އަދި ވިދާޅުވީ އައްޑޫ ސިޓީގައި އޮންނަ ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ފެށުމުގެ އާ ވިސްނުމެއް ގެންގުޅެން ވެސް މިހާރު މާ ލަސްވެފައިވާ ކަމަށެވެ.
އައްޑޫ ސިޓީގައި ޓޫރިޒަމް ތަރައްގީ ނުވެ އޮތީ އެ އަތޮޅުގައި ރިސޯޓު ތަރައްގީ ކުރާނެ ރަށް ނެތިގެން ނޫން ކަމަށާއި އެކަން ނުވެ އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިހުލާސްތެރިކަމެއް ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ޓޫރިޒަމާ ގުޅޭ ގޮތުން ނަޝީދު މިއަދު ޓްވީޓެއް ކުރެއްވީ، ރައީސް އައްޑޫ ސިޓީއަށް ވަޑައިގެންފައިވާ ދަނޑިވަޅެއްގަ އެވެ. އަދި އައްޑޫ ސިޓީގެ ޓޫރިޒަމާ ގުޅޭ ގޮތުން ވާހަކަތަކެއް ދައްކަވާފައި ވަނިކޮށެވެ.
ނަޝީދު މިއަދު ވިދާޅުވީ އައްޑޫ ސިޓީގެ ޓޫރިޒަމް ހިނގައިނުގަނެ އޮތީ މި ސަރުކާރުގެ އިހުލާސްތެރި މަސައްކަތް އެ ކަމަށް ނުކުރެވޭތީ ކަމަށެވެ. އަދި ވިދާޅުވީ އައްޑޫ ސިޓީގައި އޮންނަ ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ފެށުމުގެ އާ ވިސްނުމެއް ގެންގުޅެން ވެސް މިހާރު މާ ލަސްވެފައިވާ ކަމަށެވެ.
"ވިލިނގިލި، ހެރެތެރެ އަދި ހަންކެނޑެ އަދިވެސް އޮތީ ރަގަޅަށް ހިނގައިނުގަނެ. އައްޑޫ ސިޓީގެ ޓޫރިޒަމް ތަރައްގީ ނުވެ އުޅެނީ ރަށް ނެތިގެންނެއް ނޫން. މި ސަރުކާރުގެ އިހުލާސްތެރި މަސައްކަތް މިކަމަށް ނުކުރެވިގެން. ގަން އެއާޕޯޓް ހިނގަން ފެށުމުގެ އައު ވިސްނުމެއް މިވަނީ މާ ލަސްވެފަ،" ނަޝީދު ވިދާޅުވި އެވެ.
ސ. މަރަދުއާ ގުޅިފައި އޮންނަ ހަންކެނޑެ އިންޓަގްރެޓޭޓެޑް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން މި ސަރުކާރުން ހަވާލުކޮށްފައި ވަނީ ޗައިނާގެ ސްޓޭޓް އޯން ކުންފުންޏަށެވެ.
އައްޑޫ ސިޓީއަށް މިހާރު ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އެ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ އިންޓަގްރޭޓެޑް ޓޫރިޒަމަށް ދޫކޮށްފައިވާ ހަންކެޑެ އާއި، ރެއަލް އެސްޓޭޓުގެ ވިޔަފާރި އަކީ ޓޫރިޒަމް އައްޑޫ ރައްޔިތުންގެ "ގޭ ދޮރުގައި ޓަކިދޭނެ" މަޝްރޫއުތަކެއް ކަމަށެވެ. ހަންކެޑެ މަޝްރޫއާއެކު އައްޑޫ މަގު ހެދުމުގެ ބޮޑު މަޝްރޫއަކީ ގުޅިގެން އަންނާނެހެން ފަރުމާ ކުރެވޭ މަޝްރޫއުތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަދި އެ މަޝްރޫއުން ޖުމްލަ 2682 މަޝްރޫއު އިތުރުވާއިރު، ހަންކެޑެ ފިޔަވާ އައްޑޫގެ އެހެން ރަށްތަކަށް އޭގެ ތެރެއިން 600 އެނދު އިތުރުވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
އައްޑޫއަށް އަރާ ކޮންމެ ފަހަރަކު އެ ސިޓީގައި ޓޫރިޒަމް ތަރައްގީ ކުރާ ވާހަކަދައްކައި، އަމަލީ ގޮތުން ކަމެއް ނުވާތީ ގިނަ ބަޔަކު އަބަދު ވެސް ފާޑުކިޔަ އެވެ.