ދިއްދޫއަށް ވަޑައިގެން މިރޭ އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހް ވަނީ ދިއްދޫ ބިން އިތުރަށް ހިއްކާ އެ ރަށުގައި އެއާޕޯޓެއް އަޅުއްވައިދެެއްވާނެ ކަމަަށް ވިދާޅުވެފައެވެ.
ތިލަދުންމަތީ އުތުރުގެ ވެރިރަށް -- ދިއްދޫގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވައުދުވެވަޑައިގެންފި އެވެ.
ރިޔާސީ ދެވަނަ ދައުރެއް ހޯއްދެވުމަށް ފައްޓަވާފައިވާ ކެމްޕެއިންގައި ހއގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި ފަހު މަންޒިލެއްގެ ގޮތުން ދިއްދޫއަށް ވަޑައިގެން މިރޭ އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހް ވަނީ ދިއްދޫ ބިން އިތުރަށް ހިއްކާ އެ ރަށުގައި އެއާޕޯޓެއް އަޅުއްވައިދެެއްވާނެ ކަމަަށް ވިދާޅުވެފައެވެ.
އަދި ދަތުރުދާނެ ރަށެއް ހަދައިދިނުމަކީ ރަައްޔިތުން އެދޭ ކަމެއް ކަމަށްވާތީ އެފަދަ ރަށެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ދިއްދޫއަށް ވަޑައިގެން ރައީސް ސޯލިހް ވަނީ ވިދާޅުވީ ދިއްދޫގެ އެެއާޕޯޓްގެ މަަސައްކަތް އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ނުހިމަނަންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ.
އޮކްޓޫބަރު 18، 2022 ގަައި ދިއްދޫގައި ވަޑައިގެން ރައީސް ޔާމީން ވަނީ ވެރިކަމުގެ އިތުރު ދައުރެއްް ލިބިވަޑައިގެންފިނަމަ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރީން ދިއްދޫގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަަށް ވައުދުވެވަޑައިގެންފައެވެ. ބިމުގެ ދަތިކަން ކުރިމަތިވެ މިހާރުވެސް ފަޅުން ބޮޑުބައެއް ހިއްކާފައިވާ ދިއްދޫގައި އެއާޕޯޓެއް އަޅުއްވާނީ އިތުރަށް ހިއްކައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނުގެ މި އިއުލާނާއެކު ދިއްދޫ ރައްޔިތުން ވަނީ ވަރަށް ހޫނު ތަރުހީބެއް ދެއްވާފައެވެ. ދިއްދޫގައި އެއާޕޯޓެއް އޮތުމަކީ އެ ރަށުގެ ގިނަ ބަޔަކު އެދޭ ކަމެކެވެ. ހއ ގައި މިހާރު އޮތް އެއާޕޯޓް ހޯރަފުށީގައި އެޅުމަށް ނިންމުމުންވެސް އެއާޕޯޓް ދިއްދޫގައި އެޅުމަށް އެ ރަށުގެ ގިނަ ރައްޔިތުން ބޭނުންވެ އެކަން ހާމަކުރިއެވެ.
ވެރިކަމުގެ އިތުރު ދައުރެއްް ލިބިވަޑައިގެންފިނަމަ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރީން ދިއްދޫގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަަށް ރައީސް ޔާމީން ވައުދުވެވަޑައިގަތުން ޖެހިގެން އައި ދުވަހު ދިއްދޫ ކައުންސިލްގެ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެ ނިންމުމާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.
އެ މެންބަރުން ވިދާޅުވި ގޮތުގައި އެއީ ވަރަށް ބޭކާރު ވައުދެކެވެ. ދިއްދޫއަށް އެއަށް ވުރެ މާ މުހިންމު ކަންކަން އެބަ ހުއްޓެވެ.
އަދި ހއ ގައި ހޯރަފުށީ ގައި ހދ ގައި ހަނިމާދޫގައި އެއާޕޯޓެއް އޮވެ އާރްޓީއެލްގެ ހިދުމަތް ފެށިފައިވުމުން ދިއްދޫއަށް އެއާޕޯޓެއް މުހިންމު ނޫން ކަމަށް ވިދާޅުވިއެވެ. އެއީ ކައުންސިލްގައި ތިއްބެވި އެމްޑީޕީގެ ފަސް މެންބަރުންގެ ވިސްނުން ކަމަށް އޭރު ވިދާޅުވި އެވެ.