ދަރިއަކު ލިބުމުން އޭނާގެ ނަމުގެ ފަހަތަށް ކަޕޫރު ލާނެ އެވެ. އެހެންވެ އާލިއާގެ ނަން ބަދަލު ނުކުރާނަމަ ދަރިފުޅާއެކު އެކި ގައުމުތަކަށް ދަތުރުކުރާއިރު އެކަނި އިންނާނީ ބަޓް އެވެ. އަނެއް ދެމީހުން ވާނީ ކަޕޫރަކަށެވެ.
މަޝްހޫރު ފިލްމް ޑައިރެކްޓަރު މަހޭސް ބަޓްގެ ދަރިފުޅު، ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ނަމުގެ ފަހަތަށް "ކަޕޫރު" އިތުރު ކުރުމަށް އޭނާ ނިންމައިފި އެވެ. އާލިއާ ވަނީ މި އަހަރުގެ އޭޕްރީލު މަހުގެތެރޭ ކަޕޫރު އާއިލާގެ ރަންބީރު ކަޕޫރާއި ކައިވެނިކޮށް އެ އާއިލާގެ މެންބަރަކަށް ވެފަ އެވެ.
އާލިއާ އާއި ރަންބީރު ވަނީ ފުރަތަމަ ދަރިފުޅަށް އާލިއާ ބަނޑު ބޮޑު ކަން މިދިއަ ޖޫން މަސްތެރޭގައި އިއުލާން ވެސް ކޮށްފަ އެވެ. އާލިއާ ބުނި ގޮތުގައި އޭނާގެ ނަމަށް ބަދަލެއް ގެނައުމުގެ މަސައްކަތެއް ކުރަން ވެފައި އެބައޮތް ކަމަށެވެ. އެގޮތުން އާލިއާ ބަޓް އިން އާލިއާ ބަޓް ކަޕޫރަށް ބަދަލު ކުރުމަކީ އޭނާއަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެކެވެ، އެ ބަދަލު ގެންނާނެ އެވެ.
"ދަރިއަކު ލިބެން މިއުޅެނީ. އޭނާގެ ނަމުގެ ފަހަތަށް ކަޕޫރު ލާނެ. އެހެންވެ އަހަރެންގެ ނަން ބަދަލު ނުކުރާނަމަ ދަރިފުޅާއެކު އެކި ގައުމުތަކަށް ދަތުރުކުރާއިރު އަހަރެން އެކަނި އިންނާނީ ބަޓް އަކަށް. އަނެއް ދެމީހުން ވާނީ ކަޕޫރަށް. އަހަރެން ވެސް ބޭނުމެއް ނޫން ބާކީ ވާކަށް." ސަމާސާއަށް ހަދާފައި އާލިއާ ބުނެފައި ވެއެވެ.
އެންމެ ފަހުން ފެނިފައި ވަނީ "ޑާލިންގްސް" އިންނެވެ. ދެން އެންމެ އަވަހަށް ފެންނާނީ "ބުރައްމަސްތުރާ" އިންނެވެ.