ލާމަރުކާޒީ ގާނޫނާއި މާލިއްޔަތު ގަވާއިދާ ހިލާފަށް ނަގުދު ފައިސާ ދުވާފަރު ކައުންސިލުން ނަގައި ކައުންސިލް މެމްބަރުންނާއި މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ފައިސާ ޖަމާކޮށް ހަރަދުކޮށްފައިވެ އެވެ.
ރ. ދުވާފަރު ކައުންސިލުގެ ބައެއް މެންބަރުންނާއި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުން އެކުވެގެން ވި ބޮޑު ހިޔާނާތުގެ މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުގައި އެދުނު މައްސަލާގައި ކުށަށް އިއުތިރާފުވުމުގެ އެއްބަސްވުމެއް / ނަސޭހަތުގެ އެއްބަސްވުމެއް ހެދުމާއި ގުޅިގެން ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް އެ ނިންމުމާމެދު ސުވާލު އުފައްދަވަައިފި އެވެ.
ލާމަރުކާޒީ ގާނޫނާއި މާލިއްޔަތު ގަވާއިދާ ހިލާފަށް ނަގުދު ފައިސާ ދުވާފަރު ކައުންސިލުން ނަގައި ކައުންސިލް މެމްބަރުންނާއި މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ފައިސާ ޖަމާކޮށް ހަރަދުކޮށްފައިވެ އެވެ. އެ މައްސަލަ އޭސީސީން ވަނީ ތަހުގީގު ކޮށްފައެވެ. މި ހިޔާނާތް ހިންގާފައި ވަނީ ކޮވިޑް-19 އިގެ ދުވަސްވަރު އެވެ
ދުވާފަރު ކައުންސިލުގައި ހިމެނޭ ބައެއް މެންބަރުންނާއި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންނާއި އެ ރަށު ޑަބްލިޔުޑީސީގެ ބައެއް މެންބަރުން އަމިއްލަ އެކައުންޓުތަކަށް ކައުންސިލުގެ ބަޖެޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށް ބޭނުން ކޮށްފައިވާ ކަމަށް އެލްޖީއޭގެ ރިޕޯޓުން ދައްކަ އެވެ. އުސޫލުން ބޭރުން އެމީހުންގެ އެކައުންޓްތަކަށް ޖަމާކުރި ފައިސާ އާއި ނަގުދު ފައިސާގެ އަދަދު 2.1 މިލިއަން ރުފިޔާއިން މައްޗަށް އުފުލިފައި ވެއެވެ. މިއީ ރަށެއްގެ ކައުންސިލް ތެރެއިން އައި މިފަދަ އެންމެ ބޮޑު ހިޔާނާތެވެ.
އޭސީސީން މިއަދު ބުނީ ލޯކަލް ގަވާމަންޓް އޮތޯރިޓީން އެކުލަވާލި ދުވާފަރު ކައުންސިލްގެ ހާއްސަ މޮނިޓަރިން ރިޕޯޓަކުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން 12 މީހެއްގެ މައްސަލަ ތަހުގީގުކޮށް ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ އަށް ފަހު ދައުވާ ކޮށްދިނުމަށް ނިންމާފައިވާ އަށް މީހުންގެ ތެރޭގައި އެ ކައުންސިލްގައި އޭރު ތިބި މެންބަރުންނާއި ބައެއް މުވައްޒަފުން ހިމެނެއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ރ. ދުވާފަރު ކައުންސިލުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ހިލާފަށް ކައުންސިލްގެ މެންބަރުންގެ ޕާސަނަލް އެކައުންޓަށް ފައިސާ ޖަމާކުރުމާއި ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނަށާއި އތމ ކޮމިޓީގެ މެންބަރުންނަށާއި މުވައްޒަފުންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި ދައުވާކުރުމުގެ ބަދަލުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.
