން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދީނީ ކާޑު ކުޅެން އަދާލަތު ބޭނުން ކުރާ ގޮތަށް މަސްތުވާތަކެތީގައި ޖެހިފައިވާ މީހުންގެ ވޯޓް ހޯދުމަށް ވަކި މީހަކު ބޭނުން ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ޑރ. މުހައްމަދު ޖަމީލް އަހުމަދު

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ބްރައުން ޝްގާ -- ހަކުރު ވިއްކަން ރައީސް ސޯލިހް ތާއީދު ކުރައްވާ ކަމަަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދު ދެއްކެވީ "ޔޯލަ" ވާހަކަތަަކެއް ނޫން ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ އިސް ވަކީލެއްގެ ގޮތުގައި ވެސް ހުންނެވި ޖަމީލް ވިދާޅުވި ގޮތުގައި ރައީސް ސޯލިހާއި ގުޅޭގޮތުން ރައީސް ނަަޝީދު ރޭ ދެއްކެވި ވާހަކަތަކަކީ   "ޔޯލަ"  ވާހަކައެއް ނޫނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދީނީ ކާޑު ކުޅެން އަދާލަތު ބޭނުން ކުރާ ގޮތަށް މަސްތުވާތަކެތީގައި ޖެހިފައިވާ މީހުންގެ ވޯޓް ހޯދުމަށް ވަކި މީހަކު ބޭނުން ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. ޖަމީލް އެ އިޝާރާތް ކުރައްވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށެވެ.

ރައީސް ނަަޝީދު ވެސް މަސްތުވާތަކެއްޗާއި ރައީސް ގުޅުވުމަށް ބޭނުންކުރެއްވީ ޖާބިރުގެ މިސާލެވެ.

"ބެރުޖަހަމުން އެ މީހަކަށް މަރްހަބާ އިއްޔެކީ މީހާގެ ވާހަކަ ޖޯކަކަށް ނުވާނެ. އިބޫ [ރައީސް ސޯލިހް] ގެ ހަނު ހުރުން [އެއީ] ފުރިހަމަ ދަލީލެއް،" ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތުމުން ރައީސް ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވި އެވެ.

ރައީސް ނަޝީދު ރޭ ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ އަަދަދު ވަރަށް ގިނަ ކަމަށެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާއި ވިޔަފާރި ކުރާ މީހުން ހުއްޓުވަން ސަރުކާރަށް ކުރެވޭ މާބޮޑު މަސައްކަތެއް ނެތް ކަމަށް ވިދާޅުވި އެވެ.

އަދި ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކުން ވެސް ފައިސާ ހޯދަން މިހާރު އެންމެ ބޮޑަށް ހިންގާ ވިޔަފާރިއަކީ ޑްރަގްގެ ވިޔަފާރި ކަމަށް ވިދާޅުވި އެވެ. ނަޝީދު ދެން އިޝާރާތް ކުރެއްވީ މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ މެޑިކަލް މެރުއާނާ ރާއްޖޭގައި ހުއްދަ ކުރެވޭނެ މަގެއް ހޯދަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދައްކަވާ ވާހަކަތަކަށެވެ. ޖާބިރަކީ ރައީސް ސޯލިހްގެ ބައިވެރިއެއްކަން ފާހަގަ ކުރައްވާ ރައީސް ސޯލިހަށް އިތުރު ފުރުސަތެއް ލިބިވަޑައިގެންފިނަމަ މަސްތުވާތަކެތި ލިބުން އިތުރަށް ފަސޭހަ ވާނެ ކަމަށް ޖާބިރު ވިދާޅުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެފަދަ ވާހަކަ ދެއްކުމަކީ ވަރަށް ބޮޑަށް މައްސަލައެއް ކަމަށާ އެއީ މަޖަލަކަށް ދައްކަން ހެޔޮވާނެ ވަރުގެ ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޖާބިރު އެ ހުރިހާ ވާހަކައެއް ދައްކަވާއިރު އަތްޖައްސަވަން ރައީސް ސޯލިހް އިންނަވާ ކަމަށެވެ.

"ރައީސް ސޯލިހްގެ ބައިވެރިއެއް، ޖާބިރު އެބަ ބުނުއްވާ ރައީސް ސޯލިހް އަދި އިތުރަށް މަސްތުވާތަކެތި ފަސޭހަކޮށް ދެއްވާނެ ވާހަކަ. އަޅުގަނޑަކަށް ނުފެނޭ މަޖަލަކަށް ހަދައިގެންވެސް މި ބާވަތުގެ ވާހަކަ ދައްކާކަށް އެނގޭތޯ. ދެން ރައީސް ސޯލިހްވެސް މި އިންނަވަނީ އަތްޖައްސަވަންށޭ. މިއީކީ މަޖާ ކަމެއް ނޫން. އަދި ޖާބިރު އަބަދު ދައްކަވާ ވާހަކަތައް މަޖަލެއްވެސް ނޫން،"

މެރުއާނާ ހުއްސަ ކުރަން ޖާބިރު މީގެ ކުރީން ތަކުރާރުކޮށް ގޮވާލާފައިވެއެވެ. އަދި ދާދި ފަހުން ޖާބިރު ވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ މެޑިކަލް މެރުއާނާ ރާއްޖޭގައި ހުއްދަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކެސިނޯ އެޅުމުގެ ހުއްދަ ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ. އެ ސަބަބުތަކަށްޓަކައި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް ވިދާޅުވި އެެވެ.

"އެ ދެން ގޭމިން އެންޓަޓެއިންމެންޓު އެކަހަލަ އެއްޗެހިވެސް ހުއްދަވާނެ. އަދި މެޑިކަލް މެރުއާނާ އުސޫލެއްގެ ދަށުން ރާއްޖޭގައި ހުއްދަވެގެންދާނެ، ޤާނޫނުތައް ބަދަލުވެގެންދާނެ. މިހުރިހާ ކަމެއް ކުރެވޭނީ މިވަރުގެ ރައީސެއް އައިސްގެންތާ. އެނޫން ގޮތަކަށް މިކަމެއް ނުހިނގާނެ އިނގޭތޯ،" ޖާބިރު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޖާބިރުގެ އެ ވާހަކަތައް މަޖާ ނޫން ކަމަށެވެ. އަދި ވާހަކަ ބަދަލު ކުރައްވާ ދެން ވިދާޅުވީ ރައީސް އެ އިންނަވަނީ ހަކުރު ވިއްކަން ތާއީދު ކުރައްވައިގެން ކަމަށެވެ. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އެ ވަބާއިން ކުދީން ސަލާމަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ މިހެން ހެއްދެވިކަން، މިކަަމަށް ތާއީދު ކުރައްވައިގެން އިންނަވާކަން، އެއީ ހަކުރު ވިއްކަން ތާއީދު ކުރައްވައިގެން އިންނަވާކަން އެއީކީއެއް ބަލައިގަނެވޭނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.