މަޖިލީހުގެ ޖަލްސާގައި އެ މައްސަލައަށް ބަހުސްކުރަން ފެށީ ބަހުސް ކުރަން ފެންނަ ކަމަށް 37 މެމްބަރުންގެ ވޯޓުން ފާސްވީމަ އެވެ. ބަހުސް ކުރަމުންދިޔައިރު ނިޒާމީ ނުކުތާތައް ގިނަވެ، ދެ ފަހަރަށް މެދުކަނޑައި ވެސް ލިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ އެމްޑީޕީ އިން ހުށަހެޅި މައްސަލަ ވެސް ކުރިއަށް ނުގެންގޮސް ވެއިޓިން ލިސްޓަށް ލައިފި އެވެ.
ނަޝީދާ ދެކޮޅަށް އިމްތިޔާޒްގެ މައްސަލައެއް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އެވެ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ ގަރާރު އެޖެންޑާ ކުރިނަމަވެސް ނަޝީދު ރިޔާސަތާ ހަވާލުވެފައި ނުވާތީ މަޖިލީހުގެ އިމްތިޔާޒަށް ނަޝީދު އަރައިގެންފައިވާ ކަމަށް އޭނާ ހުށަހެޅި މައްސަލައިގައިވެ އެވެ.
މަޖިލީސް ގަވާއިދު ބުނާގޮތުގައި، އިމްތިޔާޒާ ބެހޭ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިނަމަ އެހެން ހުރިހާ މައްސަލައަކަށްވުރެ ބޮޑަށް އެ މައްސަލައަކަށް އިސްކަން ދޭން ވާނެ އެވެ. އެ މައްސަލައާ ގުޅޭ ގޮތުން ގޮތެއް ނުނިންމައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
މަޖިލީހުގެ ޖަލްސާގައި އެ މައްސަލައަށް ބަހުސްކުރަން ފެށީ ބަހުސް ކުރަން ފެންނަ ކަމަށް 37 މެމްބަރުންގެ ވޯޓުން ފާސްވީމަ އެވެ. ބަހުސް ކުރަމުންދިޔައިރު ނިޒާމީ ނުކުތާތައް ގިނަވެ، ދެ ފަހަރަށް މެދުކަނޑައި ވެސް ލިއެވެ.
އޭގެ ފަހުން މަޖިލީސް ފަށަމުން ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ވަނީ އެ މައްސަލަ މިވަގުތަށް ކުރިއަށް ގެންދެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މައްސަލައިގައި ބަހުސްކުރަން އެދިފައިވާ މެމްބަރުން ޖަލްސާ ފެށުންއިރު ޖަލްސާގައި ނެތް ކަމަށާއި، މަޖިލީސް ގަވާއިދު ބުނާގޮތުގައި އެ މެމްބަރުންނަށް ވަގުތު ދޭން ޖެހޭނެ ކަމަށެވެ.
އަފީފް އެހެން ވިދާޅުވި ވަގުތު ފުރުސަތަކަށް އެދިފައިވާ މެމްބަރަކު ޖަލްސާއަށް އައުމުން ވެސް އަފީފް ވިދާޅުވީ ދެން އެ މައްސަލަ މިވަގުތަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އޭގެ ފަހުން ލޯފަން މީހުންނަށް ވޯޓުލެވޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ މަސައްކަތް ކުރިއަށް ގެންދަވަން ނިންމެވި އެވެ.
ނަޝީދުގެ އިމްތިޔާޒާ ބެހޭ މައްސަލަ ޕާކުކުރުމުން އެމްޑީޕީ މެމްބަރުން ވަނީ ނިޒާމީ ނުކުތާތައް ނަންގަވައި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެފައި ވަނީ ޖަލްސާ ފަށާއިރު މެމްބަރަކު ތަޅުމުގައި ނެތްނަމަ އާންމު އުސޫލުން ކަން ކުރާ ގޮތަކީ އެ މެމްބަރަކަށް ފުރުސަތު ގެއްލުނީ ކަމަށް ނިންމުން ކަމަށެވެ.
ކެނޑިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވަނީ އަފީފް އެގޮތަށް އަމަލުކުރެއްވީ ކޮން އުސޫލެއްގެ މަތިންތޯ އައްސަވާފަ އެވެ.
ޝިފާއު ވިދާޅުވީ ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ނަޝީދާއި އީވާގެ އިތުބާރު ނެތް މައްސަލަ ޕާކުކުރުމަށްފަހު މަޖިލީސް ޗުއްޓީއަށް ނުދެވޭނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު، މިހާރު އެޖެންޑާކޮށްފައިވާ ލޯފަން މީހުންނަށް ވޯޓުލެވޭ އިސްލާހާއި އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއްގެ ދައުރު ހަމަވާތީ އެ ކޮމިޝަނަށް މެމްބަރަކު އައްޔަނުކުރުން ފަދަ މުހިންމު މަސައްކަތްތައް އެބަހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.
ރޮޒައިނާ ވެސް ވަނީ އެކަމަށް ތާއީދުކޮށް މަޖިލީސް ޗުއްޓީއަށް ދިއުމަކީ ރަގަޅު ނޫން ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
"މިހާރު މިވަގުތު އެޖެންޑާ ކުރެވިގެން މިދާ އައިޓަމަކީ އަޅުގަނޑުމެން އެންމެން ވެސް ވަރަށް ފާސްކުރަން ބޭނުންވެ ތިބި މައްސަލައެއް. އެހެންވީމާ އަޅުގަނޑުމެން މި ބަހުސް ކުރިއަށް ގެންދަން މި ބަހުސްގެ ކަންތައްތަކުގަ އަޅުގަނޑުމެން ބައިވެރިވެގެން މި ކުރިއަށް ގެންދަނީ. އެއްގޮތަކަށް ވެސް މަޖިލީސް މިދަނީ ގަވާއިދާ އެއްގޮތަކަށް ކަމަށް އަޅުގަނޑުމެން ގަބޫލުކުރާތީކީ ނޫން،" ރޮޒައިނާ ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ނަޝީދު ވެސް ކުރިން ވަނީ މަޖިލީހުގެ ގަވާއިދާ ހަވާލާދެއްވައި އިމްތިޔާޒްގެ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް އެހެން ކަމަކަށް ނުދެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ރިފްއަތުގެ މައްސަލަ ނަޝީދު ޕާކުކުރީ އެހެން ވިދާޅުވުމަށްފަހު އެވެ. ބައެއް މެމްބަރުން މިއަދު ވަނީ އެކަން އަފީފަށް ހަނދާން ކޮށްދެއްވައިފަ އެވެ. އެކަމަކު އެކަމަށް އަފީފް އެއްވެސް ސަމާލުކަމެއް ނުދެއްވަ އެވެ.