ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ މަސްކަނޑުތައް ބެލެހެއްޓުމުގައި ދިވެހި ސިފައިން މިހާރުވެސް އަންނަނީ ވަރަށް ބުރަ އަދި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
ރާއްޖޭގެ ދެކުނުން ކަނޑުގެ އިން ކަނޑައެޅިގެން ދިއުމާއެކު ކޯސްޓްގާޑްގެ ޒިންމާ އެތައް ގުނައަކަށް އިތުރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެެވެ.
ރާއްޖެ - މޮރިޝަސްގެ އިމުގެ މައްސަލަ ވަނީ ނިމިފައެވެ. ސަރުކާރުން ދެކެނީ އިން ކަނޑައެޅުމަކީ ލިބުނު ކާމިޔާބެއް ކަަމަށެވެ. ކަނޑުން ބޮޑު ބައެއް ލިބުނީ ދިވެހީންނަށް ކަމަށް ސަރުކާރުން ވިސްނައިދޭން މަސައްކަތް ކުރެއެވެ. އިދިކޮޅު ޕާޓީތަކުން ދެކޭ ގޮތުގައި އިން ކަނޑައެޅިގެން ދިޔައީ ދިވެހީންގެ ކަނޑުން 44،000 އަކަކިލޯމީޓަރުގެ ބޮޑު ސަރަހައްދެއް ގެއްލިގެންނެވެ. އެހެން ދިމާވީ ސަރުކާރުން ދިވެހީންގެ ހައްގުގައި ވަކާލާތުނުކޮށް މޮރިޝަސް ކޮޅު ނެގުމުން ކަމަށް ވެސް ތުހުމަތު ކުރެ އެވެ. ކަނޑު ބެހި މައްސަލާގައި ހުރިހާ ޕާޓީތަކެއްހެން ސަރުކާރާއި ދެކޮޅެވެ.
ދިވެހި ސިފައިންގެ 131 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެެރިކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ މަސްކަނޑުތައް ބެލެހެއްޓުމުގައި ދިވެހި ސިފައިން މިހާރުވެސް އަންނަނީ ވަރަށް ބުރަ އަދި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. ރާއްޖޭގެ ދެކުނުން ކަނޑުގެ އިން ކަނޑައެޅިގެން ދިއުމާއެކު ކޯސްޓްގާޑްގެ ޒިންމާ އެތައް ގުނައަކަށް އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.
"އެއީ ސަލާމަތީ ގޮތުންނާއި އިގްތިސާދީ ގޮތުން އަދި އަސްކަރީ ގޮތުން ވެސް ދިވެހި އަސްކަރިއްޔާ ގައި އެޅުނު އިތުރު ޒިންމާ ތަކެއް. އެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އަން މޭންޑް އޭރިއަލް ވެހިކަލް ހޯދުމަށް ނިންމައި އެ މަސައްކަތް މިހާރު އަންނަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަަކަފުުޅުގައި ސިފައިންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރު ކުރުމަށް މިހާރު ރޭވިފައިވާ އެއް ކަމަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސިފައިންގެ އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެޑްވާންސް ވެޕަން ފަޔަރިން ސިމިއުލޭޓާ ހޯދުން ކަމަށް ވިދާޅުވި އެވެ.
މި އަހަރުގެ ތެރޭގައި އެފަދަ ހަތަރު ސިމިއުލޭޓަރު ރާއްޖެ ގެނެސް ބޭނުން ކުރަން ފެށޭނެ ކަަމަށް ވިދާޅުވި އެވެ. އަދި ސިފައިންގެ ކްރިޓިކަލް އިންފްރާސްޓަކްޗާގެ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ ގޮތުން އެންޓި-ޑްރޯން ސިސްޓަމްތަކެއް ހޯއްދަވާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި ސިފައިންގެ މުހިންމު ދެ ދާއިރާ އެއްގެ ތަރައްގީއަށް އިތުރު ސަމާލުކަމެއް ދިނުމަށް ގަސްތު ކުރައްވާ ކަމަށް ވިދާޅުވި އެވެ. އެއީ ސިފައިންގެ ކޯސްޓްގާޑްގެ ހިދުމަތާއި ސިފައިންގެ ފަޔާ އެންޑް ރެސްކިޔުގެ ހިދުމަތް ކަމުގައި ވިދާޅުވި އެވެ.
"މި ދެ ދާއިރާ އަކީ ވެސް، އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން އާންމު ރައްޔިތުންނާ ސީދާ ގުޅުން ހުރި ދެ ދާއިރާ. މަސްވެރި އުޅަނދުތައް ބޮޑެތިވެ މަސްވެރިން ކަނޑުމަތީގައި ހޭދަކުރާ މުއްދަތު އިތުރުވަމުން އަންނައިރު ކޯސްޓްގާޑްގެ ހިދުމަތްތައް ވެސް އެވަރަށް ފުޅާކުރަން ޖެހޭނެ ކަމަށް ގަބޫލުކުރަން،"
ރައީސް ވިދާޅުވީ މާލެ ސަރަހައްދުގެ އިމާރާތްތައް އުސްވެ ބޮޑެތިވެ އެއް އިމާރާތެއްގައި ދިރިއުޅޭ މީހުންގެ އަދަދު ވެސް އިތުރު ވަމުންދާއިރު މިކަމަށް ރިއާޔަތްކޮށް ސިފައިންގެ ފަޔާ އެންޑް ރެސްކިޔު ހިދުމަތް އިތުރަށް ތަރައްގީ ކޮށް ޒަމާނީ ކުރުމަކީ ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ.