ސީރިއާގެ އިރު އުތުރުގައި އޮންނަ އަލް-ހޯލް ރެފިއުޖީ ކޭމްޕުގައި ދިރިއުޅެމުންދާ ދިވެހިންކަމަށް ބުނެ އެ މީހުންގެ މައުލޫމާތުތައް ހިމެނޭ ލިސްޓެއް އެ ދުވަސްވަރު އާންމުވިއެވެ.
ސީރިއާގައި ތާށިވެފައި ތިބި ދިވެހި އާއިލާތައް އަންނަ އޯގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖެ ގެންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނު ދަތުރުތައް ފެށުމަށް ށ. ކޮމަންޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރިން އޮތް ސަރުކާރުގައި ހަރުކަށި ފިކުރު ހުއްޓުވުމަށް މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަން ބެލިއިރު 100 އަށް ވުރެ ގިނަ މީހުން ހަނގުރާމައަށް ދިޔަ ކަމާއި، 70 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަން އެނގިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ވެރިކަމަށް އައި އިރު ސަރުކާރުގެ ސިޔާސަތުގައި ބުނަމުން ދިޔައީ ރާއްޖެއަކު ހަރުކަށި ފިކުރުގެ މީހުންނެއް ނޫޅެޔޭ. އެކަމަކު މިއަދު އައިސް އެ ހިސާބު ބެލިއިރުގައި 70 އަށްވުރެ ގިނަ މީހުން ސީރިއާގައި އަމިއްލައަށް މަރުވެ ގޮސްފި" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު ހަނގުރާމައަށް ދިޔަ މީހުންގެ ތެރެއިން ސީރިއާގައި ތާށިވެފައި ތިބި އާއިލާތައް އާއިލާތައް ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި އަންނަ މަހުގެ ނިޔަލަށް އެ އާއިލާތައް ރާއްޖެއަށް ގެނެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ސީރިއާ އާއި އެހެނިހެން ގައުމުތަކުގައި ހިނގާ ދާޚިލީ ހަނގުރާމަ ތަކުގައި ބައިވެރިވުމަށް ދިޔަ ދިވެހީންގެ ތެރެއިން މަރުވެފައިވާ މީހުންގެ އާއިލާތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް މީހެ ކުރިން ވެސް ވަނީ ފަށާފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ ތެރޭ ރައީސް ވަނީ އެގައުމުގައި ހާލުގައި ޖެހިފައި ތިބި މީހުން ގެނައުމުގެ މަސައްކަތް ދެ ގައުމަކާ ގުޅިގެން ކުރަމުން ދާކަމަށް ވިދާޅުވެފައެވެ.
ސީރިއާގެ އިރު އުތުރުގައި އޮންނަ އަލް-ހޯލް ރެފިއުޖީ ކޭމްޕުގައި ދިރިއުޅެމުންދާ ދިވެހިންކަމަށް ބުނެ އެ މީހުންގެ މައުލޫމާތުތައް ހިމެނޭ ލިސްޓެއް އެ ދުވަސްވަރު އާންމުވިއެވެ. އެ ލިސްޓުގައި ޖުމްލަ 33 މީހެއްގެ ނަން ހިމަނާފައި ވެއެވެ. އަދި ހަނގުރާމައިގެ ތެރެއަށް އުފަންވެފައިވާ ކަމަށް ބުނާ 12 ކުއްޖެއްގެ މައުލޫމާތުވެސް ވަނީ ހިމަނައިފަ އެވެ.