ހަބަރު ލިޔާ މީހާގެ ލެފްޓޮޕް ގަލޮޅު ފުލުހުން ހޯދިގޮތަށް ސާބަހެއް

އެއްޗެއް ގެއްލުން ފުލުހަށް އިތުބާރު ނުކޮށް ދޫކޮށްލާކަށް ނުޖެހެ އެވެ. އަވަހާ ފުލުހަށް ދާންވީ އެވެ. ފުލުހުން އެ ހޯދާނެ އެވެ. ދިވެހި ފުލުހުން ތިބެނީ ރަނގަޅަށް ތަމްރީނު ވެގެނެވެ. މިހާތަނަށް އަޅުގަނޑު ފުލުސް ދެކެ ފޫހިވީ އިންސާފަކުން ނޫނެވެ.

ބުރާސްފަތި ދުވަހު އޮފީސް ނިންމާފައި ގެއަށް ދާން ބޭނުންވި ގޮތަކީ ސަލްމާން މިސްކިތުގައި އަސުރު ކޮށްލައިގެން ގެއަށް ދާށެވެ. އެހެންވެ ގެންގުޅޭ ލެޕްޓޮޕް ދަބަހަށްލައި އެ ކޮނޑުގައި އަޅުވައިގެން ސައިކަލުގައި ނައްޓާލީ ސަލްމާނަށެވެ. މިސްކިތުގެ މައި ދޮރާ ދިމާއަށް އޮތް ޕާކިން ޒޯނުގައި ސައިކަލް ޕާކް ކުރިއިރު ޖަމާތްއަތް ހޯދަން މީހުން ބާރަށް ދުވާތީ ފެނެ އެވެ. އެހެންވެ އަދި ނަމާދުކޮށް މުޅިން ނުނިމޭކަން އެނގެ އެވެ. މިސްކިތަށް އަރައި ދެ ފޫޓެއްހާ ކައިރިން އަރިމަތީގައި ހުރި ތަނބުގައި ލެޕްޓޮޕް ދަބަސް ލައްގާލާފައި ނަމާދަށް ފަށައިފީމެވެ. ޖަމާއަތުން ލިބުނީ ފަހު ރަކުއަތެވެ. ނަމާދަށް ފަހު ފުރަތަމަ ވެސް ފާހަގަވީ ގާތުގައި ބެހެއްޓި ދަބަސް ނެތް ކަމެވެ. ދެން ހިޔާލަށް އައީ ވަރުގަދައަށް ކެމެރާ ހަރުކޮށް އެހައި އަލިކޮށްފައި އޮންނަ ސަލް މިސްކިތުން ލެޕްޓޮޕެއް ވަގަށް ނެގޭނެ ހެއްޔެވެ؟ 

އެ ވަގުތު ނަމާދު އަވަދި ވެގެން ފައިބާންދިޔަ މީހުން ކައިރީ އަހާލުމުން ދުށް މީހަކު ނުވި އެވެ. އެއިން މީހަކަށް ދަބަހެއް ފާހަގަ ވެފައެއް ވެސް ނެތެވެ. މީހަކު ހިފައިގެން ދަނިކޮށް ފެނިފައެއް ނެތެވެ. 

ވަގުތު ނަގާ ނުލައި ފުލުހަށް ރިޕޯޓް ކޮށްފީމެވެ. އެކަން ކުރީ ފުލުހުންގެ އިމާޖެންސީ ނަމްބަރު "119" އަށް ގުޅައިގެނެވެ. އެ ސެންޓަރުން ފޯނު ނެގި ފުލުސް މީހާ ގިނަ ސުވާލުތަކެއް ކުރި އެވެ. ދަބަސް ނެގި ތަނާއި ލެޕްޓޮޕްގެ ބްރޭންޑާއި ދަބަހުގެ ކުލަ ވެސް އޮޅުން ފިލުވި އެވެ. އޭނާ އަޅުގަނޑަށް ދިން އިރުޝާދަކީ ބާރަށް ގޮސް ގަލޮޅު ފުލުހަށް ރިޕޯޓް ކުރާށޭ އެވެ. ދެން ދާން މިޖެހެނީ ސަލްމާނުން އަމީނީ މަގަށެވެ. ގަލޮޅު ފުލުސް މިހައިރު މިހުންނަނީ އަމީނީމަގު ފިނޭންސް މިނިސްޓްރީ ކައިރީން ކުރިން އެންސްޕާ ހިންގި އިމާރާތުގެ ތިރީގަ އެވެ. 

