މި މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާގެ ރެނާޓަސް ކުންފުންޏާއެވެ. މަޝްރޫއުގެ ޖުމްލަ އަގު 17 މިލިއަން ޑޮލަރަށް އަރައެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.
ދެކުނުގެ މައި އެއާޕޯޓު، ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.
މިއަދު ގަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ފައްޓަވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ. އެ މަނިކުފާނުގެ އަރިހުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ވީ މުރަލީދަރަން އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އިންޑިއާގެ ކްރެޑިޓް ލައިން/ ލޯނުގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެ ގައުމުގެ ރެނާޓަސް ކުންފުންޏާއެވެ. މަޝްރޫއުގެ ޖުމްލަ އަގު 17 މިލިއަން ޑޮލަރަށް އަރައެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން ސީދާ ދަތުރުތައް އައްޑޫއަށް ފެށުމަށް މަގުފަހިވެ، އައްޑޫގެ ޓޫރިޒަމް ވިޔަފާރިތައް އިތުރަށް ފުޅާވުމަށް މަގުފަހިވާނެ ކަމަށެވެ.
އައްޑޫގެ މޭޔަރު އަލީ ނިޒާރު މިނޫހަށް ވިދާޅުވީ ޓޫރިޒަމްގެ ބިޔަ މަޝްރޫއަކާ އެކު އެއާޕޯޓު ތަރައްގީ ވުމަކީ އައްޑޫގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމެއް ކަމަށެވެ.
"1.5 މިލިއަން ފަސިންޖަރުންނަށް އަމާޒުކޮށްގެން މިތަން ތަރައްގީ ކުރާއިރު، އައްޑޫގައި ޓޫރިޒަމްގެ ބޮޑު މަޝްރޫއުތަކެއް ހިނގަމުން މިދަނީ. މި ދެ ކަންތައް އެކުގައި ހިނގުމަކީ އިގްތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް އަންނާނެ ކަމެއް" އޭނާ ވިދާޅުވިއެވެ.