ސަރުކާރު ދިފާއުކޮށް ރައީސް ސޯލިހަށް ސަނާ ކިޔުމުގައި ވަރަށް މައްޗަށް ވަޑައިގެންފައިވާ އިޔާޒަކީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ ބޭފުޅެކެވެ.
އަދާލަތު ޕާޓީގެ އިސް ފަނޑިޔާރު / އިލްމުވެރީންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފާއި މަގުމަތީން ބަޔަކު ދިމާކޮށްލައިފި އެވެ.
އިޔާޒާ ދިމާކޮށްލާފައި ވަނީ އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ސަޕޯޓަރުންނެވެ. ދެ ޕާޓީގެ ސަޕޯޓަރުން އިހްތިޖާޖު ކުރަނިކޮށް އެ ސަރަހައްދުން އިޔާޒް ސައިކަލްގައި ވަޑައިގަންނަވަނިކޮށް ސަޕޯޓަރުން ވަނީ އިޔާޒަށް ފާޑުކިޔާ އޭނާއާ ދިމާކޮށްލާފައެވެ. އިޔާޒަށް ނިސްބަތްކޮށް ފާޑުކިޔުމުގެ ގޮތުން އެކި ލަގަބުތަކުން ގޮވާފައިވެއެވެ.
ސޯޝަލް މީޑިއާ -- ޓްވިޓާގައި ވަރަށް އެކްޓިވް އިޔާޒަކީ ޕީޕީއެމް / ޕީއެންސީގެ ލީޑަރު އަބްދުﷲ ޔާމީނާއި ގުޅޭގޮތުން ކޮންމެ ދުވަހަކުހެން ތަފާތު ޓްވީޓްތައް ކުރައްވާ ބޭފުޅެކެވެ. އިލްމުވެރިއެއްގެ ދަރަޖައިން ނެއްޓި ރައީސް ޔާމީނާއި ދިމާކޮށް ލައްވާ އެކި ތުހުމަތުތަކާއި ފާޑުކިޔުން އަމާޒު ކުރައްވައެވެ.
އިޔާޒް ވަޑައިގަތުމުން ޔާމީންގެ ސަޕޯޓަރުން ދިމާކޮށްލެއްވީ އެ ސަބަބާއި ގުޅިގެން ކަމަށް ބެލެވެއެވެ.
އަދާލަތުން ވަނީ އިޔާޒާ މަގުމަތީން އެ ގޮތަށް ދިމާކުރުން ކުށްވެރިކޮށްފައެވެ. އެ ޕާޓީން އެކަން އަޅަން މަސައްކަތް ކުރީ އިދިކޮޅު ދެ ޕާޓީގެ ލީޑާޝިޕްގެ ބޮލުގައެވެ. ބުނީ އެއީ ޕީޕީއެމް / ޕީއެންސީގެ ވެރީން ރާވައިގެން ކުރުވާ ކަމެއް ކަމަށެވެ.
އަދާލަތުން އެހެން ބުނި ނަމަވެސް ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އެ ދެ ޕާޓީގެ ސަޕޯޓަރުން އިހުތިޖާޖު ކުރާތާ ކިތަންމެ ދުވަހެކެވެ. މިއިން ދުވަހަކު އިޔާޒާ އެގޮތަށް ދިމާކޮށްފައެއް ނުވެއެވެ. އަދި މިއަދުވެސް އިޔާޒާ ދިމާކޮށްލިއިރު އެ ސަރަހައްދުގައި ޕީޕީއެމް / ޕީއެންސީގެ އިސް ބޭފުޅަކު ނެތެވެ.
ސަރުކާރު ދިފާއުކޮށް ރައީސް ސޯލިހަށް ސަނާ ކިޔުމުގައި ވަރަށް މައްޗަށް ވަޑައިގެންފައިވާ އިޔާޒަކީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ ބޭފުޅެކެވެ. އޭނާގެ ކޮންމެ ޓްވީޓަކަށް މުޅީހެން ހުންނަނީ ފާޑުކިޔުމުގެ ކޮމެންޓްތަކެވެ. ކުރީން އާންމުންގެ މެދުގައި ވަރަށް މަގުބޫލް އިލްމުވެރިޔާއަށް ފާޑުކިޔުން އަމާޒުވީ ދައުވަތުގެ ކަންކަމަށް ވުރެ ސިޔާސީ މަސައްކަތުގައި ހަރަކާތްތެރިވެ އަދާލަތު ޕާޓީއާ އެ ޕާޓީގެ ރައީސް އިމްރާން ދިފާއު ކުރަން މަސައްކަތް ކުރައްވަން ފެއްޓެވުމުންނެވެ.