ގަލޮޅު ފުލުހަށް ގޮސް ކައުންޓަރުގައި އެ ވާހަކަ ބުނުމުން، އެ ވައްކަން އެ މީހުންގެ ސަމާލު ކަމަށް އައިސްފައި އޮތްކަން އެނގުނެވެ. އެ ތާނގައި ތިބި ފުލުހުން އެދުނީ އިރުކޮޅަކަށް މަޑުކޮށްލައިދޭށެވެ. އިންވެސްޓިގޭޓިވް އޮފިސަރަކު (އައިއޯ) އެބަ އާދެއޭ އެވެ. އެ ދެމެދު ހިނދެއް ވެސް ނުވާނެ އެވެ. ކުލަ ހެދުމުގައި ހުރި ފުލުހަކު އައިސް އޭނާއާއެކު އެތެރަށް ދާން އިޝާރާތެއް ކޮށްލި އެވެ. ވެއްދީ "އިންޓަވިއު ކޮޓަރި" ޖަހާފައިވާ ހެޔޮވަރު ގޮޅިއަކަށެވެ. "ކުޑަގޮޅީ" ގައި އެހައި ކުޑަ މޭޒެއް މަތީ ހުރި ޑެލް މަރުކާގެ ކޮމްޕިއުޓަރަކުން އައިއޯ މައްސަލައިގެ ބަޔާނެއް ލިޔުނެވެ. ގެއްލުނު ލެޕްޓޮޕްގެ އަގާއި ބްރޭންޑާއި ދަބަހުގައި ހުރި ތަކެއްޗާއި  ގެއްލުނު ވަގުތު ފަދަ ތަހުގީގަކަށް މުހިންމު ކަންކަމުގެ ފައިލެއް ތައްޔާރުކޮށް ސޮއި ކުރުވައިފި އެވެ. ދޭން އޭނާ އެދި ވަޑައިގަތީ އޭނާއާއެކު ސީސީޓީވީ ވީޑިއޯ ކޮޓަރި ދާށެވެ. -- ފުލުހުންނަށް ރާއްޖޭގެ ގިނަ ނޫސްވެރި އެނގޭނެ އެވެ. އެކަމަކު އަޅުގަނޑަކީ ވިޔަފާރި ކޮމިއުނިޓީއަށް ނޫނީ ފާހަގަ ނުވާނެ ނޫސްވެރިއެކެވެ. ލަފާވާ ގޮތުން އަޅުގަނޑަކީ ކީއްކުރާ ކާކު ކަން ފުލުހަށް އެނގޭނީ މި މައްސަލަ ނިމޭންދިޔަ ހިސާބުގެ ވެސް ތަނކޮޅެއް ފަހުންނެވެ.

ދިވެހި ފުލުހުން ވަރަށް މޮޅު، އެހައި ހުނަރުވެރި

ޖާގައި އޮންނަ ގޮތުން ގާތްގަނޑަކަށް އެންމެންހެން ފިތިގެން ވަރަށް ދަތި ގޮތަކަށް ހިދުމަތް ދޭ ކުޑަ އެ އިމާރާތުގެ ސީސީސީ ޓީވީ ކޮޓަރީގައި ބޮޑު ސިސްޓެއް ބަހާއްޓާފައި ވެއެވެ. ސަލްމާން މިސްކިތް ސަރަހައްދު ފެށިގެން އެއިން ވީޑީއޯ ދައްކަން ފަށާފައި ވީޑިއޯ އެނަލައިޒް ކުރާށާއި ކެމެރާއަށް ހާއްސަ ފުލުހަކު އެބަ އާދެއޭ ބުންޏެވެ. އަބަދާއަބަދު ފުލުހަށް އޮންނަ ތުހުމަތުތަކާއި އާންމުކޮށް ކަންކަން ހިނގާދާ ގޮތުން އެ ބުނި އެއަޗަކަށް ގުޅިގެން ހިނިވެސް އައެެވެ. 

