ޕްލާސްޓިކް ކޮތަޅު އެތެރެކުރި މިންވަރު %50 ދަށަށް، އިތުރު ބާވަތްތައް މަނާ ކުރަނީ

ރައީސް މިރޭ ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ރާއްޖެއަކީ ސިންގަލް ޔޫސް ޕްލާސްޓިކް އެއްގޮތަކަށް ވެސް ބޭނުން ނުކުރާ ގައުމަކަށް ހެދުން ކަަމަށެވެ.

އޭޕްރީލް އިން ފެށިގެން ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ދަނީ ނަގަމުން

މިދިޔަ އަހަރެއްހާ ދުވަހު ރާއްޖެއަށް އެތެރެކުރި ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް ކުރީ އަހަރުތަކާ ބަލާއިރު 50 އިންސައްތަ މަދުވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް އއ. އުކުޅަހުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ހައްލު ހޯދަން ޖެހިފައިވާ އެންމެ ބޮޑު އެއް ކަމަކީ ޕްލާސްޓިކް ކުނީގެ މައްސަލަ ކަމަށެވެ. އެ މައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖެއަށް އެެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ރާއްޖޭގައި ބޭނުން ކުރުން މިހާރު މަނާކޮށްފައިވާކަން ފާހަަގަ ކުރައްވާ އެކަމުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.

އަދި ސަރުކާރުގެ ވިސްނުން ހުރީ އިތުރު ބާވަތްތައް ރާއްޖެ އެތެރެ ކުރުން މަނާ ކުރުމަށް ކަަމަށް ވިދާޅުވި އެވެ.

"މި ސިޔާސަތު ތަންފީޒު ކުރަން ފެށި ފަހުން އެއް އަހަރުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް 50 އިންސައްތަ މަދުވެއްޖެ. ކުރިމަގުގައި ޕްލާސްޓިކްގެ އިތުރު އައިޓަމްތައް މަނާ ކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ރައީސް މިރޭ ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ރާއްޖެއަކީ ސިންގަލް ޔޫސް ޕްލާސްޓިކް އެއްގޮތަކަށް ވެސް ބޭނުން ނުކުރާ ގައުމަކަށް ހެދުން ކަަމަށެވެ.

ކުނި މެނޭޖުކުރުމުގެ މައްސަލައަށް ހައްލުތަކެއް

ރަައީސްގެ ވާހަކަފުޅުގައި އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖު ނުކުރެވުމަކީ ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ވިދާޅުވި އެވެ. އަދި ކުނި މެނޭޖު ކުުރުމުގެ މައްސަލައަށް އަވަސް ހައްލުތަކެއް ހޯދައި ދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ސައިޒުގެ ޒަމާނީ ކުނިކޮށްޓެއް ގާއިމުކޮށް އެ ތަންތަނަށް ބޭނުންވާ ވެހިކަލާއި މެޝިނަރީ އާއި އާލާތްތައް ފޯރުކޮށް ދިނުން. އަދި ރަށު ފެންވަރުގައި މެނޭޖު ނުކުރެވޭ ކުނި ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމު ކުރާ ސަރަހައްދީ މަރުކަޒުތަކަށް ގެންގޮސް ތަހުޒީބު މުޖްތަމައުތަކުގައި އެކަން ކުތާ އުސޫލުން ކުނި މެނޭޖު ކުރުން،"

ރައީސް ވަނީ މިހާރު ކުރިއަށް ގެންދާ އެކި މަޝްރޫއުތަކުން މި އަމާޒަށް ވާސިލުވެވޭނެ ކަމަށް ވިދާޅުވި އެވެ.

ފަސް ފަހަތް - އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕްލާސްޓިކުގެ ބާވަތްތަކެއް ރާއްޖޭގައި އުފައްދާ ވިއްކުން މަނާކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވީ ޑިސެންބަރު 20، 2020 ގައެވެ.

މި އަހަރުގެ ނިޔަލަށް ޕްލާސްޓިކް އުފެއްދުންތައް ހުއްޓާލުމަށް "ސިންގަލް ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނެ" އް ސަރުކާރުން އެކުލަވާލައިފައިވެ އެވެ. އަދި 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޕްލާސްޓިކް މަނާ ކުރުމުގެ ބިލު ރައީސް ތަސްދީގު ކުރައްވާފައިވެ އެވެ. ބިލު ތަސްދީގު ކުރެއްވުމަށް ފަހު މަނާ ކުރާނެ ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓެއް އާންމު ކުރި އެވެ.

ރައީސް ސޮއިކު ރެއްވުމަށް ފަހު ނެރުއްވި ގަރާރުގެ ދަށުން 13 ބާވަތެއްގެ ޕްލާސްޓިކް ރާއްޖޭގައި އުފައްދައި ވިއްކުން މަނާ ކޮށްފައިވެ އެވެ. އެ ބާވަތްތައް މިހާރު ރާއްޖޭގައި އުފައްދައި، އަދި ވިއްކުން މަނާވާނެ އެވެ.

  • 1.ޕްލާސްޓިކް ހޮޅި
  • 2.ޕްލާސްޓިކް ކާ ތަށި، ސަމުސާ، ވަޅި، އޫ އަދި ދިޔާ ތަކެތި ގިރަން ބޭނުން ކުރާ ދަނޑިކޮޅު
  • 3.ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
  • 4.30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު
  • 5.50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު ( މާޗް މަހުން ފެށިގެން ވިއްކުން މަނާ)
  • 6.ޕްލާސްޓިކް ސްޕާރީ ޕެކެޓް
  • 7.250 އެމްއެލް ކުޑަ ޕްލާސްޓިކް ކަޕް
  • 8.ޕްލާސްޓިކް ދަނޑިކޮޅު ލާފައި ހުންނަ ކަފަބުރު
  • 9.50 އެމްއެލްއަށްވުރެ ކުދި ފުޅީގައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން
  • 10.50 އާއި 200 އެމްއެލްއާ ދެމެދުގެ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން
  • 11.500 އެމްއެލް އަށްވުރެ ކުދި ފެން ފުޅި
  • 12.500 އެމްއެލް އަށްވުރެ ކުދި ތައްޔާރީ ބުއިންތައް

މީގެ އިތުރުން މި އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއް ލީޓަރަށްވުރެ ކުދި، ފެންއަޅާ ފުޅި ރާއްޖޭގައި އުފެއްއްދުން މަނާވާނެ އެވެ. އެފަދަ ފެންފުޅި ވިއްކުން މަނާ ކޮށްފައި ވަނީ 2024 ވަނަ އަހަރުގެ މާޗް މަހުން ފެށިގެންނެވެ.

އަދި ވިޔަފާރި ކުރާއިރު ފިހާރަތަކުން ދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ދެ ރުފިޔާ ދަނީ ނަގަމުންނެވެ.

އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕްލާސްޓިކް ރާއްޖޭގައި ބޭނުން ކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލާނެކަމަށް ރައީސް އިއުލާނު ކުރައްވާފައިވެ އެވެ. އެކަން ރައީސް އިއުލާނު ކުރެއްވީ އދ. ގެ އާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި ސެޕްޓެމްބަރު 23، 2019 ވަނަ ދުވަހު ބޭއްވި ކްލައިމެޓް ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.