ލިވާތާއި ސިހާގުގެ ކުށް ޖިނާއީ ބޮޑެތި ކުށުގެ ތެރޭ ހިމަނަން ހުށައަޅައިފި

ފިރިހެނުން ފިރިހެނުންނާއެކު ޖިންސީ ގުޅުން ހިންގުން ހިންގުމުގެ ކުށާއި އަންހެނުން އަންހެނުންނާއެކު ޖިންސީ ގުޅުން ހިންގުމުގެ ކުށް ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމަނަން ގާނޫނު އަސާސީއަށް އިސްލާހެއް ހުށައެޅުއްވީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ.

މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް

ލިވާތު -- ފިރިހެނުން ފިރިހެނުންނާއެކު ޖިންސީ ގުޅުން ހިންގުން -- ގެ ކުށާއި ސިހާގު -- އަންހެނުން އަންހެނުންނާއެކު ޖިންސީ ގުޅުން ހިންގުން -- ގެ ކުށް ޖިނާއީ ބޮޑެތި ކުށުގެ ތެރޭގައި ހިމަނަން ހުށައަޅައިފި އެވެ. ގާނޫނު އަސާސީއަށް މި އިސްލާހު ހުށައެޅުއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.

ބިލް ހުށައަޅާ ސަބަބެއް ގޮތުގައި ގާސިމް ވިދާޅުވީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާން ކުރާ "ޖިނާއީ ބޮޑު ކުށް" ކަމުގައި ބުނެފައިވާ ކުށްތަކުގެ ތެރޭގައި އިސްލާމް ދީނުގައި ނުހަނު ބޮޑަށް ނަހީ ކުރައްވާފައިވާ ހުތުރު ފާހިޝް އަމަލުތައް ކަމަށްވާ ލިވާތު އަދި ސިހާގު ގެ ކުށް ހިމެނެން ޖެހޭ ކަމަށް ގަބޫލު ކުރެއްވުމެވެ. އަދި އެއް ޖިންސުން ގުޅުން ހިންގުމަކީ ވަރަށް އާދައިގެ ކުށެއް ކަމަށް ދެކި އެފަދަ އަމަލުތައް ކުރާ މީހުން ތަހުގީގު މަރުހަލާގައި ފަސޭހަައިން މުޖްތަމައުގެ ތެރެއަށް ދޫވެފައި ތިބޭނަމަ ޝަރީއަތުގެ މަރުހަލާ ނިމުމުގެ ކުރީންވެސް އެ ނުރައްކާތެރި ވަހުޝީ އަމަލު އެހެން ބަޔަކާއެކު ކުރުމުގެ ފުރުސަތު އޮތުމެވެ.

ގާސިމް ހުށައެޅުއްވި އިސްލާހުގައި ބުނެފައިވަނީ އެއް ޖިންސުން ގުޅުން ހިންގާ މީހުންނަކީ މުޖްތަމައުއަށް ނުރައްކާތެރި ބައެއް ކަމަށާ އެފަދަ މީހުންގެ ވަސްވާސް އެމީހާގެ އަމިއްލަ އާއިލާއާއި މުޅި މުޖްތަމައުއަށް ފޯރުމުގެ ކުރީން މުޖްތަމައުން އެކަހެރި ކުރަން ޖެހޭ ކަމަށެވެ. އެހެން ކަމުން މިއީ މަޖިލީހުގެ މެންބަރުން ވަރަށް ސީރިއަސް ކޮށް ވިސްނާ ވަޑައިގަންނަވަން ޖެހޭ ކަމެއް ކަމަށެވެ.

"މިއީ [ލިވާތު އަދި ސިހާގުގެ ކުށަކީ] ނުހަނު ބޮޑު ޖިނާއީ ކުށެއް ކަމާއިމެދު ޝައްކެއް ނެތެވެ. އެހެން ކަމުން ރާއްޖޭގެ ޖިނާއީ އިޖުރާތުގެ ގާނޫނުގައި ބޮޑެތި ކުށްތަކެއް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި މި ކުށް ހިމެނިފައި އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ،"

މި އިސްލާހު ހުށައަޅުއްވާ ގާސިމް ވަނީ މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފައެވެ.

ލިވާތު އަދި ސިހާގުގެ ކުށަކީ ޖިނާއީ ބޮޑެތި ކުށުގެ ތެރޭގައި ހިމަނަން ހުށައަޅާފައިވާއިރު މި އަމަލުތައް ހިންގުން ރާއްޖޭގައި ވަނީ ހައްދުފަހަނަ އަޅާފައެވެ. ބަންގާޅުގެ ފިރިހެނަކާއެކު ދިވެހީންގެ އެތައް ބަޔަކު ލިވާތު ކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެ ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ސިހާގުގެ އަމަލު ހިންގަނިކޮށް ފެންނަ ވީޑިއޯތަކެއްވެސް ވަނީ އާންމުވެފައެވެ. ލިވާތުގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ގަލޮޅު ގެނެރީގޭ ނާޒިމް ސައްތާރާއި ބަންގާޅު މީހާ، އެމްޑީ އަލަމްގީރް އާއި މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުސް މީހާ އަބްދުއްރަހްމާން ރަފީއު ހިމެނެއެވެ. އެ މީހުންގެ މައްޗަށް ދައުވާ އުފުލާ ކޯޓަށް މައްސަލަ ވަނީ ފޮނުވާފައެވެ.

ނަމަވެސް ލިވާތު އަދި ސިހާގުގެ ކުށަކީ ޖިނާއީ ބޮޑެތި ކުށުގެ ތެރޭގައި ހިމެނޭ ކުށަކަށް ނުވާތީ ދައުވާ ކުރަން ފޮނުވުމާއެކު އެ މީހުން ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.