އެކަމަކު ވީޑިއޯ އެނަލައިޒް ކުރަން ހާއްސަ ފުލުސް މީހާ އައުމުން މަސައްކަތް އިތުރަށް ހަލުއި ވިއެވެ. މާލޭގެ މަގުތަކާއި ގޯޅިތަކާއި ކަންކަން މައްޗާއި ގޭގެއާ "މަގުމަތީ މީހުނަ" ށް އޭނާ ފަރިތަ ކަމާއި ފުލުހުގެ ވީޑިއޯ ކެމެރާގެ ލޮކޭޝަންތަކާއި ހުރި ތަންތަން ހިތު ދަސް މިންވަރުން އެއީ އެ ދާއިރާގެ އެކްސްޕާޓެއްކަން މުޅީން ކަށަވަރުވި އެވެ. 

ކެމެރާގެ ވީޑިއޯތަކުގެ ލޮކޭޝަންތާއި ވަގުތު ނެގުމަށް އޭނާގެ އަތްމަތި އަވަސްވެފައި އަހައި މޮޅެވެ. އޭނާ އައިތާ ކުޑައިރުކޮޅެއްގެ ތެރޭ ސަލްމާން މިސްކިތުގެ ޕާކިން ޒޯނަށް އަޅުގަނޑު ވަނތް މަންޒަރު ދައްކާލި އެވެ. ކެމެރާ ޒޫމްކޮށް ހައި ކޮލިޓީގައި ވަރަށް ސާފުކޮށް ދަބަހުގެ ކުލައަށް ދަންދެން ދެއްކި އެވެ. އޭނާ ބުނީ، އޮތް މަސައްކަތަކީ ދަބަސް މިސްކިތުން ނެގި މީހާ ހޯދުމެވެ. އޭގެ މިނިޓެއްހާއިރު ފަހުން ޖުއްބާ ފާޑު ހެދުމެއްގައި މިސްކިތުން ދަބަހެއް ހިފައިގެން، ފައިބައިގެން އަންނަ މީހަކު ދެއްކި އެވެ. ފުރަތަމަ ހިޔަންޏެއްހެން ވަރަށް ނުސާފުކޮށް އެ މަންޒަރު ފެނުމާއެކު ކައިރީގައި ހުރި ފުލުސް މީހާ އެއީ މިވެނި މީހާއޭ، ޔަގީނޭ ބުނާން ފަށައިފި އެވެ. 

އެ ހިސާބުން އޭނާގެ ފޮޓޯއެއް ނަގައި ފުލުހުގެ ތަހުގީގީ ޓީމުތަކަށް ހާއްސަކޮށްފައިވާ ޒަމާނީ ސިސްޓަމެއްގެ ތެރެއަށް ގެންދިއުމާއެކު އެ މީހާގެ ނަމާއި ގޭގެ ނަން ވަގުތުން ހޯދައި ދިނެވެ. އަދި އެއީ މިސްކިތްތަކުން ވައްކަން ކުރާ މީހެެއް [ނަން ދޫކޮށްލާފައި] ކަމަށް ތަހުގީގު މަސައްކަތުގައި ތިބި ހުރިހާ ފުލުހުން ބުނާން ފެށި އެވެ. އޭރު ދައްކަމުން ދިޔައީ މީގެ ކުރިން އެ މީހާ ހައްޔަރުކޮށް ފުލުހުން ނަގާފައި ހުރި ފޮޓޯތަކާއި އެ މީހާގެ ބައެއް ވީޑިއޯތަކާއި އޭނާގެ ސިފަތަކެވެ.

ވީޑިއޯ އިން ފެންނަ އެ މީހާއަކީ ހަމަ ސްމާޓް ޒުވާނެކެވެ؛ ރީިތިކޮށް ނަލަހެދި ލައިގެން ހުރި ޖާނު ވަރުގަދަ ފިރިހެނެކެވެ. 

