އަލްމާހް | ވިޔަފާރި ބަނދަރުގެ ކުއްލި ހާލަތުގެ ޒިންމާއާއެކު

ޒުވާން އަލްމާހަކީ އެމްޕީއެލްގެ އެންމެ މުހިންމު އެއް ޑިޕާޓްމަންޓް ކަމަށްވާ އިމަޖެންސީ ރެސްޕޯންސް ޔުނިޓުގެ އެންމެ މުހިންމު ޒިންމާ އުފުލާ އެއް މުވައްޒަފެވެ. އޭނާ ފަދަ އެހެން ގިނަ ހުނަރުވެރިން ވެސް އެ ކުންފުނީގައި މަސައްކަތް ކުރެ އެވެ.

އަލްމާހު: މުޅި ވިޔަފާރި ބަނދަރުގައި ދިމާވާ ކުއްލި ހާލަތެއް މެނޭޖް ކުރުމުގެ އިސްވެރިޔަކީ އޭނާ

ވަޒީފާއަށް ފުރަތަމަ ވަޑައިގަތީ އަތް އުރާލައިގެން ހުހަށް ހުރުމުގެ ބަދަލުގައި ޒިންމާދާރު މަސައްކަތެއްކޮށް އާއިލާއަށް އެހީ ވެދޭށެވެ. އެހެން ވެގެން ސްކޫލަށް ފަހު މަަސައްކަތެއް ކުރަން ހިތުލައި އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިން ކޯހެއް ފުރިހަމަ ކުރެއްވި އެވެ. ސަބަބަކީ ޒުވާން އުމުރުން ގެއްލިގެން ދާ އެންމެ ދުވަހަކީ ވެސް ކިހާ އަގުހުރި ވަގުތުތަކެއްކަން އޭނާއަށް ވިސްނި ވަޑައިގެންފައި އޮތުމެވެ. އެކަމަކު ކަރަންޓުގެ މި ދާއިރާވީ މާ ޝައުގުވެރިވި ދާއިރާއަކަށް ނޫނެވެ. އެހެންވެ އެ މަސައްކަތުގައި އުޅުއްވަމުން އެހެން ގޮތެއް ހޯދަން މަސައްކަތް ފެއްޓެވި އެވެ. ނަސީބު ވެސް އަރާ ހަމަވި އެވެ. އޭރުގެ އުމުރަކީ އެންމެ 21 އަހަރެވެ. މިހާރު އޭނާ އަކީ ރާއްޖޭގެ އެންމެ މުހިންމު އެއް ތަން، މާލެ ވިޔަފާރި ބަނދަރު، މޯލްޑިވްސް ޕޯޓްސް (އެމްޕީއެލް) އިމަޖެންސީ ރެސްޕޯންސް ޑިޕާޓްމަންޓުގެ އެންމެ މުހިންމު ޒިންމާ އުފުލާ އަލީ އަލްމާހް އެވެ. 

"މި ކޮޅުގެ [އެމްޕީއެލް] އިއުލާނެއް އެހެން އުޅެނިކޮށް ފެނުނީ. އެ ހިސާބުން މިތަނަށް ޖޮއިން ކުރީ. ފުރަތަމަ ވަނީ ވެސް ވެލްފެއާ އަށް،" ރާއްޖެއަށް އަންނަ ހުރިހާ މުދަލެއް ބަލަހައްޓާ އެންމެ ނުރައްކާތެރި މަސައްކަތް ކުރާ އެސިސްޓެންޓް މެނޭޖަރުގެ މަގާމު ފުރުއްވާ 31އ. ގެ އަލްމާހް އޭނާގެ ވާހަކަ ފެއްޓެވި އެވެ. 

އަލްމާހުގެ ކެރިއަރު ފެއްޓެވި ދުވަސް ވަރަކީ ވިޔަފާރި ބަނދަރުގެ ތެރޭގައި ނުރައްކާތެރި ގިނަ ހާދިސާ ތަކެއް ފުލުފުލުގައި ހިނގަމުން ދިޔަ ދުވަސް ވަރެކެވެ. އެހެންވެ އޭނާ ހާއްސަ ވެގެން ދިޔައީ އެގޮތަށް ދިމާވާ މައްސަލަތަކުގެ ކަންކަމުގައި ހަރަކާތްތެރިވާ މުވައްޒަފެއްގެ ގޮތުގަ އެވެ. ވަޒީފާގެ މަސްހޫލިއްޔަތަކީ ހާދިސާއެއް ހިންގުމުން ހޮސްޕިޓަކަށް ގެންދާ ބަލި މީހާއަށް އެހީތެރިވުމުގައި ކުންފުނީގެ ފަރާތުން މަސައްކަތް ކުރުމެވެ. މަގާމަކީ އެސިސްޓެންޑް ވެލްފެއާ އޮފިސަރެވެ. އޭގެ ގެފަހުން އެމްޕީއެލް އަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔަ އެވެ. 

