ރައީސްގެ ވާހަކަފުޅާ އެކުވި މަންޒަރެއް ؛ ނޫމަރާ ބަނދަރުގެ ނުރައްކާ

ކުޑަކުޑަ މި ރަށް، ނޫމަރާގެ ބަނދަރުގައި ފަސް އަހަރު ދުވަސް ތެރޭ ދެ މަޝްރޫއެއް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރުގެ ކުދި ރަށްތައް ބާކީ ނުކުރުމުގެ ސިޔާސަތުގެ އަލިގަދަ ފާހަގަ އެކެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނޫމަރާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރަށަށް ފައިބާވަޑައިގަންނަވަނީ

ށ. ނޫމަރާއިން: މުހައްމަދު ޔަމީން

ރައީސުލްޖުމްހޫރިއްޔާ ށ. ނޫމަރާއަށް ވަޑައިގަންނަވާތީ މަރުހަބާ ދެންނެވުމަށް ބަނދަރުމަތީ އޮތް ކިއު ދިގެވެ. އެހެންވެ މިއީ 500 އެއްހާ މީހުން ވެސް ހަމަ ނުވާވަރުގެ އާބާދީއެއް އޮތް ރަށެކޭ މީހަކު ހީވެސް ނުކުރާނެ އެވެ.

ބަނދަރުމަތީ ހުރި ގަސްތަކުގެ ހިޔަލުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހާއްސަކޮށްފައި އޮތް ޖަލްސާއަށް ޖަހާފައި ހުރި ގޮނޑިތައް ފުރި، ކައިރީ ހުރި ހޮޅު އަށިތަކާއި، ޖޯލި ފަތިތައް ވެސް އޮތީ އެކަށް ފުރާލާފަ އެވެ. ނޫސްވެރިއަކަށް އިށީނދެލާނެ ޖާގައެއް ލިބުނީ ޖަލްސާ އޮތް މައިދާނާ ތަންކޮޅެއް ދުރުގައި ބަހައްޓާފައި ހުރި ބެންޗަކުންނެވެ. އެމްޑީޕީއަށް އަބަދު ވެސް ތާއީދު ބޮޑު ނޫމަރާގެ ރައްޔިތުންނާ މުހާތަބު ކުރައްވަން ރައީސް ސޯލިހު ތެދުވެވަޑައިގަތުމާއެކު މުޅި މައިދާން ތަރުހީބުގެ އަޑުން ގުގުމާލިއެވެ.

"ނޫމަރާއަކީ މާލެއިން އުތުރުގައި އެންމެ އަޅާނުލާ އެންމެ ބާކީ ކޮށްލާފައި އޮތް އެއް ރަށް،" މިދިޔަ އާދީއްތަ ދުވަހު މި ރަށަށް ވަޑައިގެން، ރައީސް މި ރަށުގެ ވާހަކަ ފެއްޓެވީ ވެސް މިހެންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ށ. ނޫމަރާގައި ވާހަކަދައްކަވަމުން ދިޔައިރު ކައިރި ހޮޅުއަށިތަކުގައި މީހުން އަޑުއަހަނީ

އެއީ ތެދެކެވެ؛ ނޫމަރާގެ އާބާދީ އާއި ސައިޒު ކުޑަވެފައި، ރަށަށް ދިމާވެފައިވާ މައްސަލަތައް އިންތިހާއަށް ބޮޑެވެ. އެކަން އެހެން އޮތުމުގައި ސަރުކާރުތަކުގެ އިހުމާލު ވެސް އެހާ ބޮޑެވެ. ރައީސް ދެން އިޝާރާތް ކުރައްވަނީ އެކަން އެންމެ ބޮޑަށް ދަލީލުކުރާ މައްސަލައަށެވެ.

"ތިޔަބޭފުޅުންނަށް އެނގޭނެ މި ރަށަށް އަރާ ފުރުމުގެ ދަތިކަން. ފެށުނީއްސުރެ. މިރަށަށް އަރާ ފޭބުމުގެ ފަސޭހަ ގޮތެއް ފުރަތަމަ ވެސް ހޯދައި ދެވުނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރަށް،" ރައީސް ވިދާޅުވި އެވެ.