ސަލްމާން މިސްކިތުގައި ސަޖިދައަށް އޮއްވާ، އަޅުގަނޑުގެ ދަބަސް ހިފައިގެން އެ ޒުވާނާ ބާރު ބާރަށް ނުކުމެގެން ނައްޓާލިއިރު ހީވަނީ ތަނަކަށް ދާން ގަޑިޖެހޭތީ ލަސްވެގެން ދާހެނެވެ. އަޅުގަނޑުގެ ދަބަސް އޭނާގެ ކޮނޑުގައި އޮތްއިރު އެއީ ހަމަ އޭނާގެ އަމިއްލަ ލެޕްޓޮޕް ފަދަ އެވެ. ނުކުމެ ހިނގައި ގަންނަމުން ދަބަހުގެ ބޭރުގައި އެއާޕޯޓް ސެކިއުރިޓީން އަތް އުނގުޅާ ގޮތަށް އަތް ހާކާލާތަން ފެނެ އެވެ. ބެލެވޭ ގޮތުގައި އެކަން އެ ކުރަނީ އޭގައި ހުރި އެއްޗެއް ދެނެގަތުމުގެ ބޭނުމަށެވެ.   

މިހާރު ކެމެރާ ކޮޓަރިއަށް އިތުރު ފުލުހަކު އަތުވެއްޖެ އެވެ؛ އޭނާ އައިސް ގުޅީ "މިސްކިތު ވަގު" ގެ އާއިލާގެ މީހަކަށެވެ. ބެލެވޭ ގޮތުގައި އެއީ އޭނާގެ މަންމާ އެވެ. ފޯނުން ދެކެވުނު ވާހަކައިން އޭނާ ގެއަށް ގޮސްފިހޭ އެހި އެވެ. އަދި މިއުޅެނީ މީހެއްގެ ލެޕްޓޮޕެއް ވަގަށް ނަގައިގެނޭ ވެސް ބުންޏެވެ. ގެއަށް ދިއުމުން އަވަހަށް ގުޅުމަށް ވެސް އެދުނެވެ. މެންދުރު ފަހު ދިޔަ ގޮތަކަށް އަދި ނާދެއޭ އެކޮޅުން ވާހަކަ ދެއްކި މީހާ ބުންޏެވެ. ހިނި އަންނަ ކަހަލަ ވާހަކައެއްވެސް ބުންޏެވެ. އެ މީހާ / މަންމާ ބުނިގޮތުގައި އެއްޗެއް ވަގަށް ނަގައިފިނަމަ "އެ ކުއްޖާ" އަވަހަކާ ގެއަކަށް ނާންނާނެ އެވެ. 

މިއީ މިސްކިތު ވަގެއް - މި މީހާއަކީ މިސްކިތު ވަގުންގެ ރިިޕީޓަރެކެވެ. މިސްކިތްތަކުން ވައްކަން ކުރަން ދަންޖަހައިގެން ހާއްސަވެ މާލެތެރޭގައި އުޅޭ މީހެކެވެ. އެތައް ފަހަރަކު އޭނާ ހައްޔަރު ކޮށްފި އެވެ. އެކަމަކު ރާއްޖޭގެ ކްރިމިނަލް ޖަސްޓިސް ސިސްޓަމުގެ ތެރޭގައި އެ ބާވަތުގެ މީހުން އޮބެހެއްޓޭނެ ގޮތެއް ނެތި ވީއްލިގެން އުޅެނީ އެވެ.
މާލޭގައި ހުންން ފުލުހުންގެ އޮފީހެއް: މަރުގެ އެ ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން

އަޅުގަނޑުގެ ލެޕްޓޮޕް ހޯދައި ދޭން ފުލުހުން ފެށި މަސައްކަތް އޮޕަރޭޝަނެއްގެ ތެރެއަށް ގެންދިޔަ އެވެ. އެ މަންޒަރު އަޅުގަނޑަށް ދައްކަމުން ވެސް ދިޔަ އެވެ. 