އަލްމާހް އެމްލީއެލްގެ މުވައްޒަފުންނާއެކު ފަޔާ ތަމްރީންތަކެއްގައި

މި ބަދަލުތަކުގެ ތެރެއިން އަލްމާހް ބަދަލު ވެގެން ދިޔައީ ސޭފްޓީ އޮފިސަރަކަށެވެ. ހާއްސަ ވަމުން ދިޔައީ އިމަޖެންސީ ރެސްޕޯންސްގެ ދާއިރާ އިންނެވެ. އެ ދާއިރާއިން ގިނަ ކޯސްތަކެއް ފުރިހަމަ ކުރައްވައި ގިނަ ހުނަރުތަކާއި ތަޖުރިބާ އަލްމާހް މިހާރު ވަނީ ހޯއްދަވާފަ އެވެ. އޭނާގެ ހުނަރާއި މަސައްކަތުގެ އަހުލާގުގެ މިސާލުތަކާއެކު މަގާމުގެ ކުރިއެރުން އައިސް އެ ޑިޕާޓްމަންޓުގެ އެސިސްޓެންޓް މެނޭޖަރަކަށް ވެވަޑައިގަތެވެ. މިހާރު ޕޯޓުގައި ދިމާވާ ކުއްލި ހާދިސާތަކާއި ނުރައްކާތެރި ހާދިސާތަކުގައި އެންމެ ފުރަތަމަ އެ ތަނަކަށް ދާނީ އަލްމާހް ޓީމެވެ. ދެން ވަޑައިގަންނަވާނީ އޭނާ އެވެ. މި ޓީމުގައި އަލްމާހުގެ ބެލުމުގެ ދަށުގައި 19 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.  

އެމްޕީއެލްގެ ތަފާތު ތަޖުރިބާއެއް

ހިތާމަވެރި އެތައް ދުވަހެއް އޭނާ އެމްޕީއެލްގައި ތަޖުރިބާ ކުރެއްވި އެވެ. އެ ދުވަސްތަކަކީ ދުވަހު ވެސް ހިތުން ފިލައިގެން ނުދާނެ ހަނދާން ތަކެވެ. އެ ފަދަ ހާދިސާތަކުގައި މީހުނަށް އަނިޔާވެ ބައެއް މީހުންގެ ފުރާނަ ގެއްލިފައި ވެސް ވެއެވެ. އަދި ދުވަސްތަކުގައި މާލޭގައި ހިނގި ބައެއް އަލިފާނުގެ ހާދިސާތަކާ ގުޅިގެން ވެސް ހަރަކާތެރިވެ ވަޑައިގަތުމަށް އަލްމާހަށް ޖެހި ވަޑައިގަތެވެ. އެފަދަ އެއް ހާދިސާއެއްގައި މަސައްކަތް ކުރަން ލިބި ވަޑައިގެންވި ފުރުސަތަކީ މިހާރުގެ ފީލްޑުން ސްޕެޝަލައިޒްވެ ވަޑައިގަތުމަށް  ޝައުގުވެރިކަން ބޮޑުވި ސަބަބެވެ. 

އަލްމާހް މުވައްޒަފުންނަށް ތަމްރީން ދެނީ

އަލްމާހަކީ އިމަޖެންސީ ރެސްޕޯންސްގެ ދާއިރާ އިން ބަލާނަމަ ކޮންމެ ތަނެއްގައި ވެސް މަސައްކަތް ކުރެއްވޭވަރުގެ ކުޅަދާން ހުނަރުވެރި އެކެވެ. ދާއިރާގެ ހުރިހާ ތަމްރީން ތަކެއް ފުރިހަމަ ކުރައްވާފައިވާއިރު ރާއްޖޭގައި ހުންނެވި ސޭފްޓީގެ ދާއިރާއިން އައިއެސްއޯ ލީޑް އޮޑިޓަރެކެވެ. -- މި ދާއިރާގެ މީހުން ރާއްޖޭގައި އެހާ ގިނައެއް ނޫނެވެ. 

އެ މަސައްކަތް ކުރަން އޭނާއަށް ލިބި ވަޑައިގަތީ އެމްޕީއެލްގެ ސޭފްޓީގެ ދާއިރާގެ އައިއެސްއޯ ސްޓޭންޑަށް ފައްތަން ކުރާ މަސައްކަތުގެ ތެރޭންނެވެ. އެމްޕީއެލްގެ އެ މަސައްކަތުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރައްވާ އެއް ބޭފުޅަކީ އޭނާ އެވެ.

އެމްޕީއެލް އައިއެސްއޯ 45001 ސްޓޭންޑަށް ފައްތަން ކުރާ މަސައްކަތުގެ ދަށުން ސޭފްޓީ ޑިޕާޓްމަންޓެއް އުފެދި އެ ޑިޕާޓްމަންޓުގެ ދަށުން ތިން ޔުނިޓެއް މަސައްކަތް ކުރެ އެވެ. މިހާރު އެ ކުންފުނިން ލިޔަމުންދާ ސޭފްޓީ ސްޓޭންޑަޑްއަކީ ހެލްތު އެންޑް ސޭފްޓީގެ އެންމެ މަތީ މިންގަނޑެވެ. 

އަލްމާހް ގަބޫލު ކުރައްވާ ގޮތުގައި މި ސްޓޭންޑަޑު ތަންފީޒު ކުރަން ފެށުމާއެކު ބައިނަލްއަގުވާމީ މައިދާނުގައި އެ ކުންފުނީގެ ހައިބަތު އުފުލިގެން ދާނެ އެވެ. އަދި ޕޯޓްގައި މަސައްކަތް ކުރާ މީހުންނާއި މުދަލަށް އޮތް ރައްކާތެރިކަމުގެ ޔަގީންކަން ބޮޑު ތަނުން އިތުރު ވެގެން ދާނެ އެވެ. މީގެ އިތުރުން މާލެ ވިޔަފާރީގެ ބަނދަރުގައި މެރިޓައިމް ފަޔާ އެންޑް ރެސްކިއުއަށް ހާއްސަކޮށް މުވައްޒަފުން ތަމްރީން ވުމުގެ މަސައްކަތްތަކެއް ވެސް ހިނގާނެ އެވެ.

މިހުރިހާ މަސައްކަތްތަކާއި ތަމްރީންތަކާއެކު އަލްމާހް މިހާރު ވެވަޑައިގެންފައި ވަނީ މި ދާއިރާ އިން ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް މަސައްކަތް ކޮށްލެވޭ ވަރުގެ ބޭފުޅަކަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.