އެ މީހުން ތަހުގީގުގައި އިއުތިރާފުވެ މި އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް އެދިފައިވާ ކަމަށާ މިކަމުގައި ޕީޖީން އޮފީހުން ރިއާޔަތްކުރި ކަންކަމުގެ ތެރޭގައި ތުހުމަތުކުރެވޭ މީހުންގެ ކުށުގެ ރެކޯޑާއި މައްސަލާގައި ކަން ހިނގާފައިވާ ގޮތާއި ކުށުގެ އަމަލުގައި ބައިވެރިވުން އޮތް މިންވަރާއި ތުހުމަތުކުރެވޭ ފަރާތްތަކުން އަދާކުރަމުންދާ ޒިންމާތަކާއި ދައުލަތަށް ހިދުމަތް ކޮށްދީފައިވާ މުއްދަތާއި ދައުލަތަށް ބަދަލު ލިބިފައިވުމާއި މައްސަލާގައި ދައުވާއެއްކޮށް ކުރިއަށް ގެންގޮސްފިނަމަ ކަނޑައެޅިދާނެ އަދަބަށް ރިއާޔަތް ކޮށްފައިވާނެ ކަމަށެވެ.
ޕީޖީގެ ނިންމުމާމެދު ސުވާލު އުފައްދާ ކުރީގެ އިސް ގާޒީ ހައިލަމް ވަނީ މި މައްސަލާގައި ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތް ދިނުމަށް ޕީޖީ އޮފީހުން ނިންމަން ޖެހުނީ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ރ.ކަނދޮޅުދޫ، ރިހިތަޅާގެ މުހައްމަދު އަލިފުޅަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅުގެ ބައްޕަ ހިމެނޭތީ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ހައިލަމް ވަނީ މިއީ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތް ދެވިދާނެ މައްސަލައެއްތޯ ސުވާލު އުފައްދަވާފައެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނު ގައި ބަޔާން ކުރަނީ ނަސޭހަތްދެވޭ ކުށަށް ކަނޑައެޅިފައިވާ އަދަބު އެއް އަހަރު ދުވަހުގެ ޖަލު އަދަބަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށެވެ. އަދި ދައުލަތުގެ މުވައްޒަފުން އެމީހުންގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހިންގާ ޖިނާއީ ކުށްތަކުގައި ނަސޭހަތް ދިނުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށްވެސް ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ކުށްކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ނަމަ އާންމު މަސްލަހަތަށް އެންމެ ފައިދާ ހުރި ގޮތަކީ އެފަދަ މީހުންގެ މައްޗަށް ދައުވާ ކުރުން ކަމަށް ހައިލަމް ވިދާޅުވި އެވެ.
ހައިލަމް ވަނީ ޕްރޮސިކިއުޓަރު ޖެނެރަލް އޭނާގެ މަސްއޫލިއްޔަތު އަދާކުރަން ވާނީ އެއްވެސް ފަރާތަކަށް ޖެހިލުންވުމެއް ނެތި ވަކި ފަރާތަކަށް މަންފާ އެއް ހޯދައިދިނުމެއް ނެތި ހަމަހަމަކަމާއި ހާމަކަމާއެކު ނުފޫޒުން އެއްކިބާވެހުރެ ކަމަށް ގާނޫނުއަސާސީގެ ބަޔާންކޮށްފައި ވީނަމަވެސް މި މައްސަލަ އާއި ސިޔާސީ ފަރާތްތަކާ ގުޅުން ހުންނަ އެހެން މައްސަލަތަކުގައި ވެސް ޕީޖީގެ ނިންމުންތައް މި އަސާސްތަކާ ހިލާފުވެފައިވާ ކަމަށް ބެލެވޭ އެކަށީގެންވާ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެހެން ކަމުން ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޕީޖީ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ގޮތް ބައްލަވައި ދެއްވައި ދިވެހި ރައްޔިތުންނާމެދު ޕީޖީ އަމަލު ކުރައްވަމުން ގެންދަ ވަނީ ހަމަހަމަ ކަމާއެކުގައި ކަން ކަށަވަރު ކޮށްދެއްވުން އެދިވަޑައިގެންފައެވެ.