މަންޒަރުތައް ދައްކަމުން ދިޔައިރު އަޅުގަނޑުގެ ދަބަސް ކޮނޑަށްލައިގެން ވަގު ކަލޭގެ މާލެތެރޭގައި ހިނގަމުން ދެއެވެ. ފުލުހުންގެ ޓީމެއް އޭނާގެ ފިޔަވަޅު ކެމެރާތަކުން ބަލަމުން ދިޔަ އެވެ. މައްސަލަ ރިޕޯޓް ކުރި ވަގުތާއި މިހާރު ކަންހިނގި ވަގުތާ ދެމެދު 40 މިނެޓުގެ ޑިލޭއެއް އުޅެ އެވެ. މިސްކިތުން ވައްކަން ކޮށްގެން ހެންވޭރު ކޮޅުން ހިނގައިގަތް މީހާ ހުއްޓުމެއް ނެތި ހަމަ ހިނގަނީ އެވެ. އޭނާ ހިނގަމުން ދާވަރަކަށް ފުލުހުންގެ ޓީމްތަކަށް ކެމެރާއިން އެލާޓްތައް ކުރަމުން ދެ އެވެ. ހައިރާން ކުރުވި އެއް ކަމަކީ އޭނާ ދާނެ ކަމަށް ލަފާ ކުރެވޭ ތަންތަން ވެސް އެ ސިސްޓަމުން ބުނެދެމުން ދިޔަ އެވެ. އެހެން ނަމަވެސް މަޑު ނުޖެހި ހިނގި އެ މީހާ ބައެއް ފަހަރު ކެމެރާއަށް ގެއްލެ އެވެ. އަދި ބައެއް ފަހަރު ކެމެރާ ނުސާފު ކަމުން ނުފެނި ވެސް ދެ އެވެ. -- އެދެން މާލޭގައި ހުރި ބައެއް ކެމެރާތަކުގެ ހާލަތެވެ. އެ ކެމެރާ ތަކަކީ ޒަމާނުގެ ލޮލަކަށް ނުވަނީ އެވެ. 

ލެޕްޓް ހޯދީ ވެމްކޯ ޖެޓީން، ވިއްކާލީ 700ރ. އަށް

ވަގު ކަލޭގެ ހިނގަމުން ގޮސް ހުއްޓުނީ މާފަންނު ވެމްކޯ ޖެޓީ ސަރަހައްދަށެވެ. އެ ސަރަހައްދަށް ދިޔައީ ލެޕްޓޮޕް ވިއްކާލާށެވެ. ދޯނިތަކުގެ ކައިރިއަށް ގޮސް "ގަންނާނެބާ" އަޅުވައިގެން އުޅެނިކޮށް އެ ގަންނާނެ މީހަކު ވެސް ވެއްޖެ އެވެ. ކެމެރާއިން ފެންނަން ފެނުމަށް އެއީ ބިދޭސީ އެކެވެ. މާ ބޮޑު ބެލުމަކާ ނުލައި އޭނާ އެ ލެޕްޓޮޕް ގަނެފި އެވެ. އަދި ސައިކަލެއް މަތީގައި ބާއްވައިގެން ލެޕްޓޮޕަށް ކަރަންޓު އަންނަކަން ޔަގީން ކުރި އެވެ. އެއަށްފަހު ވަގުކަލޭގެ ނައްޓާލަނީ އެވެ. 

އޭނާ ވިއްކާލި ލެޕްޓޮޕް ހިފައިގެން އެ ގަތް މީހާ ދުއްވާލުމާއެކު ފުލުހުން އޭނާގެ ފަސްފަހަތުން ބަލަމުން ދިޔަ އެވެ. ފުލުހުން އެންމެ އިސްކަން ދީފައ އޮތީ އަޅުގަނޑުގެ ލެޕްޓޮޕްގެ ފައިނަލް މަންޒިލް ހޯދާށެވެ. އަނެއްކާ ވެސް އެ ލެޕްޓޮޕް ވިއްކާލަނީ ތޯ؟ ނޫނީ އެ އޭނާ ހުންނަ ތަނަނަށް ގެންދަނީތޯ ބަލަން ފުލުހުން ބިދޭސީ މީހާ ފޮލޯ ކުރަން ދިޔަ އެވެ. 

