ޖަމީލް ވިދާޅުވި ގޮތުގައި އިލްމުވެރިން ނިކުންނަވާ މީސްމީހުންނަށާއި ޖަމާއަތްތަކަށް ފުރައްސާރަ ކުރުމަކީ މާ ނުރައްކާތެރި ސިގްނަލެކެވެ.
ޖާހިލުން އުޅޭ ގޮތަށް އިލްމުވެރިން އުޅެން ފެށުުމުން އިހްތިރާމް ނުލިބޭނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވީ އަދާލަތު ޕާޓީގެ އިސް ފަނޑިޔާރު / އިލްމުވެރީންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފާއި މަގުމަތީން ދިމާކޮށްލުން ކުށްވެރިކޮށް އެ ޕާޓީއަށް ނިސްބަތްވާ ބައެއް އިލްމުވެރީން ދައްކަވާ ވާހަކަތަކާއި ގުޅިގެންނެވެ. އިޔާޒާ ދިމާކޮށްލި ދިމާކޮށްލުން އެހެން ގޮތަކަށް ބަދަލުކޮށް ސިމްޕަތީ ހޯދަން އަދާލަތުން ދަނީ މަސައްކަތް ކުރަމުންނެވެ. އިޔާޒާ ދިމާކޮށްލުމަކީ ދީނީ އިލްމުވެރީންނަށް ކުރި ފުރައްސާރައެއްގެ ގޮތުގައި ދައްކާ އެއީ ލާދީނިއްޔަތަށް ދިން ހިތްވަރެއް ކަމަށް ބުނެ އަދާލަތުގެ ވެރީން ދަނީ ހަގީގަތް އޮޅުވާލަން ވާހަކަ ދައްކަމުންނެވެ.
އެކަމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި އިސްލާމީ ޝަރީއާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ޑރ. ޖަމީލް ވިދާޅުވި ގޮތުގައި އިލްމުވެރިން ނިކުންނަވާ މީސްމީހުންނަށާއި ޖަމާއަތްތަކަށް ފުރައްސާރަ ކުރުމަކީ މާ ނުރައްކާތެރި ސިގްނަލެކެވެ. އަދި ވިދާޅުވީ ޖާހިލުން އުޅޭ ގޮތަށް އިލްމުވެރިން އުޅެން ފެށުުމުން އިހްތިރާމް ނުލިބޭނެ ކަމަށެވެ.
"ތެދުވެރި އާލިމަކަށް ރައްޔިތުންގެ ލޯބި ލިބޭނެ. ތި އުޅެނީ ސިޔާސީ އެކްޓިވިސްޓުން،" އިޔާޒަށް ނިސްބަތް ކުރައްވާ ޖަމީލް ވިދާޅުވި އެވެ.
އިޔާޒާ އިއްޔެ ދިމާކޮށްލީ ޕީޕީއެމް، ޕީއެންސީގެ ސަޕޯޓަރުންނެވެ. އެކަމާއި ދީނީ އިލްމުވެރިއަކަށް އިޔާޒް ވުމާއި އެއްވެސް ގުޅުމެއް ނެތެވެ. އަދި ލާދިނިއްޔަތަށް ހިތްވަރު ދިނުމެއް ނެތެވެ. ސޯޝަލް މީޑިއާ -- ޓްވިޓާގައި ވަރަށް އެކްޓިވް އިޔާޒަކީ ޕީޕީއެމް / ޕީއެންސީގެ ލީޑަރު އަބްދުﷲ ޔާމީނާއި ގުޅޭގޮތުން ކޮންމެ ދުވަހަކުހެން ތަފާތު ޓްވީޓްތައް ކުރައްވާ ބޭފުޅެކެވެ. އިލްމުވެރިއެއްގެ ދަރަޖައިން ނެއްޓި ރައީސް ޔާމީނާއި ދިމާކޮށް ލައްވާ އެކި ތުހުމަތުތަކާއި ފާޑުކިޔުން އަމާޒު ކުރައްވައެވެ.
އިޔާޒް ވަޑައިގަތުމުން ޔާމީންގެ ސަޕޯޓަރުން ދިމާކޮށްލެއްވީ އެ ސަބަބާއި ގުޅިގެން ކަމަށް ބެލެވެއެވެ.