އެއާއެކު، ވަށައިގެން ގަދަކަމަށް މަޝްހޫރު ކަނޑެއް އޮތް ގާމަތީ މި ރަށުގައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހެދި ބަނދަރާ ދިމާލަށް ބަލައިލީމެވެ. އާދައިގެ ކުޑަކުޑަ ބަނދަރެކެވެ. ނެރު ކަނޑާ، ހިލަ ޖަހާފައި އޮތް ގޮތުން އެ ބަނދަރުން ލަފާ ފުރުން ފަސޭހަ ނުވާނެ ސަަބަބު ފެނެއެވެ. އޭރު އެމްޓީސީސީގެ ލަކުޑި ފެރީ އެރަށަށް ލަފާން އާދެ އެވެ. ފަޅަށް ވަނުމަށް ފަހު، އަނބުރާލުމަށް ފަހަތަށް ޖަހާލި ގޮތަށް ގޮސް އެ އެރީ ތޮއްޓަށެވެ.

"އަދިވެސް މިރަށުގެ ބަނދަރަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ، އަޅުގަނޑާ މިރަށުގެ ކައުންސިލާ މިދިޔަ އަހަރުގެ ތެރޭގައި ބައްދަލުކުރެވުނު. އެންމެ ހާއްސަ ކަމެއް ދީގެން މިރަށަށް ކޮށްދޭންޖެހޭ ކަމެއްގެ ގޮތުގައި ކައުންސިލުގެ ފަރާތުން އަޅުގަނޑަށް ހުށަހެޅީ ބަނދަރުގައި ހުރި ދަތިކަން ހައްލުކުރުން" ރައީސްގެ ވާހަކަ ކުރިއަށް ދިޔައެވެ. ޖަލްސާއަށް ސަމާލުކަން ތިބި މީހުން ޝައުގުވެރިކަމާއެކު އަޑުއަހަމުން ދިޔަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނޫމަރާގެ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަދައްކަވަނީ

އެ ވަގުތު ބަނދަރުމަތީ އެހެން ކަންކަމުގައި މަޝްއޫލުވެ އުޅުނު މީހުން އަވަސްވެގަތީ ތޮށިމައްޗަށް ބީހުނު ދޯނި ފުންކުރާށެވެ. އިސާހިތަކު، އޮޑީގައި ވަލެއް ޖަހާ، އެއްގަމުގައި ތިބި މީހުން އޭގެ އެހީގައި އެކަން ކޮށް ނިންމާލައިފި އެވެ. އެކަން ނިމުމުން ފެރީ ރަށަށް ބަނދަރު ކޮށްފި އެވެ.

ނޫމަރާއަށް މިއީ އާކަމެއް ނޫނެވެ؛ އެ ދޯނި ތޮއްޓަށް އެރުމާއެކު ރަށު މީހުންގެ ހަރަކާތް އަވަސް ކަމާއި، ހައްލު ހޯދިލެއް ފަރިތަ ކަމުން ވެސް އެކަން ދޭހަވެ އެވެ. އޮޔާއި ވައި ހުންނަ ގޮތުން ކޮންމެ ދެ ދުވަހުން އެއްދުވަހު މިކަހަލަ ކަންކަން ހިނގާ ދުވަސްވަރު ވެސް އާދެ އެވެ.

އެފަދަ ބައެއް ހާދިސާތަކުގައި ބޮޑެތި ދޯނި ފަހަރު ނެރުމައްޗަށް އަރައި، ރަށުން ލަފާ ފުރުން ހުއްޓި، ކާބޯތަކެތި ލިބުމަށް ދަތިވާ ހިސާބަށް ކަންކަން ގޮސްފައި އެބަހުއްޓެވެ. އެންމެ ފާހަގަކޮށްލެވޭ ހާދިސާއަކީ 2019 ވަނަ އަހަރު އެ ރަށުގެ ބަނދަރުގައި ޖެހުމަށް ހިލަ ހިފައިގެން ދިޔަ ބާޖެއް ނެރުމައްޗަށް ހުރަސްވެ، މޫސުން ގޯސްވެލައިފިނަމަ ކުދި ޑިންގީތަކަށް ވެސް ނުނިކުމެވޭ ވަރަށް ކަނޑިންމަ ބެދުމެވެ. އެފަހަރު މަހަކަށް ވުރެ ގިނަ ދުވަހު އެ ހާލުގައި ނޫމަރާ މީހުން އުޅޭން ޖެހުނެވެ. 

