ކެމްޕެއިނަށް ނިކުތުމަށް އިދިކޮޅަށް ރައީސް ގޮވާލައްވައިފި، ވާދަކުރަން ތައްޔާރު

ރައީސް ސޯލިހާއި ގާސިމް އިބްރާހިމް އަދި މުހައްމަދު ނާޒިމާއި އުމަރު ނަސީރުގެ ކެމްޕެއިން މިހާރު ވަނީ ފަށާފައެވެ. ފުޅާކޮށް ވަރުގަދަކޮށް ހިގަނީ ރައީސް ސޯލިހްގެ ކެމްޕެއިން އެކަންޏެވެ. އިދިކޮޅު މައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހުންނެވީ ޖަލުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ވާދަވެރީން ވެސް ކެމްޕެއިނަށް ނިކުމެ ވާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ / އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މީމު އަތޮޅުގެ ދިއްގަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރަައީސް ވިދާޅުވީ ވާދަވެރިން ތިބީ ދެހާސް ވަނަ އަހަރުގައި ކަމަށެވެ. އެމަނިކުފާނު އިޝާރާތް އެ ކުރައްވަނީ ކެމްޕެއިނަށް ވަޑައިގަތުމުން ރައީސާއި ދެކޮޅަށް ރަށްރަށުގައި ކުރާ އިހްތިޖާޖުތަކަށް ކަމަށް ބެލެވެއެވެ.

ރައީސް ވަނީ ވާދަވެރިން ވެސް ކެމްޕެއިނަަށް ނިކުންނެވުމަށް ގޮވާލައްވާފައެެވެ. އެމަނިކުފާނު ވިދާޅުވީ ވާދަކުރައްވަން ހުންނެވީ ތައްޔާރަށް ކަަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ކެމްޕެއިނަށް ނިކުންނަވާށޭ. ވާދަކުރައްވަން ނިކުންނަވާށޭ. އަޅުގަަނޑުމެން މި ތިބީ ތައްޔާރަށް ށޭ،"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ރަައީސް މިރޭ ވިދާޅުވީ ތަޅާފޮޅުމާއި ހަމަނުޖެހުމަށް ސަރުކާރުން އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އަދި ދިވެހި ގައުމުގެ ހަމަޖެހާއި ސުލްހަ މަސަލަސްކަން ފުލުހުންނާއި ސިފައިން ބަލަަހައްޓާނެ ކަމަށް ވިދާޅުވި އެވެ.

"ހަމަނުޖެހުމާއި ތަޅާފޮޅުމާއި ސުލްހަ ގެއްލުވާލަން ކުރާ ކަންތައްތަކަކަށް މި ސަރުކާރުން ފުރުސަތެއް ނުދޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވިއިރު އިިދިކޮޅު މައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް / ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ޖަލުގައެވެ. އެމަނިކުފާނަކީ ޕާޓީއަކުން ރިޔާސީ ޓިކެޓް އެރުވި ފުރަތަމަ ކެންޑިޑޭޓެވެ. ކެމްޕެއިން ވެސް ފުރަތަމަ ރަސްމީ ކުރެއްވީ އެމަނިކުފާނެވެ. ނަމަވެސް ރިޔާސީ ޓިކެޓް އަރުވާފައި ވަނިކޮށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އެ ހުކުމް އޮތުމުން އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ނަމަވެސް އިދިކޮޅު ކޯލިޝަނުން ވަނީ އިންތިހާބުގެ ކުރީން ރައީސް ޔާމީން މިނިވަންވާނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ. ހައިކޯޓް މަރުހަލާއިން ޔާމީން މިނިވަންވާނެ ކަމަށް ބުނި ނަމަވެސް ހައިކޯޓްގައި އޮތް އިސްތިއުނާފު އޮތީ ހުއްޓިފައެވެ. އެއީ ކުއްލި ގޮތަކަށް ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގަތުމުންނެވެ. އަނެއްކޮޅުން ދަށު ކޯޓްގައި އޮތް ޔާމީންގެ މައްސަލަ ވަރަށް ބާރަށް ގެންދަން ވަނީ ހިފާފައެވެ. އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި ކޯޓްގައި މައްސަލަތައް ހިންގަނީ ސަރުކާރުގެ ނުފޫޒުގައެވެ. ޔާމީން މިނިވަން ވިޔަ ނުދޭން ސަރުކާރުން ދަނީ އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންނެވެ.

ރައީސް ސޯލިހްގެ އިތުރުން މި ފަހަރުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވާދަކުރައްވައެވެ. އަމިއްލަ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވާދަ ކުރައްވައެވެ. ތިން ކެންޑިޑޭޓުންގެ ކެމްޕެއިން ވަނީ ފަށާފައެވެ. ނަމަވެސް ފުޅާކޮށް ވަރުގަދަކޮށް ހިގަނީ ރައީސް ސޯލިހްގެ ކެމްޕެއިން އެކަންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.