ހިސާބުން | ހުރިހާ ގެއަކަށް ސާފު ބޯފެން ލިބޭ އެއްވެސް އަތޮޅެއް ނެތް

މި ދިވެހި ރާއްޖޭގެ އެއްވެސް އަތޮޅެއްގެ ހުރިހާ ރަށެއްގެ ހުރިހގާ ގެއަކަށް ސަރުކާރު ފެނުގެ ނިޒާމުން ފެން ދީ ފުރިހަމަ ވެފައެއް އަދި ނުވެ އެވެ. ފެނުގެ ނިޒާމުން ސާފު ބޯފެން ލިބެނީ ރާއްޖޭގެ ގޭބިސީތަކުގެ 53 ޕަސެންޓަށެވެ.

ދިވެހި ރާއްޖޭގެ ކުޑަ ދެ އަންކުއްޖަކު ފެންފުޅިތަކެއް އުފުލާ ކަމަށް ސިފަކޮށް އާޓިފިޝަލް އިންލިޖެންސުން ޖެނެރޭޓް ކޮށްދީފައިވާ ފޮޓޯއެއް -- އޭއައި މިނޫސް | މިޑްޖާނީ

އެކި ސަރުކާރު ތަކުން ދިވެހި ރައްޔިތުންނަށް ސާފު ބޯފެން ދޭން ތަފާތު މަޝްރޫއުތައް ހިންގައިފި އެވެ. އެކަމަށް ބިލިއަނުން ރުފިޔާ ހަރަދު ވެސް ކޮށްފި އެވެ. އެކަމަކު ހޫނު ގަދަ މޫސުންތަކުގައި ރާއްޖޭގެ އެކި ރަށްރަށުން ފެނަށް ޖެހިގެން ސަރުކާރުގައި އާދޭސް ކުރަން ޖެހެ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް ބަލާނަމަ ވެސް ރާއްޖޭގެ އަތޮޅުތަކުގެ ހުރިހާ ގެއަކަށް ސަރުކާރު ބޯފެން / ސާފު ބޯފެން ފޯރުކޮށްދެވިފައެއް ނެތެވެ. 

ދައުލަތުގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ޖުމްލަ 94,424 ގޭބިސީ ހުންނައިރު މީގެ ތެރޭން ސާފު ބޯފެން ލިބެނީ 70,033 ގޭބިސީ އަކަށެވެ. އަދި ސާފު ބޯފެން ނުލިބޭ 24,391 ގޭބިސީއެއް އެބަހުއްޓެވެ. އެހެންވެ ބާކީ ހުރި ގޭބިސީތަކުން ބޯން / ގައިން ތާހިރުވާން ބޭނުން ކުރަނީ އެހެނިހެން ގޮތްގޮތުން ހޯދާ ފެނެވެ. މިގޮތުން ވާރޭ ފެން ނަގައިގެން ބޯން ބޭނުން ކުރާ ގޭބިސީގެ އަދަދަކީ 1,681 އެވެ. މުޅި ރާއްޖެ، މާލެ ހިމަނައިގެން ބަލާނަމަ 50,442 ގޭބިސީއެއްގެ މީހުން މިހާރު ބޯން ބޭނުން ކުރަނީ ފުޅީގައި ބަންދު ކުރި ފެނެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައި 17,910 ގޭބިސީއަކުން ޑީސެލިނޭޓެޑް ފެން ބޭނުން ކުރެ އެވެ. 

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހުރިހާ އަތޮޅެއްގެ ހުރިހާ ގޭބިސީތަކަށް ސާފު ބޯފެން މިވަގުތު ލިބެން ނެތް ނަމަވެސް މާލެ ހިމަނައިގެން ބަލާނަމަ މުޅި ޖުމްލަ އާބާދީ / ގޭބިސީގެ 72 ޕަސެންޓް ސާފު ބޯފެން ފޯރުކޮށް ދެވެއެވެ. ނަމަވެސް މާލެ ވަކިކޮށްލައި އަތޮޅުތައް ވަކިން ބަލާނަމަ މި ޕަސެންޓޭޖް ބޮޑުތަނުން ދައްވެ އެވެ. 