މިހާރު ލެޕްޓޮޕް ހޯދަން މަސައްކަތް ކުރާތާ ފަސް ގަޑިއިރު ވީ އެވެ. ފުލުހުން ދިން ޔަގީން ކަމަކީ ހޯދޭނެ އެވެ. ހަ ގަޑިިއިރު ފަހުން ފުލުހުން އެ ހޯދި އެވެ. 

ފުލުހުން މި އޮޕަރޭޝަންގައި ވެމްކޯ ޖެޓީ ކައިރިން ލެޕްޓޮޕް ގަތް މީހާ ކައިރީ ހުރި އެހެން މީހަކު ދެނެގެންފައި ވެއެވެ. އަދި އޭނާގެ ހަރަކާތް ބެލުމަށް ފަހު ގޮސް އޭނާ ގޮވައިގެން ލެޕްޓޮޕް ހިފައިގެން މާލެ ތެރޭގައި ސައިކަލް ދުއްވި ބިދޭސީ މީހާ އުޅޭ ގެއަށް ދިޔަ އެވެ. އެ ގެއަށް ދިޔައިރު އެ ގޭގައި ލެޕްޓޮޕް އޭނާ ގަތް ގޮތަށް އަތް ވެސް ނުލައި ބާއްވާފައި އޮތެވެ. މާލޭ ބާޒާރުގައި 15،000 ރ. އަށް ހުރި އެ ލެޕްޓޮޕް އޭނާ ގަތީ އެންމެ 700ރ. އަށެވެ. 

މި މައްސަލައިން ފާހަގަވީ ވައްކަން ކޮށްގެން ވިއްކާ އެއްޗިހި ގަންނަ ބިދޭސީ "މާކެޓެއް" ވެސް ފުޅަލަށް އޮތް ކަމެވެ. މި ބާވަތުގެ އެއްޗިހި ވިއްކަން ވަގުން މިހާރު ދިވެހިންނަށް އެޕްރޯޗް ކުރުން މަދެވެ އެވެ. ސަބަބަކީ ގިނަ މީހުން ފުލުހުންނަށް މައްސަލަ ވަގުތުން ރިޕޯޓް ކުރަމުން ދިއުމެވެ. 

ދެރަ ވަސީލަތުގައި ފުލުހުންގެ ބުރަ މަސައްކަތަށް ސާބަސް

މައްސަލައެއްގެ ތަހުގީގުގައި ފުލުހުން

ކަންކަމާއި ތަހުގީގުތައް ހިނގައިދާ ގޮތުންނާއި ނޫސްވެރިންގެ ސުވާލުތަކަށް ފުލުހުން ޖަވާބު ނުދޭތީ އަޅުގަނޑަކީ ފުލުހާ މާ ގަޔާވާ މީހަކު ނޫނެވެ. އެ ކަމަކު މި މައްސަލައިގެ ތެރެއިން ފުލުހާ ވަރަށް ކައިރިއަށް އަޅުގަނޑަށް މިހާރު އެބަ ދެވެ އެވެ. ސާބަހެއް ވެސް ދެވެ އެވެ. އެންމެ ހައިރާންވީ ފުލުހުން މި ކަންކަމުގައި ދެއްކި ޖޯޝު ފެނިފަ އެވެ. ހަމަ ހުއްޓާ ނުލައި މަސައްކަތް ކުރި އެވެ. އިރުކޮޅަކާ ފުލުހަކު ގޮސް ކެމެރާ އޮފިޝަލް ކައިރިން ތަފުސީލު ހޯދަ އެވެ. އިރުކޮޅަކާ އެހެން ފުލުހަކު، މީހާ އައިޑެންޓިފައި ވެއްޖެތޯ އަހަ އެވެ. އެމީހާ "ނަގަފިތޯ" ބެލި އެވެ. ދިވެހި ފުލުހުން މަސައްކަތް ކުރި ގޮތް އަޅުގަނޑު ބަލައި އުޅޭ އިންވެސްޓިގޭޓިވް ފިލްމްތަކުގެ މަންޒަރުތަކާ އެއްވެސް ތަފާތެއް ނެތެވެ. މަގުމަތީ ޕެޓްރޯލް ޓީމްތަކާއި ކެމެރާތަކާއި އެހެން ލޮކޭޝަންތަކުގެ ފުލުހުންގެ ކޯޑިނޭޝަން ވަރުގަދަކަން ދައްކާލި އެވެ. އަދި ފުލުހުން މި މަސައްކަތް ކުރަނީ ވަސީލަތުގެ ގޮތުން ދެރައިގައެވެ. އެ ގޮތުގައި ފުލުހުން ކުރާ ބުރަ މަސައްކަތަށް ތައުރީފެއް ހައްގެވެ. 

