"ދެ ރައީސުން ކުރިމަތި ނުލާ ގުޅިގެން ކެންޑިޑޭޓަކު ނެރެންވީ"

"އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑުމެން ދެ މީހުން [ރައީސް ޔާމީނާއި ރައީސް ނަޝީދު] ވެސް ކުރިމަތި ނުލާ އަޅުގަނޑުމެން ދެ މީހުން އެކުގައި ބާރަށް މަސައްކަތް ކޮށްގެން ރާއްޖޭގެ ރައްޔިތުން މި އެދޭ ގޮތް ހޯދައިދޭންވީ،"

ރައީސް އަބްދުﷲ ޔާމީން އަދި ރައީސް މުހައްމަދު ނަޝީދު: ނަޝީދު އެދިވަޑައިގަންނަވަނީ ދެ ރައީސުން ފަހަތަށް ޖެހިވަޑައިގެން ގުޅިގެން ކެންޑިޑޭޓަކު ނެރުއްވުމަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނާއި ރައީސް މުހައްމަދު ނަޝީދު ވާދަނުކުރައްވާ ނަމަވެސް ދެ ރައީސުން ގުޅިގެން ރައްޔިތުން އެދޭ ބަދަލު ގެނައުމަށް މަސައްކަތް ކޮށް ދެއްވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެ އިދިކޮޅު ސިޔާސީ ޕާޓީތަކަށް ރައީސް ނަޝީދު ހާއްސަ މެސެޖެއް ދެއްވައިފި އެވެ.

ނަޝީދުގެ ވަފާތެރި މެންބަރުން އުފައްދަވާ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް މިރޭ ޣިޔާސުއްދީން ސުކޫލުގައި އޮތް ޖަލްސާގައި ބައިވެރިވެވަޑައިގެން އެމަނިކުފާނު ވަނީ ތަގުރީރު ކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމާމެދު ގިނަ ރައްޔިތުން ހިތްހަމަނުޖެހޭ ކަމަށާ ވެރިކަން ބަދަލު ކުރަން ރައްޔިތުން ބޭނުންވާ ކަމަށެވެ. ލީޑަރުން ނިކުންނަވާ އެއީ ސިޔާސީ ޕާޓީތަކުގެ ވެރީން ކަމަށް ވިދާޅުވާނަމަ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލުވާނެ މަގުން މަސައްކަތް ކުރުމަކީ މަސްއޫލިއްޔަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު ވަނީ ޕީޕީއެމް އާއި ޕީއެންސީ އަދި ޑިމޮކްރެޓްސްއާ ޖުމްހޫރީ ޕާޓީ އަދި އެމްއާރްއެމްއާ އެމްއެންޕީއަށް އިލްތިމާސެއް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުން އެދޭ ބަދަލު ގެނެސް ދިނުމަށް އެމަނިކުފާނު ވެސް ގޮތް ދޫކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

"ރައްޔިތުން އެބަ ބުނޭ މި ގޮތް ކަމުނުދާ ކަމަށް. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ކަމުނުދާ ކަމަށް. ދެން އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އެއީ އެކަމަށް ގޮތެއް ހޯދާ ދިނުން،" ނަޝީދު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

ރައީސް ނަޝީދު ވިދާޅުވީ ހިޔާލު ހޯދުމުގެ ހުރިހާ ވޯޓަކުން ދައްކަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްޔިތުންގެ ތާއީދު ނެތް މަންޒަރެވެ. އެ ގޮތުން އެންމެ ފަހުގެ ނަތީޖާތައް ފެންނަ ގޮތް ކަމަށް ވިދާޅުވެ ނަޝީދު ވަނީ ތަފާސް ރައީސުންގެ ތާއީދު ހުރި މިންވަރުގެ ޕަސެންޓޭޖެއް ހިއްސާ ކުރައްވާފައެވެ.

ވިދާޅުވީ ރައީސް ސޯލިހް ދެވަނަ ދައުރެއް ބޭނުންވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާއިރު އެކަމަށް ރައްޔިތުންގެ ޝައުގުވެރިކަން ނެތް ކަމަށެވެ. ވޯޓްލާ އާބާދީގެ 55 ޕަސެންޓް މީހުން ގޮތެއް ނުނިންމާ ތިބުމަކީ އޭގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ.

  •  ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 15 ޕަސެންޓް
  •  ރައީސް މުހައްމަދު ނަޝީދަށް ހަ ޕަސެންޓް
  •  ރައީސް އަބްދުﷲ ޔާމީނަށް 18 ޕަސެންޓް
  •  55 ޕަސެންޓް ރައްޔިތުން ގޮތެއް ނުނިންމާ

މިރޭގެ ޖަލްސާގައި ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަ ނުކުރައްވާނެ ކަމަށް ނުސީދާކޮށް ވިދާޅުވެފައެވެ.

"އަޅުގަނޑެއް ނުދަންނަވަން އަޅުގަނޑު ކުރިމަތިލާ ވާހަކައެއް. އެހެންވީމަ ހަ ޕަސެންޓްވެސް އޮންނާނެ ކަމެއް ނެތް. ރައީސް ޔާމީން އޮންނެވީ ޖަލުގައި. އެހެން ނަމަވެސް 18 ޕަސެންޓް [އެމަނިކުފާނަށް] އެބަ ލިބިވަޑައިގަންނަވާ،"

އަދި ވިދާޅުވީ އެއްވެސް މީހަކު ޖަލުގައި އޮތުމަކީ އެމަނިކުފާނު ދުވަހަކުވެސް ރުހުނު ކަމެއް ނޫން ކަމަށެވެ. ރައީސް ޔާމީން ޖަލުގައި އޮންނެވިކަން ފާހަގަ ކުރައްވާ އެކަމާއި ހިތާމަ ކުރައްވާ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނަކީ ރާއްޖޭގެ ކުރީގެ ރައީސެއްގެ އިތުރުން ކެބިނެޓް މިނިސްޓަރު ކަމާއި މަޖިލީސް މެންބަރު ކަމާއި މައްޗަށްގޮޅީ ވެރިކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

އަދި ރައްޔިތުން އެދޭ ބަދަލު ގައުމަށް ގެނައުމަށް މަސައްކަތް ކުރަންވީ ގޮތް ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތެއް ވިދާޅުވެ ދެއްވި އެވެ. ވިދާޅުވީ ދެ ރައީސުންވެސް ރިޔާސީ ރޭހަށް ނުނިކުންނެވުމެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑުމެން ދެ މީހުން [ރައީސް ޔާމީނާއި ރައީސް ނަޝީދު] ވެސް ކުރިމަތި ނުލާ އަޅުގަނޑުމެން ދެ މީހުން އެކުގައި ބާރަށް މަސައްކަތް ކޮށްގެން ރާއްޖޭގެ ރައްޔިތުން މި އެދޭ ގޮތް ހޯދައިދޭންވީ،" ނަޝީދުގެ ތަގުރީރު ނިންމަވާލައްވަމުން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ޕީޕީއެމްގެ ނާއިބު ރައީސް އަހްމަދު ޝިޔާމްއާ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްްޕެޝަލް އެޑްވައިޒަރު ރިޔާޒް ރަޝީދާއި އެމްއާރްއެމްގެ ނާއިބު ރައީސާ އައިމިނަތު ނާދިރާއާ ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ބައިވެރިވެވަޑައިގެންނެވި އެވެ. ނަޝީދު ވިދާޅުވީ ވާދަވެރި ބޭފުޅުންނާއެކު ޕާޓީއެއް އުފެއްދުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަކީ ލިބިވަޑައިގަންނަވާ އުފާފުޅެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.