ރޯޔަލް ނައިޓްސް އިން ބުނި ގޮތުގައި ހޭންޑްބޯލް އެކަޑަމީއެއް އުފެއްދުމުގެ އެންމެ މައިގަނޑު ބޭނުމަކީ ހޭންޑްބޯލް ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ މަތިވެރީގެ ދަރިންނަށް ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދީ ދާއިރާއިން ރަށާއި އަތޮޅާއި ގައުމީ ފެންވަރުގެ ކުޅުންތެރީން ތަކެއް އުފެއްދުމެވެ.
އއ. މަތިވެރިއަށް ނިސްބަތްވާ ކުލަބް -- ރޯޔަލް ނައިޓްސް (އާރުކޭ) އިން ހޭންޑްބޯލް އެކަޑަމީއެއް އިފްތިތާހު ކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ހަވީރު މަތިވެރީ ޓާފްދަނޑުގައި އޮތް ރަސްމިއްޔާތެއްގައި "އާރުކޭ ހޭންޑްބޯލް އެކަޑަމީ" އިފްތިތާހު ކޮށްދެއްވީ ގައުމީ ފިރިހެން ހޭންޑް ބޯލް ޓީމުގެ ކޯޗް ހުސައިން އަޒްހަމް އާއި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމެވެ.
"އާރުކޭ ހޭންޑްބޯލް އެކަޑަމީ" އިފްތިތާހު ކޮށްދެއްވުމުގެ ގޮތުން އެ ދެ ބޭފުޅުންގެ އެކަޑަމީގެ ނަން ލިޔެފައިވާ ބޯޑްގައިވާ ފަރުދާ ހުޅުވާލަ ދެއްވާފައެވެ.
ރޯޔަލް ނައިޓްސް އިން ބުނި ގޮތުގައި ހޭންޑްބޯލް އެކަޑަމީއެއް އުފެއްދުމުގެ އެންމެ މައިގަނޑު ބޭނުމަކީ ހޭންޑްބޯލް ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ މަތިވެރީގެ ދަރިންނަށް ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދީ ދާއިރާއިން ރަށާއި އަތޮޅާއި ގައުމީ ފެންވަރުގެ ކުޅުންތެރީން ތަކެއް އުފެއްދުމެވެ.
އަދި އެކަޑަމީގެ އެންމެ ބޮޑު އުންމީދަކީ ހޭންޑްބޯލް ދާއިރާ އިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެކަޑަމީއަކަށް ވުމެވެ.
މަތިވެރީގެ ގިނަ ބަޔަކު ބައިވެރިވި ރަސްމިއްޔާތުގައި "އާރުކޭ ހޭންޑްބޯލް އެކަޑަމީ" ގެ މެންބަރުންނާއި ކޯޗުން ވަނީ ދައްކާލާފައެވެ.
އެކަޑަމީ އުފެދުމުގެ ކުރީން ވެސް ރޯޔަލް ނައިޓްސް އިން ވަނީ އެ ކުލަބުގެ ޓީމެއް ބައެއް މުބާރާތްތަކުގައި ބައިވެރިކޮށް ރަނގަޅު ވަނަތަކެއް ހޯދާފައެވެ.
މަތިވެރީގައި މިހާރުވެސް ހޭންޑްބޯލް އިން ފާހަގަ ކޮށްލެވޭ މޮޅެތި ކުޅުންތެރިން އެބަ ތިއްބެވެ. އެކަޑަމީއަށް ނިސްބަތްވާ ކުޅުންތެރީން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
"އާރުކޭ ހޭންޑްބޯލް އެކަޑަމީ" ގެ މައިގަނޑު ފޯކަސް އަކީ މަތިވެރީ ސުކޫލު ދަރިވަރުންނެވެ. އެ ކުޅިވަރުގައި ކުރިއަަށްދާން ބޭނުންވާ ހުރިހާ ދަރިވަރުންނަށް އެކަޑަމީން ފުރުސަތު ދިނުމަކީ އުންމީދެކެވެ.
ޖަމިއްޔާ / ކުލަބުތަކުގެ ހަރަކާތްތައް ވަރަށް ފުޅާކޮށް އޮތް މަތިވެރީގައި އެންމެ ހަރަކާތްތެރި ކުލަބް / ޖަމިއްޔާތަކުގެ ތެރޭގައި ރޯޔަލް ނައިޓްސް ހިމެނެ އެވެ. ޒުވާން ކުދީންތަކެއްގެ މަސައްކަތުން އުފައްދާފައިވާ އެ ކުލަބު ރަޖިސްޓްރީ ކުުރުމުގެ ކުރީން ވެސް ތަފާތު މުބާރާތްތަކާއި ރަށުގެ އިޖްތިމާއީ ތަރައްގީއަށް ކުރެވުނު އެކި މަަސައްކަތްތަކުގައި ބައިވެރިވެ ނަމޫނާ ދައްކާފައިވެއެވެ.
ރޯޔަލް ނައިޓްސް އިން ހޭންޑްބޯލް އެކަޑަމީއެއް އުފެއްދުމުން ގައުމީ ހޭންޑްބޯލް ޓީމުން ވަނީ މަރުހަބާ ކިޔާފައެވެ.