މި މައްސަލަ ތަހުގީގު ކުރުމުގެ ތެރޭން ލިބިފައިވާ މައުލޫމާތުގެ އަލީގައި ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ވެސް ތަހުގީގެއް ކުރެ އެވެ.
ފުލުހުން މިއަދު ފޮނުވި ލިޔުމެއްގައި ބުނީ އެ މައްސަލަ ހުށަހެޅުމާ ގުޅިގެން އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމުގެ ތެރޭން ލިބިފައިވާ މައުލޫމާތުގެ އަލީގައި ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ވެސް ތަހުގީގެއް ކުރާ ކަމަށެވެ.
މީގެ އިތުރުން ފުލުހުންގެ އެ ލިޔުމުގައި އޮތީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ހަގީގަތް އޮޅުވާލަން، ތަހުގީގުގެ ތެރެއިން އުޅޭ ކަމަށް ބަޔާންކޮށް "ދިޔަރެސް" ނޫހުން ޝާއިއު ކޮށްފައިވާ ހަބަރަކީ، އެކަމާ ގުޅޭ ގޮތުން އެ ހިދުމަތުން މައުލޫމާތު ނުހޯދައި ލިޔެފައިވާ ދޮގު ހަބަރެއް ކަމަށެވެ.
"... ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ ޕްރޮފެޝަނަލް ކޮންޑަކްޓު ކަށަވަރު ކުރުމަށް ގާނޫނުތަކުން ތަފާތު އިންތިޒާމުތައް ހަމަޖެހިފައިވާ އިރު އެ ނިޒާމުތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް، ޒިންމާދާރުކަމެއް ނެތި އަދި މައުލޫމާތުގެ ސައްހަކަން ބަލަން އެއްވެސް މަސައްކަތެއް ނުކޮށް ހައްސާސް ކަންކަމުގައި ހަގީގަތާ ހިލާފު މައުލޫމާތު ހާމަކުރުމަކީ އެ ދުމަތުން ކަންބޮޑުވާ ކަމެކެވެ." އެ ލިޔުމުގައި ވެއެވެ.