އެމްއައި ކޮލެޖުގެ ސެޕްޓެމްބަރު އިންޓޭކް ހުޅުވާލައި، އަހަރީ ސްކޮލާޝިޕް ހަވާލުކޮށްފި

އެމްއައި ކޮލެޖުން ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި އޮފީސް މެނޭޖްމަންޓާއި އެކައުންޓިން ގެ ދާއިރާއިން ވެސް ގިނަ ފުރުސަތުތަކެއް ހުޅުވާލާފައެވެ.

އެމްއައި ކޮލެޖުގެ ސެޕްޓެމްބަރު އިންޓޭކަށް ހުޅުވާލުމާއި، ސްކޮލާޝިޕް ހަވާލުކުރުން

އެމްއައި ކޮލެޖުގެ މިއަހަރުގެ ސެޕްޓެމްބަރު އިންޓޭކަށް ހުޅުވާލައި، އަހަރީ ސްކޮލަޝިޕްގެ ފުރުސަތު ލިބޭ ދަރިވަރުން ހޮވައިފި އެވެ. 

އެ ކޮލެޖުން ރޭ ބޭއްވި ރަސްމިއްޔާތެއްގައި ސެޕްޓެމްބަރު އިންޓޭކްގެ ކޯސްތައް އިއުލާނުކޮށްދެއްވީ ކޮލެޖުގެ ރެކްޓަރު ލަމްޔާ އަބްދުލްހާދީ އާއި ސީނިއާ ޑީން ރޫބަލް ޕައުލްއެވެ. މިފަހަރުގެ އިންޓޭކަށް ވެސް އެ ކޮލެޖުގެ އެކި ފެކަލްޓީތަކުން ވަނީ ގިނަ ކޯސްތަކަކަށް ހުޅުވާލާފައެވެ.

އެގޮތުން އެޑިއުކޭޝަން ފެކަލްޓީއިން ވަނީ ޕްރީ ސްކޫލް އަދި ޕްރައިމަރީ ޓީޗިންގެ އިތުރުން ސްޕެޝަލް އެޑިއުކޭޝަން ލެވެލް ތިނަކުން ފެށިގެން ނުވަޔަކާދެމެދުގެ ކޯސްތަކަށް ހުޅުވާލާފައެވެ. އަދި ދިވެއްސާއި، އިސްލާމް ޓީޗިންގެ މާސްޓާސް އަށް ވެސް ފުރުސަތު އެބައޮތެވެ. 

އައިޓީ ފެކަލްޓީގައި ވެސް ގިނަ ފުރުސަތުތަކެއް އެބަ ހުއްޓެވެ. އެގޮތުން، ގްރެފިކްސް އަދި މަލްޓިމީޓިއާ، ސޮފްޓްވެއާ އިންޖިނޭރިން ގެ ދާއިރާއިން ޑިގްރީއާއި މާސްޓާސް އަށް ހުޅުވާލިއިރު، އައިޓީ، ރޮބޮޓިކްސް އަދި ގާޑެނިންގެ ލެވެލް ތިނެއްގެ ކޯސްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ދިވެހި ބޭސްވެރިކަމުގެ ކޯހަށް ވެސް ހުޅުވާލާފައިވެއެވެ.

އެމްއައި ކޮލެޖުން ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި އޮފީސް މެނޭޖްމަންޓާއި އެކައުންޓިން ގެ ދާއިރާއިން ވެސް ގިނަ ފުރުސަތުތަކެއް ހުޅުވާލާފައެވެ. އޭގެތެރެއިން ވެސް މާސްޓާސް އޮފް އެކައުންޓިން އެންޑް ފައިނޭންސް ޕްރޮގްރާމް ސީނިއާ ޑީން ރޫބަލް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވިގޮތުގައި މުޅިން އަލަށް ތައާރަފުކުރި، އެ ޕްރޮގްރާމަކީ އޭސީސީއޭ ލައިސަންސު ނެގުމަށް ބޭނުންވާ އިމްތިހާނުތަކަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މީގެ އިތުރުން ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ޔުނިވާސިޓީ ޕްރިޕެރޭޝަން ޕްރޮގުރާމާއި، ޕްރި މާސްޓާސް ޕްރޮގުރާމްގެ އިތުރުން އެޑްވާންސްޑް ސެޓްފިކެޓް އިން ފައުންޑޭޝަން ސްޓަޑީސްއަށް ވެސް މި އިންޓޭކުގައި ވަނީ ހުޅުވާލާފައެވެ.

ވާޗުއަލް އަދި ފޭސްޓުފޭސްކޮށް ކިޔެވޭ ކޯސްތައް މީގެ ތެރޭގައި ހިމެނެއެވެ. ސެޕްޓެމްބަރު އިންޓޭކަށް ކޮލެޖަށް ވަނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ބަންދުވާނީ އޮގަސްޓު 30ވަނަ ދުވަހުއެވެ.

މީގެ އިތުރުން އެ ކޮލެޖުގެ އަހަރީ ދުވަހާ ގުޅުވައިގެން އިއުލާނުކުރި ސްކޮލާޝިޕްގެ ފުރުސަތު ލިބުނު ދަރިވަރުން ރޭ ވަނީ ހޮވާފައެވެ. އެގޮތުން ސެޓްފިކެޓް ލެވެލް ތިނަކަށް ކިޔެވުމަށް ތިން ދަރިވަރަށް ފުރުސަތު ދީފައިވެއެވެ. އެ ލެވެލްގެ ކޯސްތަކަށް ކުރިމަތިލި ހުރިހާ ދަރިވަރުންނަށް ވެސް ވަނީ ފުރުސަތު ލިބިފައެވެ.

ލެވެލް ހަތަރެއްގެ ސްކޮލާޝިޕް ވެސް ތިން ދަރިވަރަކަށް ލިބުނެވެ. އެ ސްކޮލާޝިޕް ލިބުނު ކުދިން ހޮވާފައިވަނީ ގުރުއަތުލައިގެންނެވެ. އަދި މާސްޓާސް ޑިގުރީއަށް ކިޔެވުމަށް ދެ ދަރިވަރަކަށް ފުރުސަތު ލިބުނެވެ. އެ ފުރުސަތު ދީފައިވަނީ ކުރިމަތިލީ ދަރިވަރުންގެ ތެރެއިން ޑިގްރީ ނިންމި އިރު އެންމެ މަތިން ޖީޕީއޭ ހޯދި ކުދިންނަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.