އެނެކްސްގެ ނަމުގައި މި ރެެސްޓޯރެންޓް ހުޅުވީ ޖަރުމަނުގައި ދިރިއުޅޭ ދިވެއްސެކެވެ. މިތަނުން ދިވެހި ރަހަތަކުގެ ކެއުންވެސް ލިބެން ހުރެއެވެ.
ދިވެހީންނަކީ ހުނަރުވެރި ބައެކެވެ. ރަނގަޅު ފުރުސަތެއް ލިބިއްޖެނަމަ އެކަން ސާބިތުކޮށްދީ ކުރިއަރާ ގޮސް ނަމޫނާ ދައްކާ ބައެކެވެ. ކިތަންމެ ހަނި ފުރުސަތެއް ލިބުނަސް ދުނިޔެއަށް ނުކުމެ ހުނަރު ދައްކަން ފަށާނެ އެވެ. އެކަން ސާބިތުކޮށްދޭ ކިތަންމެ މިސާލުތަކެއް ވެއެވެ. މިއީ ވެސް އޭގެ އެއް މިސާލެވެ. ޖަރުމަނުގައި ދިރިއުޅޭ ދިވެއްސަކު އެ ގައުމުގައި މިވަނީ މި ފަދަ ފުރުސަތެއް ފަހިވެ އަމިއްލަ ރެސްޓޯރެންޓެއް ހުޅުވާފަ އެވެ. ހަމައެއާއެކު އެތަނުގެ މަގުބޫލުކަން މިވަނީ އިތުރުވާން ފަށާފަ އެވެ.
ޖަރުމަނުގެ އަމްބާންގައި ދިރިއުޅޭ ފުވައްމުލަކަށް އުފަން އޭޖޭ މޫސާ އާއްމު ނަމުން ނަމަ "އޭޖޭ" ހުޅުވި މި ރެސްޓޯރެންޓުގެ ވާހަކަ އެ ގައުމުގެ ބައެއް ނޫސްތަކުގެ ސުރުހީތަކަށް ވަނީ އަރާފައެވެ. ރެސްޓޯރަންޓްގެ މަގުބޫލުކަން އިތުރުވެ ހިދުމަތް ހޯދާ މީހުންގެ އަދަދު ވަނީ މަތިވެފައެވެ. މި ރެސްޓޯރަންޓްގެ އެންމެ ހާއްސަ އެއް ކަމަކީ ބައެއް ދިވެހި ކެއުންތައް ވެސް ލިބެން ހުރުމެވެ.
ދިވެހި ބައެއް ކެއުންތަކާއި އިންޓަނޭޝަނަން ކުޒީންއަށް ހާއްސަކޮށް އެނެކްސް- ސްޓްރަލެންޑޯފްގެ ނަމުގައި ހުޅުވި މި ރެސްޓޯރެންޓުގެ ކެއުންތަކުގެ މަގުބޫލުކަން މި ސަރަހަށްދަން ދާ ޓޫރިސްޓުންނާއި އެ ގައުމުގެ ގިނަ ބައެއްގެ މެދުގައި ވަނީ އިތުރުވާން ފަށާފަ އެވެ. ހާއްސަކޮށް މި ރެސްޓޯރެންޓުގައި ލިބެން ހުރި ދިވެހި ރަހަތައް ވެފައިވަނީ ގިނަ ބައެެއްގެ މެދުގައި މަގުބޫލު ރަހަތަކަށެވެ.
މި ރެސްޓޯރެންޓުގެ ހުޅުވި މޫސަ ޓޫރިޒަމް ނޫހެއް ކަމަށްވާ މޯލްޑިވްސް އިންސައިޑާއަށް ބުނެފައިވާ ގޮތުގައި މިފަދަ ރެސްޓޯރެންޓެއް ހުޅުވުމަކީ ކުރިއްސުރެން ފެށިން ވެސް އޭނާ ދެކެމުން ދިޔަ ހުވެފެނެ އެވެ. މި ރެސްޓޯރެންޓް ހުޅުވިތާ އަދި މާގިނަ ދުވަހެއް ނުވިވިޔަސް މިހާރުވެސް އޭނާގެ ދިވެހި އެ ރެސްޓޯރެންޓަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބެން ފަށާފަ އެވެ. ހާއްސަކޮށް ދިވެހި ރެސިޕީ ހިމެނޭ ގޮތަށް ތައްޔާރުކުރާ ދިވެހި ރިހަ އާއި ބަތަށް ގިނަ ބައެއްގެ ޝައުގުވެރިކަން ބޮޑެވެ. އެ ރަހަތަކުގެ ފަހަތުގައި ވަނީ މޫސަގެ މަންމަގެ ރެސިޕީ އެވެ.
ކުރިން ރާއްޖޭގެ މަތީ ފަންތީގެ ލަގްޒަރީ ރިސޯޓުތަކުގައި ވެސް މަސައްކަތްކޮށްފައިވާ މޫސަ ބުނެފައިވާ ގޮތުގައި އޭނާގެ މަންމަގެ ރެސިޕީއަށް ތައްޔާރުކޮށްފައި ހުންނަ މި ދިވެހި ރަހަވެފައިވަނީ ޖަރުމަނުގެ އަދި މި ތަނަށް އަންނަ އެހެން ގައުމުތަކުގެ މީހުންގެ އެންމެ މަގުބޫލު އެއް ކެއުމަށެވެ.
ސުވިޒަލޭންޑުގެ ހޮޓެލް ސްކޫލް، ގްލިއަން އިންސްޓިޓިއުޓް އޮފް ހަޔާ އެޑިއުކޭޝަން އިން އެފްއެންބީ ދާއިރާ އިން މަތީ ތައުލީމް ހާސިލްކޮށްގެން ހުރި މޫސަ ބުނެފައިވާ ގޮތުގައި ރާއްޖޭގެ ސަގާފަތާއި ދިވެހި ރަހަތައް ބޭރަށް ގެންގޮސް ދޭން ފުރުސަތު ފަހިވުމަކީ އޭނާ އެންމެ ކުރަން ބޭނުންވި ކަމެވެ. މިއަދު އެކަން އޭނާއަށް ވަނީ ހާސިލްވެފަ އެވެ.
މަރުހަބާ އޭޖޭ.