ސާފު ބޯފެނުގެ ހާލަތު މާލެ ނުލައި ރަށްތައް ވަކިން ބަލާނަމަ މިދިޔަ އަހަރުގެ ނިޔަލަށް ސާފު ބޯފެން ފޯރުކޮށް ދެވެނީ ރާއްޖޭގެ ގޭބިސީގެ 53 ޕަސެންޓަށެވެ. 

ހޫނު ގަދަ ދުވަސް ވަރު ދިވެހި ރާއްޖޭގެ ދެމެފިރިއަކު ފެންފުޅި ހިފައިގެން ދާ މަންޒަރު ސިފަކޮށް އާޓިފިޝަލް އިންލިޖެންސުން ޖެނެރޭޓް ކޮށްދީފައިވާ ފޮޓޯއެއް -- އޭއައި އިމޭޖް މިނޫސް | މިޑްޖާނީ

ސާފު ބޯފެން ލިބެނީ 53 ޕަސެންޓަށް ގެއަށް

  •  ރަށްރަށުގެ ޖުމްލަ ގޭބިސީ - 51,853
  •  ސާފު ބޯފެން ލިބޭ ގޭބިސީ - 27,491
  •  ސާފު ބޯފެން ނުލިބޭ ގޭބިސީ - 24,362
  •  ޑީސެލިނޭޓެޑް ފެން ބޭނުން ކުރާ އާބާދީ - 7,960
  •  ފުޅީގައި ހުންނަ ފެން ބޯ ގޭބިސީ - 17,865
  •  ސާފު ބޯފެން ގޭބިސީގެ 53 ޕަސެންޓަށް

ރާއްޖޭގެ އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކުގައި ޖުމްލަ 47,888 ގޭބިސީ ހުންނައިރު މީގެ ތެރޭން ސަރުކާރުން އަޅާފައިވާ ފެނުގެ ނިޒާމުން ސާފު ބޯފެން ލިބެނީ 23,822 ގެއަށެވެ. އަދި  24,066 ގޭބިސީ އަށް ސާފު ބޯފެނެއް ނުލިބެ އެވެ. ވާރޭ ފެން ބޭނުން ކުރާ ގޭބިސީތަކުގެ އަދަދަކީ 1,642 އެވެ. އަދި ޑީސެލިނޭޓެޑް ފެން ބޭނުންކުރާ އާބާދީއަކީ 6376 އެވެ. އަތޮޅުތަކުގެ ވެރިރަށްތަކުގައި 6376 ގޭބިސީއަކުން ބޮނީ ފުޅީގެ ފެނެ އެވެ. އަދި ރައްކާތެރި / ސާފު ބޯފެން ލިބެނީ ވެރިރަށްތަކުގެ އާބާދީގެ 49.7 ޕަސެންޓަށެވެ. 

ދިވެހި ރާއްޖޭގެ އަންހެނަކު ރަށަކަށް ދަތުރު ގޮސް އޭނާގެ ކުޑަ ދެ ކުދިންނާއެކު ފެންފުޅިއެއް އުފުލާ ކަމަށް އާޓިފިޝަލް އިންޓަލިޖެންސުން ޖެނެރޭޓް ކޮށްދީފައިވާ ފޮޓޯއެއް -- އޭއައި މިނޫސް | މިޑްޖާނީ
ދިވެހި ރާއްޖޭގެ ކުޑަ ދެކުއްޖަކު ފެންފުޅިތަކެއް އުފުލާ ކަމަށް ސިފަކޮށް އާޓިފިޝަލް އިންލިޖެންސުން ޖެނެރޭޓް ކޮށްދީފައިވާ ފޮޓޯއެއް -- އޭއައި މިނޫސް | މިޑް ޖާނީ

