ބުދަ ދުވަހު ގުޅީ ރައްޓެއްސެއް، ޖަލްސާ ނިންމާކަށް ނާންގަވާ: އަފީފް

އަފީފަށް ގަވާއިދާ ހިލާފަށް މަޖިލީސް ނިންމާލަން އޯޑަރު ދެއްވީ ނަޝީދު ކަމަށް ސަނީފް ވިދާޅުވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އަފީފް ވިދާޅުވެފައި ވަނީ އެދުވަހު ގުޅީ ރައްޓެއްސެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގަައި މެންބަރު އަފީފް: ބުދަ ދުވަހުގެ ޖަލްސާ ނިންމަވާލެއްވި ގޮތާއިމެދު އުފެދިފައިވާ ސުވާލުތަކަށް މިއަދު ޖަވާބު ދެއްވި

މިދިޔަ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމައިލީ ރައީސް މުހައްމަދު ނަޝީދު ގުޅުއްވައި އެގޮތަށް އެންގެވުމުން ކަމަށް ކުރެވޭ ތުހުމަތު ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް މިއަދު ދޮގު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު އަފީފު ބަލަހައްޓަވަނީ މަޖިލީހުގެ ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ވެސް ތަޅުމުގައި ވަޑައިގެން ނެތުމުންނެވެ. މިދިޔަ ހަފްތާ އިން ފެށިގެން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ އަފީފެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ޖަލްސާގައި ކުރިއަށް ގެން ދިޔައީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލަ އެވެ. އެދުވަހުގެ ޖަލްސާގައި މެމްބަރުންގެ މެދުގައި އަރައިރުން އުފެދި އެއް ފަހަރު ޖަލްސާ މެދުކަނޑައި ވެސް ލިއެވެ. އެކަމަކު އަލުން ފެށިއިރު ވެސް އެ މައްސަލައަށް ހައްލެއް ނުލިބި އިދިކޮޅު މެމްބަރުންނާއި އެމްޑީޕީ މެމްބަރުން ދިޔައީ ހަޑިހުތުރު އެއްޗެހި ގޮވައި ޒުވާބު ކުރަމުންނެވެ.

މަޖިލީހުގެ ޖަލްސާގެ ނިޒާމު ވަރަށް ބޮޑަށް ގެއްލިފައި އޮތް އެ ވަގުތު އަފީފަށް ފޯން ކޯލެއް އައުމުން އެ ކޯލަށް ޖަވާބު ދެއްވި އެވެ. އެ ފޯން ނެންގެވުމަށް ފަހު އަފީފް ވަނީ "މި ނިންމާލަނީ، މި ނިންމާލަނީ" އޭ ވިދާޅުވެ އެވެ. އަފީފް އެހެން ވިދާޅުވާ އަޑު މައިކުން ވަރަށް ސާފުކޮށް އިވުނެވެ. އޭރު ރިޔާސަތުގެ މައިކު ހުރީ ޖައްސާފައެވެ. ފޯން ބޭއްވުމަށް ފަހު އަފީފް ވަނީ އިތުރު ވަގުތަކަށް މަޑު ނުކުރައްވާ ޖަލްސާ ނިންމަވާލައްވާފައެވެ.

އަފީފް އެ ގޮތަށް އަމަލު ކުރެއްވުމުން ގިނަ މެންބަރުންނާއި އާންމުންވެސް ހީކުރީ އަފީފަށް ގުޅުއްވީ ރައީސް ނަޝީދު ކަމަށެވެ. އަދި "މި ނިންމާލަނީ، މި ނިންމާލަނީ" ކަމަށް ވިދާޅުވެ އަފީފް ޖަވާބު ދެއްވީ މަޖިލީސް ނިންމަވާލެއްވުމަށް ނަޝީދު އެންގެވުމުން ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހުގެ ތަޅުމުގައި: އަފީފް ވިދާޅުވީ ދެ ރައީސުން ކުރެ އެއްވެސް ބޭފުޅަކު ނުގުޅުއްވާ ކަމަށް

މިއަދުގެ ޖަލްސާގައި އެކަމާ ގުޅިގެން އަފީފާ ސުވާލު ކުރެއްވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފެވެ. މަޖިލީހުގައި "މަރުތަޅު" އަޅުވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އިދިކޮޅު މެމްބަރުން ބުނަމުން ދާތީ ސަނީފް ވަނީ އެ ދުވަހު އަފީފަށް ގުޅުއްވައި ގަވާއިދާ ހިލާފަށް މަޖިލީސް މެދުކަނޑާލަން އެންގެވީ ރައީސް ސޯލިހުތޯ ރައީސް ނަޝީދުތޯ ސުވާލު ކުރައްވާފައެވެ.

އަފީފަށް ގަވާއިދާ ހިލާފަށް މަޖިލީސް ނިންމާލަން އޯޑަރު ދެއްވީ ނަޝީދު ކަމަށް ސަނީފް ވިދާޅުވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އަފީފް ވިދާޅުވެފައި ވަނީ އެ ދުވަހު ގުޅުއްވީ އޭނާގެ ރައްޓެއްސެއް ކަމަށެވެ.

"އިއްޒަތްތެރި މެމްބަރު އަޅުގަނޑާ ތި ކުރެއްވި ސުވާލުގެ ޖަވާބުގައި ދަންނަވަން. ރައީސުލްޖުމްރިއްޔާ ވެސް މަޖިލީސްގެ ރައީސެއް ވެސް އެދުވަހު އަޅުގަނޑަކަށް ނުގުޅުއްވާ. އަޅުގަނޑުގެ އެހެން ރައްޓެއްސަކު ގުޅީމާ، އަޅުގަނޑު ޖަލްސާ ނިންމާލަން ދަނީއޭ، ޖަލްސާ ނިންމާލަނީއޭ ބުނީ،" އަފީފް ވިދާޅުވި އެވެ.

އެމްޑީޕީ މެންބަރުން ދެކޭ ގޮތުގައި އަފީފް، މަޖިލީސް ކުރިއަށް ގެންދަވަނީ ނަޝީދު އަންގަވާ ގޮތަށެވެ. 

ނަމަވެސް ރިޔާސަތުގައި އިންނަވާ އަފީފް އަމަލުކުރައްވާތީ ފެނިވަޑައިގަންނަވަނީ ވަރަށް ބޮޑަށް އުސޫލާއި އެއްގޮތަށެވެ. މެންބަރުންނަށް ހަމަހަމަކޮށް އަމަލު ކުރެއްވުމަށް އިސްކަން ދެއްވައެވެ. ރިޔާސަތު ބަލަހައްޓަވަނީ ކުޅަދާނަ ކޮށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.