ފުލުހުން މިއަދު ބުނީ އަމީނީމަގު ގައި ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކުކޮށް ފައި ހުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހި ހިނގާ ބިނގާވާ މީހުުންނަށާއި ދުއްވާ އުޅަނދު ފަހަރަށް ދަތިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އަމީނީމަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ވެހިކަލްތައް ޓޯ ކުރާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
މާލޭގައި އެންމެ ކާރޫބާރޫ ބޮޑު އެއް މަގަކީ އަމީނީމަގެވެ. ވަރަށް ބޮޑަށް ހަލާކުވެފައި އޮތް އެ މަގު ހެދުމުގެ މަސައްކަތް މިހާރު ދަނީ ހިނގަމުންނެވެ.
ޒަމާނީ ފެންވަރަށް މަގު ހަދާ ތާރުއެޅުމަށް ފަހު ހެންވެއިރު ކޮޅުން ފެށިގެން ރެހެނދި ފްލެޓާއި ހަމައަށް މިހާރު ވަނީ ހުޅުވާލާފައެވެ. އަމީނީ މަގު ހަދާފައިވަނީ މަގުގެ ވަރަށް ބޮޑު ސަރަހައްދެއްގައި ޕާކު ނުކުރެވޭ ގޮތަށެވެ. ނަމަވެސް މަގު ހަދާ ހުޅުވާލި ބައިގެ ބޮޑު ސަރަހައްދެއްގައި ވެހިކަލް ޕާކު ކުރެއެވެ.
ހާއްސަކޮށް ކާރާއި ކުދި ޕިކަޕުތައް ޕާކުކޮށްފައި ބެހެއްޓުމުގެ ސަބަބުން މަގު ބޭނުންކުރާ މީހުންނަށް ބޮޑެތި ދަތިތައް ކުރިމަތިވެއެވެ. ފަހުން މަގު ހެދީ ޕޭވްމަންޓް ބޮޑުކޮށްފައި ކަމުން މަގުގައި ދުއްވަން ހާއްސަ ބައި ކުރިއަށް ވުރެ ކުޑަ އެވެ. އަމީނީމަގުގައި ގަވާއިދާ ހިލާފަށް ޕާކު ކުރުން އިތުރުވެފައިވާތީ އެކަމުގެ ޝަކުވާ އާންމުން ކުރެއެވެ.
ފުލުހުން މިއަދު ބުނީ އަމީނީމަގު ގައި ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކުކޮށް ފައި ހުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހި ހިނގާ ބިނގާވާ މީހުުންނަށާއި ދުއްވާ އުޅަނދު ފަހަރަށް ދަތިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މާދަމާއިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ބެލުމަށް ފަހު އަމީނީމަގުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.