ނަޝީދުގެ ވައުދެއް؛ ތުޅާދޫއަށް އެއާޕޯޓެއް

"އަޅުގަނޑު ޔަގީންކަން އަރުވަން، އަދި އަޅުގަނޑަށް އެނގޭ އެކަން ވާނެކަން ވެސް، އެއްވެސް ކަމެއް ނޫން ތިކަން ކުރާކަށް. އަޅުގަނޑުމެންނަށް ބާރެއް އޮވެ، ސަރުކާރުގައި ބަހެއް ކިޔެންޏާ އިރާދަކުރެއްވިއްޔާ ތުޅާދޫއަށް އެއާޕޯޓެއް ލިބިގެންދާނެ،"

ނަޝީދު މިއަދު ތުޅާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު --

ދަ ޑިމޮކްރެޓްސްއަށް ސަރުކާރުން ބާރެއް ލިބިއްޖެނަމަ ބ. ތުޅާދޫގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯގައި ހިމެނޭ "ފަސޭހަ ވިޔަފާރި ސިޔާސަތު" ލޯންޗުކުރުމަށް އެކި ރަށްރަށުގައި މިރޭ ބޭއްވި ޖަލްސާތަކުގެ ތެރެއިން ބ. ތުޅާދޫގައި ވަނީ ޖަލްސާއެއް ބާއްވާފަ އެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވަޑައިގަތުމުން ރައްޔިތުން ކަންބޮޑުވުންތައް ހުރި ކަންކަން ފާހަގަ ކުރައްވާފައެވެ.

ނަޝީދު ވިދާޅުވީ އެރަށަށް އޭރު ވަޑައިގެންނެވިއިރު އެމަނިކުފާނަށް ފެންނަ ގޮތަށް މަތިންދާބޯޓެއް ބާއްވާފައިވާ އޮތް ކަމަށެވެ. ރައީސް ވިދާޅުވީ އެ ކަންކޮށް ރައްޔިތުން ދިން މެސެޖަކީ އެއާޕޯޓެއް ބޭނުންވާ ކަން ކަމެވެ. އެއީ އެ ރަށަށް ކޮންމެހެން ކޮށްދޭން ޖެހޭ ކަމެއް ކަމަށާ ނަމަވެސް މި ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެކަން ނުކޮށްދީ އޮތުމުން ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"އަޅުގަނޑު ޔަގީންކަން އަރުވަން، އަދި އަޅުގަނޑަށް އެނގޭ އެކަން ވާނެކަން ވެސް، އެއްވެސް ކަމެއް ނޫން ތިކަން ކުރާކަށް. އަޅުގަނޑުމެންނަށް ބާރެއް އޮވެ، ސަރުކާރުގައި ބަހެއް ކިޔެންޏާ އިރާދަކުރެއްވިއްޔާ ތުޅާދޫއަށް އެއާޕޯޓެއް ލިބިގެންދާނެ. އެކަމާ ތިބޭފުޅުން ޝައްކު ކުރާނެ ކަމެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވެފައި ވަނީ އެރަށަށާއި އަތޮޅަށް ލިބެމުންދާ ކުރިއެރުންނަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ރައްޔިތުން ބޭނުންވާ ގޮތަށް އެއާޕޯޓެއް އަޅުއްވައިދިނުމަކީ އެއްވެސް ކަމެއް ނޫން ކަމަށެވެ.

މިރޭ ވާހަކަދައްކަވަމުން ނަޝީދު ވަނީ ދަ ޑިމޮކްރެޓްސްއާއި އެކު ކުރިއަށް ދިއުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެޕާޓީން ލޯންޗުކުރި ވިޔަފާރި ސިޔާސަތު ވެގެންދާނީ އެންމެ ކުދިކުދި ވިޔަފާރިތަކަށް ވެސް އާމްދަނީ ލިބޭ ގޮތަށް އޮންނަ ސިޔާސަތެއް ކަމަށް ފާހަގަކުރެއްވި އެވެ. އުމްރާނީ ތަރައްގީ ގެންނާނީ އޭގެ ސަބަބުން ރައްޔިތުންނަށް އާމްދަނީ ލިބޭނެހެން ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލާން ވަގުތު ކުޑަތަންވެފައިވާއިރު، މިއީ ނަޝީދު ރަށަކަށް ވެވަޑައިގެބް ފުރަތަމަ ވައުދެވެ.

ތުޅާދޫގައި އެއާޕޯޓެއް އެޅުމަކީ މި ސަރުކާރުން ވެސް ވެފައިވާ ވައުދެކެވެ. އެކަމަކު އެ މަސައްކަތް ކުރިއަކަށް ނުދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.