ދޫނި ބޭރު ކުރަން އުޅުނު ދިވެހި މީހާ މިލިއަނުން ރިޝްވަތު ދީގެން ތައިލެންޑުން ފިލައިފި

މި އަހަރުގެ މާރިޗް މަހުގެ ތެރޭގައި ވެސް، މަނާ ދިރޭ ތަކެތި ތައިލެންޑުން ބޭރުކުރަން އުޅެނިކޮށް ދިވެހިންގެ ބަޔަކު ހުއްޓުވި އެވެ. ނަމަވެސް ފަހުން އެ މީހުން ދޫކޮށްލި އެވެ.

ދޫނިތައް ބޭރުކޮށްލަން އުޅެނިކޮށް ތައިލެންޑުން މި އަހަރު އޭޕްރީ މަހުގެ ތެރޭގައި ހައްޔަރު ކުރި ދިވެހި މީހާ (މ) ގައި

ހިމާޔަތް ކޮށްފައިވާ ދޫނިތަކެއް ތައިލެންޑުން ވަގަށް ބޭރު ކުރަން އުޅެނިކޮށް އެ ގައުމުގައި ހައްޔަރު ކުރި ދިވެހި މީހާ ފިލައިގެން ރާއްޖެ އަތުވެއްޖެކަން "މި" ނޫހަށް ކަށަވަރު ވެއްޖެ އެވެ. 

އޭނާ ތައިލެންޑުން ފިލާފައިވާއިރު އެ މައްސަލާގައި އެ މީީހާއާ މެދު ފިޔަވަޅު އެޅުމަށް ތައިލެންޑްގެ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕާކް، ވައިލްޑްލައިފް އަދި ޕްލާންޓް ކޮންސަވޭޝަން (ޑީއެންޕީ) ވަނީ ފުލުހަށް ގިނަ ހެކިތަކެއް ހުށަހަޅާފަ އެވެ. އަދި އޭނާގެ މައްޗަށް މައްސަލަ ހިނގޭނެ ގޮތްތައް ހޯދައި އޭނާ ހައްޔަރު ކުރަން ކުރަންޖެހޭ ކަންކަން ތައިލެންޑްގެ އިދާރާތަކުން ވަނީ ފަށާފަ އެވެ. އެ މަސައްކަތް ކުރާއިރު އޭނާ ފިލައި މިހާރު ހުރި ރާއްޖޭގައި ތައިލެންޑްގެ އިދާރާތަކަށް އެނގެ އެވެ. 

"މި" ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި އަދި އޭނާ ފިލައިގެން ރާއްޖެ އައީ ފުލުސް އޮފިސަރަކާއި އިމިގްރޭޝަނުގެ މުވައްޒަފުންތަކަކަށް ދެ މިލިއަން ތައި ބާތު (ގާތްގަނޑަކަށް 900،000ރ.) ރިޝްވަތުގެ ގޮތުގައި ދީގެނެވެ. އެ މީހާގެ ޕާސްޕޯޓްގައި ތައްގަނޑު ޖެއްސުމަށް 11،000 އެމެރިކާ ޑަލަރު ރިޝްވަތަށް ދީފައި ވެއެވެ. ތައިލެންޑުން "މި" ނޫހަށް މައުލޫމާތު ދެއްވި ކަންކަން އެނގޭ ބޭފުޅަކު ވިދާޅުވި ގޮތުގައި "ދިވެހިރާއްޖޭގެ އެ މީހާ ތައިލެންޑްގައި ލޭބަލްކޮށްފައި ވަނީ ގޭންގް ސްޓާރެއް"ގެ ގޮތުގަ އެވެ. އަދި އޭނާ ހޯދަން އިންޓަޕޯލުން ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ. 

ދިވެހި މީހާއާ ގުޅުންހުރި އެހެން ދިވެއްސަކާއި އޭނާ ރިޝްވަތު ދިން މީހުންގެ މައްސަލަތައް ވެސް ތައިލެންޑްގެ ފުލުހުން ގެންދަނީ ބަލަމުންނެވެ.

ފިލި ދިވެހި މީހާ ގެންނަން އުޅުނު ދޫނިތަކުން ދޫންޏެއް
  •  އޭނާ ފިލައިގެން ރާއްޖެ އައީ ފުލުސް ރިޝްވަތު ދީގެން
  •  ފުލުސް އޮފިސަރަކާއި އިމިގްރޭޝަނުގެ މުވައްޒަފުންތަކަކަށް ދެމިލިއަން ތައި ބާތު ދިން
  •  ޕާސްޕޯޓްގައި ތައްގަނޑު ޖެއްސުމަށް ރިޝްވަތަށް 11،000 އެމެރިކާ ޑޮލަރު ދިން
  •  މި މައްސަލައާ އިތުރު ދިވެއްސަކު ގުޅިފައިވޭ
ފަސްމަންޒަރު - މިދިއަ އޭޕްރީލް މަހުގެ ތައިލެޑު ފުލުހުން ދިވެހި މީހާ ހައްޔަރު ކުރީ ބެންކޮކް އެއާވޭސްގެ ފްލައިޓަކުން ރާއްޖެ އައުމަށް އެ ގައުމުގެ މައި އެއާޕޯޓް، ސުވަރްނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓަ އެވެ. އޭނާ އަށް ޝައްކު ވެގެން ލަގެޖު ބެލި އިރު ތައިލެންޑުގައި ހިމާޔަތް ކޮށްފައިވާ ދިރޭ ތަކެތީގެ ތެރޭގައި ހިމެނޭ ދޫނިތަކެއް ތިއްބެވެ. ދޫނިތައް ތިބީ ވަށިގަނޑުތަކަކަށް އަޅައި، ފޮށީގެ ތެރޭގައި ބަންދުކޮށްފައި ހުރި އިތުރު ފޮއްޓެއްގަ އެވެ.

އޭރު ތައިލެންޑްގެ ޑީއެންޕީއާ ހަވާލާދީ "ބެންކޮކް ޕޯސްޓް" ގައި ބުނެފައި އޮތީ ދިވެހި މީހާގެ ލަގެޖުން ފެނުނީ، "ބްލެކް ހޯކް" އާއި "ބަފީ ފިޝް އައުލް" އާއި "ބެއާޑް އީގަލް އައުލް" ފަދަ ދޫނިތައް ކަމަށެވެ. އެ އެއްޗެހީގެ އަގު ގާތްގަނޑަކަށް 45،099ރ. އަަށް އަރަ އެވެ.

އިދާރާތަކުގެ ބަހެއް ނެތް - މި މައްސަލައާ ގުޅޭ ގޮތުން ތައިލެންޑްގައި ހުންނަ ދިވެހި އެމްބަސީއާ ގުޅުމުން ޖަވާބެއް ލިބޭ ގޮތެއް ނުވި އެވެ. އަދި ފޮރިން މިނިސްޓަރީ އާއި ފުލުސް އިދާރާއިން ވެސް ޖަވާބެއް ނުދެ އެވެ.

މި އަހަރުގެ މާރިޗް މަހުގެ ތެރޭގައި ވެސް، މަނާ ދިރޭ ތަކެތި ތައިލެންޑުން ބޭރުކުރަން އުޅެނިކޮށް ދިވެހިންގެ ބަޔަކު ހުއްޓުވި އެވެ. ނަމަވެސް ފަހުން އެ މީހުން ދޫކޮށްލި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.