އޭއައިގެ މި ޒަމާނުގައި ރާއްޖޭގެ ވެރިރަށުގައި ހުރި ކެމެރާތައް ޒަމާނަކަށް ނުފެތެ އެވެ؛ އެކަމަކު ފްޓޭޖުން އެއްޗެއް ނުފެނިއްޖެނަމަ އެފަދަ އެތަށް ހާސް މިނެޓުގެ ފުޓޭޖް ބަލައިގެން ނަމަވެސް ފުލުހުން އެކަމެއް ހޯދަން ބުރަ މަސައްކަތް ކުރާކަން ކުޑަކުޑަ މި މި މައްސަލައިން އަޅުގަނޑަށް އެނގުނެވެ. ލެޕްޓޮޕް ގަތް ބިދޭސީ މީހާގެ ސައިކަލްގެ ނަމްބަރު ދެނެގަންނަން އެ ސައިކަލް ސިނަމާލެ ބްރިޖަށް އެރިތޯ ވެސް ބެލި އެވެ. ބްރިޖުގައި ހަރުކޮށްފައި ހުރި ކެމެރާ ތަކުން ނެގިފައިވާ ސައިކަލްތަކުގެ ނަމްބަރާ ޕްލޭޓް އަޅައި ކިޔަމުން ދިޔަތަން ފެނުނެވެ.  ވަކި ވަކި މީހުނާއި ތަންތަންކޮޅަށް ދާންދެން ވަރަށް ޑީޓައިލްކޮށް ދައްކާލި އެވެ.

އަޅުގަނޑު ލެޕްޓޮޕް ގެއްލުމުން އަޅުގަނޑު މަސައްކަތް ކުރާ "މި" ނޫހުގެ އިދާރާއިން އަޅުގަނޑަށް އެނގީ ފުލުހަށް ރިޕޯޓް ކޮށްލާފައި އާ ލެޕްޓޮޕެއް ގަންނަން ބާޒަށް ދާން އޮފީހަށް ދިއުމަށެވެ. އެކަމާ ދެން އަޅައި ނުލާށޭ އެވެ. އެކަމަކު ފުލުހުން ދެކެ ވަރަށް ބޮޑަށް ފޫހިވެގެން ހުރި އަޅުގަނޑު ބޭނުންވީ ލިބުނު ފުރުސަތުގައި ފުލުހުން ކަން ކުރާ ގޮތެއް ބަލައިލާށެވެ. އެ މަންޒަރު އަޅުގަނޑުގެ ލޮލުން ދެކެ އަތުން މި ހިފީ އެވެ. އެއްޗެއް ގެއްލުން ފުލުހަށް އިތުބާރު ނުކޮށް އެ ނުފެންނާނެ ކަމަށް ބުނެ ދޫކޮށްލާކަށް ނުޖެހެ އެވެ. އަވަހާ ފުލުހަށް ދާންވީ އެވެ. ފުލުހުން އެ ހޯދާނެ އެވެ. ދިވެހި ފުލުހުން ތިބެނީ ރަނގަޅަށް ތަމްރީނު ވެގެނެވެ. މިހައިތަނަށް އަޅުގަނޑު ފުލުހުން ދެކެ ފޫހި ވެގެން ހުރީ އިންސާފަކުން ނޫނެވެ.