ނޫމަރާ ކަނޑިންމައިން ކޯސްޓުގާޑުގެ އުޅަނދެއް ވަންނަނީ، މި ބަނދަރުގެ ތޮއްޓަށް އޮޑިދޯނި ފަހަރު އެރުމަކީ އާންމު ކަމެއް

"އެ ދުވަހާ [ކައުންސިލާ ބައްދަލުވުމާ] އެކުގައި އަޅުގަނޑުމެންގެ މަސައްކަތް ފެށި، ބިޑް ކުރެވި، މިހާރު ވަނީ ކޮންޓްރެކްޓް ކޮށް ބަޔަކާ ހަވާލު ކުރެވިފައި. އިރާދަކުރެއްވިއްޔާ މިރަށުގެ ރައްޔިތުން ތިޔަ ބޭނުންވާ ގޮތަށް މިރަށުގެ ބަނދަރު އަލުން ރަނގަޅުކުރެވި، ލަފާ ފުރުމަށް ފަސޭހަ ބަނދަރަކަށް ހެދުމަށްޓަކައި ކުރާ މި މަސައްކަތް ކޮށްދީ ނިންމާނަން" 

ރައީސް އެ ވިދާޅުވީ ނޫމަރާ ރައްޔިތުންގެ އެތައް ދުވަހެއް ވަންދެން ބޭނުންވި ޔަގީން ކަމާއި އުންމީދު ލިބުނު ވާހަކައެކެވެ.

ޖަލްސާ ނިމުމާއެކު ކައުންސިލުގެ ރައީސް އަލީ ރަބީއުގެ ގާތުގައި ބަނދަރުގެ ވާހަކަ އަހާލައިފީމެވެ. މި ސަރުކާރުގެ ކުރީ ކޮޅު އެ ބަނދަރުގައި ތޮށިޖަހާ، ނެރު ބައްތި އާ ކުރުމަށް 10 މިލިއަނެއްހާ ރުފިޔާގެ މަޝްރޫއެއް ހިންގި އެވެ. ކައުންސިލުން ރައީސާ ބައްދަލުކުރީ އޭގެ ފަހުން ވެސް އެ ބަނދަރުގެ މައްސަލަތައް ހައްލު ނުވުމުންނެވެ.

ރަބީއު ވިދާޅުވި ގޮތުގައި މިހާރު ހިންގަމުންދާ މަޝްރޫއުގެ ދަށުން ބަނދަރަށް 400 ފޫޓު އިތުރު ކުރާނެ އެވެ. އަދި ކަނޑިންމަ މިހާރަށް ވުރެ ބޮޑަށް ބޭރަށް ނެރޭނެއެވެ. އެއާއެކު މިހާރު ދިމާވާ މައްސަލަތައް ހައްލު ވާނެ ކަމަށް ރަބީއު ގަބޫލު ކުރައްވަ އެވެ.

ކުޑަކުޑަ މި ރަށުގެ ބަނދަރުގައި ފަސް އަހަރު ދުވަސް ތެރޭ ދެ މަޝްރޫއެއް ފެށުމަކީ ސަރުކާރުގެ ކުދި ރަށްތައް ބާކީ ނުކުރުމުގެ ސިޔާސަތުގެ އަލިގަދަ ފާހަގައެކެވެ. އިތުރު އެތައް ވައުދުތަކެއްގެ ލިސްޓަކާއެކު ރައީސް އެރަށުގެ ރައްޔިތުންނަށް ދެއްވި އުންމީދަކީ ދެން އެރަށަށް އަޅާނުލެވި ބާކީވެފައި އޮންނަން ނުޖެހޭނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.