މާލީ ބަޔާނުގައި ގާނޫނު ލާޒިމްކުރާ މިންވަރަށް ފުރިހަމަ ވާންޖެހޭ ކަންކަން ފުރިިހަމަ ނުވާނަމަ ދެން ބާއްވާ އިންތިހާބުތަކުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނާ މެދު ވެސް އެގޮތަށް އަމަލުކުރަން ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރި ތިން ކެންޑިޑޭޓުންނަށް ޖޫރިމަނާއެއް އަތުވެއްޖެ އެވެ.
ގުރައިދޫގެ ބައި އިލެކްޝަން އޮތީ މި އަހަރުގެ އޭޕްރީލް މަހު އެވެ. އެ ދާއިރާގެ މަޖިލިސް ބައިއިލެކްޝަނެއް ބޭއްވީ އެ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ މާޗް މަހުގެ 23 ވަނަ ދުވަހު އަވަހާރަ ވުމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ބައި އިލެކްޝަންގައި ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާ އާއި އެމްޑީޕީ އިން ވާދަކުރި އިބްރާހީމް ޝާޒް އާއި އެމްއެންޕީގެ ކެންޑިޑޭޓް އަލީ އާރިފް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އެ ކެންޑިޑޭޓުން ޖޫރިމަނާކުރީ އިންތިހާބާ ބެހޭ އާންމު ގާނޫނުގެ މަތީން ހުށަހަޅާފައިވާ މާލީ ބަޔާނަކަށް ނުވާތީ އެވެ. އެގޮތުން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ގައި ވާދަކުރި ތިން ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ އިންތިހާބީ އޭޖެންޓުން ކުރެ، ކޮންމެ ފަރާތެއް 6000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް އީސީ އިން ވަނީ ނިންމާފަައެވެ. އެ ފައިސާ މި ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ދެއްކުމަށް ކެންޑިޑޭޓުންނަށް އަންގާފައިވާ ކަމަަށް ވެސް ބުންޏެވެ.