އިތުބާރު ނެތް ކަމަށް ފާސްކުރިޔަސް މަގާމުން ވަތްކެއް ނުކުރެވޭނެ

ފުއާދުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކަންތައްތައް ކުރައްވާ ގޮތުން އިތުބާރު ނެތް ކަމަށާއި އަދި މިހާރު ރައީސްގެ މަގާމުގައި އެ ހުންނަވަނީ މެމްބަރުންގެ އިތުބާރު ނެތިސް ކަމަށް އެދުވަހުގެ ބައްދަލުވުމުގައި ނިންމާފައިވެ އެވެ.

ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތް ކަމަށް އެ ކޮމިޝަނުން ފާސް ކުރިޔަސް އޭނާ މަގާމުން ވަކި ނުކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ރިޔާސީ އިންތިހާބަށް ދެ މަހަށް ވެފައި ވަނިކޮށް ފުއާދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދައި ފާސްކޮށްފައި ވަނީ ތިން މެމްބަރުންގެ ވޯޓުންނެވެ. މި މަހުގެ 18 ވަނަ ދުވަހު ބޭއްވި ޖަލްސާއިން އެގޮތަށް ފާސްކުރީ ފުއާދު އާއިލީ ޒިންމާއެއްގައި ޗުއްޓީއެއްގައި ހުންނަވަނިކޮށެވެ.

ފުއާދުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ކަންތައްތައް ކުރައްވާ ގޮތުން އިތުބާރު ނެތް ކަމަށާއި އަދި މިހާރު ރައީސްގެ މަގާމުގައި އެ ހުންނަވަނީ މެމްބަރުންގެ އިތުބާރު ނެތިސް ކަމަށް އެދުވަހުގެ ބައްދަލުވުމުގައި ނިންމާފައިވެ އެވެ. އެ ބައްދަލުވުމުގެ ޗެއާކަން ކުރެއްވީ ނައިބު ރައީސް އިސްމާއީލް ހަބީބެވެ.

ހަބީބް މިއަދު ވިދާޅުވީ އެފަދަ ވޯޓެއް ނެގި ނަމަވެސް އެ ވޯޓަކީ ފުއާދު ކޮމިޝަންގެ ރައީސް ކަމުގެ މަގާމުން ދުރުކުރުމަށް ނެގުނު ވޯޓެއް ނޫން ކަމަށެވެ. ސަބަބަކީ ގާނޫނީ ގޮތުން ކޮމިޝަންގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ބާރު މެންބަރުންނަށް ލިބިދީފައި ނުވުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. 
   
ކޮމިޝަނުން އެގޮތަށް ނިންމި ނަމަވެސް ކޮމިޝަނުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ށ. ބުނާ ގޮތުގައި ކޮމިޝަނުގެ ރައީސްގެ މަގާމު ނުވަތަ ނައިބު ރައީސްގެ މަގާމު ހުސްވި ކަމަށް ބެލެވޭނީ ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމު ހުސްވެއްޖެ ކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުން ކަމަށެވެ. ނޫނީ އެބޭފުޅުން އިސްތިއުފާ ދެއްވުމުންނެވެ. މެމްބަރުން މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުންނެވެ.

އެ ބައްދަލުވުމުގެ ހުލާސާ އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.

ފުއާދަށް އިތުބާރު ނުކުރައްވާކަމަށް ވޯޓު ދެއްވީ ކުރިން ވެސް ފުއާދާ ދެކޮޅު މެމްބަރުން ކަމުގައިވާ ޢަލީ ނަޝާތާއި، މުހައްމަދު ޒާހިރުގެ އިތުރުން މުހައްމަދު އާސިފެވެ. އެ މެމްބަރުން ކުރިން ފުއާދާމެދު ނުރުހުން ފާޅުކުރައްވަމުން ބުނަމުން ދިޔައީ ފުއާދަށް ސަރުކާރުގެ ނުފޫޒު އޮންނަ ކަމަށެވެ. ހާއްސަ ގޮތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި އާ ޕާޓީ، "ދަ ޑިމޮކްރެޓްސް" އުފެއްދުމުގައި ނުފޫޒު ބޭނުންކުރެއްވި ކަމުގެ ތުހުމަތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.