މިދިޔަ ހަތް މަސް ދުވަހު ކުރި މަސައްކަތުން ވެސް މިނިސްޓަރު އައިޝަތު އަލީއާ ބައްދަލްވެފައި ނުވާ ކަމަށް އެ ޕާޓީން ބުނެފައިވާ ކަަމަށެވެ.
އަރަބިއްޔާ ސުކޫލުގެ މައްސަލާގައި ހުރި ކަންބޮޑުވުންތަކާއެކު އަދާލަތު ޕާޓީން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ބައްދަލު ކުރަން މަސައްކަތް ކުރާތާ ހަތް މަސްވީއިރު އެކަން ކާމިޔާބުވެފައި ނުވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
މި ސަރުކާރު ދިފާއު ކުރަން އެންމެ ބޮޑަށް މަސައްކަތް ކުރާ އަދާލަތުން މިހެން ބުނެފައިވަނީ އަރަބިއްޔާގެ ބެލެނިވެރީންނާއެކު ބޭއްވި ބައްދަލްވުމެއްގައެވެ. އަރަބިއްޔާގެ ބެލެނިވެރީން ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު އަދާލަތު ޕާޓީއާ ބައްދަލުކޮށްފައެވެ. އެ ބައްދަލްވުމަކީ އެ ޕާޓީން އިންތިޒާމު ކުރި ބައްދަލްވުމެކެވެ. އެ ބައްދަލްވުމުގައި އަރަބިއްޔާގެ ދަރިވަރުންނަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ މައުލޫމާތު ވަނީ އޮޅުން ފިލުވާފައެވެ.
މިދިޔަ މަހުވެސް އަރަބިއްޔާގެ ބެލެނިވެރީން ވަނީ އަދާލަތާއި ބައްދަލުކޮށްފައެވެ. އެ ބައްދަލްވުމުގެ ތަފްސީލް އަރަބިއްޔާގެ ބެލެނިވެރީން މިއަދު ވަނީ ހާމަކޮށްފައެވެ. އަރަބިއްޔާ ބެލެނިވެރީން ބުނީ އެ ސުކޫލުގެ ބިމުގެ މައްސަލައިގައި އަދާލަތުގެ ފަރާތުން ކުރެވެން ހުރި ކަންކަން ބެލުމަށްޓަކައި ބޭއްވުނު ބައްދަލްވުމުގައި އެއްބަސްވެވުނު އެއް ކަމަކީ އެ ޕާޓީގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ބައްދަލުކޮށް އާ އިމާރާތުގެ މަސައްކަތް ފެށުމަށް ބާރު އެޅުން ކަމަށެވެ.
އޭގެ ފަހުން އެކަމުގެ އަޕްޑޭޓް ހޯދުމަށް މިދިޔަ މަހުގެ 14 ވަނަ ދުވަހު ބައްދަލްވުމެއް ބޭއްވި ކަމަށާ އެ ބައްދަލްވުމުގައި މިދިޔަ ހަތް މަސް ދުވަހު ކުރި މަސައްކަތުން ވެސް މިނިސްޓަރު އައިޝަތު އަލީއާ ބައްދަލްވެފައި ނުވާ ކަމަށް އެ ޕާޓީން ބުނެފައިވާ ކަަމަށެވެ.
އަރަބިއްޔާގެ ބެލެނިވެރީންނާއި އަދާލަތުން ބައްދަލު ކުރަނީ އެ ޕާޓީގެ އެކްޓިވިސްޓަކާއި ޕާޓީގެ އިސް މަގާމެއްގައި ނެތް ބޭފުޅެކެވެ. އަދާލަތުގެ އެއްވެސް އިސް ބޭފުޅަކު ބައްދަލްވުމުގައި ބައިވެރިނުވެއެވެ.
މި ސަރުކާރުގައި އަދާލަތުގެ ނުފޫޒާއި ބާރު އޮންނަ ކަމަށް ދައްކަން އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރެއެވެ. އަދި ރައީސް ސޯލިހް ދެވަނަ ދައުރަކަށް ހޮވަން އެ ޕާޓީން މަސައްކަތް ކުރަނީ ކަންކަން ރަނގަޅު ވާނެ ކަމުގެ އުންމީދު އޮތުމުން ކަމަށާ އަދާލަތު ހިމެނޭ ސަރުކާރަކުން ގޯސްތައް ރަނގަޅު ކުރާނެ ކަމަށް ދަނީ ބުނަމުންނެވެ. ނަމަވެސް އެ ޕާޓީގެ ބައިވެރިވުން ސަރުކާރުގައި އޮތަސް އަދާލަތަކީ ސަރުކާރުގެ ކަންކަން ނިންމުމުގައި އެއްވެސް ދައުރެއް އޮތް ޕާޓީއެއް ނޫނެވެ.
ބާ ޖަމާލުއްދީން ސްކޫލު ހުރި ތަނުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މި އަހަރުގެ އޭޕްރީލް 10 ގައި ފަށާފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި 2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު އިމާރާތް ބޭނުން ކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ. ނަމަވެސް އަދިވެސް އިމާރާތް ކުރުމުގެ އެއްވެސް މަސައްކަތެއް ނުފެށެއެވެ. އަރަބިއްޔާ ދަރިވަރުން މިހާރު ކިޔަވަނީ ކުރީން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައެވެ. އާ އަހަރަށް އެ ކުދީން ކިޔަވަން ދާން ޖެހެނީ ދަރުމަވަންތަ ސުކޫލު ވަގުތީ ގޮތުން ހިންގި އިމާރާތަށެވެ.
އަރަބިއްޔާއަށް އާ އިމާރާތެއް އަޅައިދޭން ސަރުކާރުން ނިންމުމުން އެކަން ފާހަގަކޮށް އަދާލަތަށް ނިސްބަތްވާ އިލްމުވެރީން ވަރަށް ސަރުކާރަށް ސަނާ ކިޔެވެ.