އުތުރުގެ ދެ އަތޮޅަށް ފެއްޓެވި ދަތުރުގައި ނާޒިމް ވަނީ 12 ރަށަކަށް ވަޑައިގެންފަ އެވެ. އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ އުތުރުގެ މައި ރަށް ކުޅުދުއްފުށި ސިޓީއަށެވެ.
މި ސަރުކާރުން މަސްވެރިކަން ކުރިއަރުވަން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށާ މިދިޔަ ފަސް އަހަރުތެރޭ މަސްވެރިކަމުގެ ސިނާއަތް ފުނޑާލާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ އެންމެ އުތުރުގެ ވެރިރަށް، ހއ. ދިއްދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ މަސްވެރި ކަމަކީ ދިވެހީންގެ ލޭނާރުގެ ގޮތުގައި ދެކުނު ޒަމާން މާޒީގެ ތެރެއަށް ބަޔަކު ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެއީ އެފަދައިން އިހުމާލުކޮށް ދޫކޮށްލައިގެން ވާނެ ދާއިރާއެއް ނޫން ކަމަށެވެ.
ކޮވިޑްގެ ތެރޭގައި ވެސް ނުހުއްޓި ހިނގަ ހިނގާ އޮތް ހަމައެކަނި އިންޑަސްޓްރީއަކީ މަސްވެރިކަން ކަން ފާހަގަ ކުރައްވާ ނާޒިމް ވަނީ އެފަދަ މުހިންމު ސިނާއަތެއް ކުރިއަރުވަން މި ސަރުކާރުން ކުރީ ކޮން ކަމެއްތޯ ސުވާލު ކުރައްވާފައެވެ. މަސްވެރި ކަމުގެ ސިނާއަތަށް ކޮށްދެވުނު ހިދުމަތެއް ނެތްތާ ސަރުކާރުން އަމަލު ކޮށްފައި ވަނީ އެ ސިނާއަތް ފުނޑާލަން ކަމަށް ނާޒިމް ވިދާޅުވި އެވެ.
މަސްވެރި ކަމަކީ ހަޑި މަސައްކަތެއް ނޫން ކަމަށާ އެއީ ދިވެހި ކާބަފަައިގެން ފަރާތުން ވާރުތަވި ފަހުރުވެރި މަސައްކަތެއް ކަމަށް ނާޒިމް ވިދާޅުވި އެވެ. މަސްވެރިކަމުން އާމްދަނީ ހޯދަމުން އައި ދިވެހި ޒުވާނުންނަށް ކުންފުނިތަކެއްގެ ވަޒީފާގެ ދަޅަ ދައްކާ ކުޑަކުޑަ މުސާރައެއްގައި ރަށުގައި ތިބޭ ބަޔަކަށް މި ސަރުކާރުން ހަދާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ފެނަކަ އާއި އެމްޓީސީސީ އާއި ރޯޑް ކޯޕަރޭޝަނުން 8000 ރުފިޔާގެ މުސާރައެއް ދީފައި އެކުދިން އެ ތިބީ ތަޅުލާފައި. އެކުދިން އެތިބީ އަނިޔާވެރި ކަމުގެ ތެރެއަށް ގެނެސް ކަސްތޮޅު ތެރެއަށް ލާފައި،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވަނީ މަސްވެރިކަމަށް ނުކުުުތުމަށް ދިވެހި ޒުވާނުންނަށް ހިތްވަރުދީ ތަރުހީބު ދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ދިއްދޫއަށް އެކަނި ބަލާލުމުން ވެސް މި ސަރުކާރުން މަސްވެރީންނަށް ވެފައިވާ އިހުމާލު ފެންނަން އެބަ އޮތް ކަަމަށް ވިދާޅުވި އެވެ. ދިއްދޫ ފަދަ މަސްވެރި ރަށެއްގައި މިއަދު ގަވާއިދުން މަހަށް ފުރާ އޮތީ އެންމެ ދެ އުޅަނދު ކަމަށާ އައިސްޕްލާންޓެއްގެ ވައުދުވީ ނަމަވެސް ދައުރު ނިންމާލީ އެފަދަ އެއްވެސް ވައުދެއް ނުފުއްދާ ކަމަށް ވިދާޅުވި އެވެ.
ނާޒިމް ވަނީ ދިއްދޫއަށް ވައުދުތަކެއް ވެވަޑައިގެންފައެވެ. އޭނާއަށް ފުރުސަތު ލިބިއްޖެނަމަ އެ ވައުދުތައް ފުއްދަވާނެ ކަަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ނާޒިމްގެ ވެރިކަމެއްގައި އިސްކަން ދެއްވާނެ ގިނަ ކަންކަން ފާހަގަ ކުރެއްވި އެވެ.
އުތުރުގެ ދެ އަތޮޅަށް ފެއްޓެވި ދަތުރުގައި ނާޒިމް ވަނީ 12 ރަށަކަށް ވަޑައިގެންފައެވެ. އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ އުތުރުގެ މައި ރަށް -- ކުޅުދުއްފުށި ސިޓީއަށެވެ. އެ އަތޮޅުގެ އިތުރު ފަސް ރަށަކަށް ވަޑައިގެންފައިވެއެވެ. އެއީ ވައިކަރަދޫއާ ނެއްލައިދޫގެ އިތުރުން މަކުނުދޫއާ ނޮޅިވަރަމް އަދި ހަނިމާދޫ އެވެ.
ހއ އުތީމާއި އިހަވަންދޫ އަދި ތަކަންދޫ އާއި މާރަންދޫގެ އިތުރުން ހޯރަފުއްޓާއި ދިއްދޫއަށް ވަނީ ވަޑައިގެންފައެވެ.