ބޯފެނުގެ ހާލަތު އެންމެ ގޯހީ ފާފުގައި

ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ 20 އަތޮޅުގެ ތެރޭން ސާފު ބޯފެން ހުރިހާ ރަށްރަަށް ލިބޭ އެންމެ އަތޮޅެއް ވެސް ނެތެވެ. މިގޮތުން ބޯފެނުގެ ހާލަތު އެންމެ ގޯސް ކަމަށް ދައްކަނީ ނިލަންދެއަތޮޅު ނުވަތަ ފ. އަތޮޅެވެ. އެ އަތޮޅުގައި 860 ގޭބިސީ ހުރިއިރު ސާފު ބޯފެން ލިބެން ހުރީ އެންމެ 227 ގޭބިސީއެއްގަ އެވެ. އަދި 633 ގޭބިސީއަށް ސާފު ބޯފެނެއް ނުލިބެ އެވެ. މި އަތޮޅުގެ 41 ގޭބިސީއަކުން ބޯން ބޭނުން ކުރަނީ ވާރޭ ފެނެ އެވެ. އަދި ހަތަރު ގޭބިސީއަކުން ޑީސެލިނޭޑެޓް ފެން ބޭނުން ކުރާއިރު  182 ގެއަކުން ފެން ބޮނީ ޕްލާސްޓިކް ފެން ގަނެގެން ޕްލާސްޓިކް ފުޅީގަ އެވެ. މި އަތޮޅުގެ ރަށްރަށުގެ ގޭގޭގެ ތެރޭން ސާފު ބޯފެން ލިބެނީ  26.4 ޕަސެންޓަށެވެ. 

ފާފު ނަގާފަ ފެން ފެނުގެ ހާލަތު މިދިޔަ އަހަރާ ހަމައަށް ބަލާނަމަ އެންމެ ގޯސްކޮށް އޮތް ކަމަށް ދައްކަނީ ށ. އަތޮޅުގަ އެވެ. އެ އަތޮޅުގެ 2,816 ގޭބިސީގެ ތެރޭން ސާފު ބޯފެން ލިބެނީ އެންމެ 973 ގޭބިސީއެއްގަ އެވެ. އަދި 1,843 ގޭބިސީއެއްގައި ބޭނުން ކުރަނީ ރައްކާތެރި ނޫން ފެނެ އެވެ. އަދި 114 ގޭބިސީއެއްގައި ވާރޭ ފެން ބޭނުން ކުރެެ އެވެ. މީގެ އިތުރުން  702 ގޭއެއްގައި ބޭނުން ކުރަނީ ފެން ފުޅި އެވެ. 

ދިވެހި ރާއްޖޭގެ ދެ ކުއްޖަކު ފެންފުޅިތަކެއް އުފުލާ ކަމަށް ސިފަކޮށް އާޓިފިޝަލް އިންލިޖެންސުން ޖެނެރޭޓް ކޮށްދީފައިވާ ފޮޓޯއެއް -- އޭއައި މިނޫސް | މިޑްޖާނީ

މާލޭގެ 32,577 ގޭބިސީގައި ފުޅީގެ ފެން

ރާއްޖޭގެ އާބާދީގެ ބޮޑު ޕަސެންޓެއް ދިރިއުޅޭ މާލޭގެ 42,571 ގޭބިސީގެ ތެރޭން 15 ގޭބިސީއެއްގައި ބޯން ބޭނުން ކުރަނީ ވާރޭ ފެނެވެ. އަދި މާލޭގައި 9,950 ގޭބިސީއެއްގައި ޑިސެލިނޭޓެންޑް ފެން ބޮ އެވެ. މާލޭގެ 32,577 ގޭބިސީގައި ބޯން ބޭނުން ކުރަނީ ފުޅީގެ ފެނެ އެވެ. މާލެ އާބާދީގެ 99.9 ޕަސެންޓް މީހުންނަށް ސާފު ބޯފެން ލިބެން ހުރެ އެވެ. 

މިހާރު ކުރާ މަސައްކަތަށް ނަޒަރެއް - ސަރުކާރުން ވަނީ މި އަހަރުގެ ބަޖެޓުގައި ރާއްޖޭގެ 158 ރަށެއްގައި ފެނާއި ނަރުދަމާ ގެ މަޝްރޫއުތައް ހިންގުމަށް ބަޖެޓުގައި 643.8 މިލިއަން ރުފިޔާ ހިމަނާފަ އެވެ. މި އަހަރު ނިމޭއިރު ރާއްޖޭގައި ފެނާއި ނަރުދަމާނެތް އެއްވެސް ރަށެއް ނުހުންނާނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. މި މަސައްކަތް ކުރުމަށް ކުންފުނިތަކާ ވަނީ ހަވާލު ވެސް ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.