ކޮމެންޓް

6
450
އިސްތިހާރު
1 year ago

އެޑްވަޓޮރިއަލްއަކާ ހާދަ ވައްތަރޭ

ސާބަސް
1 year ago

ދިވެހި ފުލުހުންނައް ހަމަސާބަސް ދިވެހިން ނައްނޯނާނެ ރަންގަނޅު އެއް ގޮތެއްވެސް އެމެ ރެޔަކު ޱިޔުޓީއް ފުލުހުން ނުނިކުތަސް މަންޒަރު ވާނުވާ ފެނިގެން ދާނެކަން ކަސަވަރު (އަބަދުވެސް އިވޭ އަޱަކީ އަހުރެމެންގެ ޓެކުސްފައިސާއޭ ސުވާލަކީ މަސައްކީވޭ ނުލިބޭނީ އެބޭފުޅުން ވެސް ގެގަ އޮއްވަ އެއް އެފައިސާ ނުލިބޭ އެރިއްކުނަގާ ގެން ނިކުތީމަ ދޯ އެލިބެނީ) ތަހުގީގު ކުރާހުރިހާ ކަމެއް ހޯދޭކައް ވެސް ނުޖެހޭހޯ......... މިޔައްވުރެ މާކުރިއަރާފައި ވާ ގައުމުތަކުން ތަހުގީގު ކުރާކަންތައް ތައްވެސް ކާމިޔާބު ނުވެ ބޮޱެތި ސިންގާ360 ގެ މަތިންދާ ބޯޓު ފަހަރު ނުހޯދޭއިރު މިވަސީލައް މަދުގައުމުގެ ފުލުހުން މާރަންގަނޅު ހިތާމައަކީ ދިވެހިން ފުލުހުން ނާ ދޭތެރޭގައި ދެކޭގޮއް ކުއްވެރިން މަގުނަތީގައި އުޅެނީ ހަމައެކަނި ފުލުހުންގެ ސަބަބަކުން ނޫންކަން އިހުލާސްތެރި ހިތަކުން ވިސް ނާލައިފި މީހަކައް އެގޭނެ (ކޮންމެ ބަޔެއްގެ ތޭރޭގައި ވެސް ރަންގަނޅު މީހުންނާ ގޯސް މީހުންތިބޭނެ އެއީ އިންސާނުން ވީމާ) ދިވެހި ފުލުހުން ނައް ތިގޮތުގައި ކުރިޔައް ދިއުމައް

އައްބެ
1 year ago

ކަލެއަށް ތިހުރިހާކަމެއްގެ ތެރޭގާ ތިތާ ބޭންދީ ކާކު؟

ވަރަށް ވެދުން
1 year ago

ހުޅުމާލެ ފިހާރައަކުން ވައްކަންކޮށްގެން އެމީހާގެންގޮސް ހަވާލު ކުރީމަވީ އެއްވެސް ކަމެއް ނެތް ، އަނެތް ދުވަހު އޭނަ އައިސްފި އަނެއްކާ ވައްކަން ކުރަން

ނާޑުވާ
1 year ago

ފުލުހުންގެ ޒިންމާއަކީ ހޯދުމާ ތަހުޤީޤުކުރުން. ބަންދުގަ ބެހެއްޓުމާ ހުކުމް ކުރަނީ ކޯޜޓުތަކުން. ޣިނަ ކުއްވެރިން ސަލާމަތް ވަނީ ކޯޓުތައް ނުކުޅެދޭތީ ނުވަތަ ހެދިފަ ހުރި ޤާނޫނުތައް ދީދިޔާކަމުން. އެއީ ފުލުހުންގެ މައްސަލައެއް ނޫން.

ީއިންސާފުއްދީން
1 year ago

އެހާ ބުރަ މަސައްކަތް ކޮއްގެން ހޯދި އަސް ވަގުކަލޭގެ އަށް އަދަބު ނުދޭތީ އާންމުން އަތް އިސްކޮށް ވަގުތުން އަދަބު އިންސާފް ދެނީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.