ސަޓާ އެވޯޑަކީ ދެކުނު އޭޝިއާގެ ޓޫރިޒަމަށް ހާއްސަކޮށް ކުރިއަށް ގެންދާ އެންމެ ބޮޑު އެއް އެވޯޑެވެ.
ދުނިޔޭގެ ޓޫރިޒަމްގައި އެންމެ މަގުބޫލު ދެކުނު އޭޝިއާ ސަރަހައްދުގެ ޓޫރިޒަމް ވިޔަފާރިތަކަށް ދޭ އެންމެ މަގުބޫލު އެއް އެވޯޑް ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑް (ސާޓާ) ގެ ޖަޖް ކުރުން ފަށައިފި އެވެ.
ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ހައިރައިޒް އިން އިންތިޒާމް ކޮށްގެން މި ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ޓޫރިޒަމް / ވިޔަފާރި ޖަމިއްޔާތަކުގެ އެންޑޯޒްމަންޓާއެކު ދޭ މި އެވޯޑުގެ ޖަޖިންގެ ޕެނަލްގައި ހިމެނި ވަޑައިގަންނަވާ ޖަޖުންނަކީ އެ ދާއިރާގެ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ދުނިޔޭގެ ފެންވަރުގެ ބޭފުޅުންނެވެ.
މި ޕެނަލްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޓޫރިޒަމް އެކްސްޕާޓުން ހިމެނި ވަޑައިގަންނަ އެވެ. އެ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަހްމުދު ޝައުގީ ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މި އެވޯޑު ދިނުމުގައި ފެސިލީޓީތައް ބަލަން ޖަޖިން ޕެނަލްގެ ބޭފުޅުން އެ ތަންތަނަށް ވަޑައިގަންނަވާނެ އެވެ. އަދި ހިދުމަތް ހޯދާ މީހުންގެ ހިޔާލު ވެސް މި އެވޯޑު ދިނުމުގައި ބޭނުން ކުރާނެ އެވެ.
ސަޓާ އެވޯޑުގެ ޖަޖު ކުރުން ކުރިއަށްދަނީ މި އެވޯޑުގެ އެއް ޕާޓްނަރު ކަމަށްވާ މާގިރި ހޮޓަލުގަ އެވެ. މާލޭގެ އެންމެ ހިތްގައިމު އެއް ސަރަހައްދު ކަމަށްވާ މެރިން ޑްރައިވްގައި ހުޅުވާފައިވާ މާގިރީ ހޮޓަލަކީ މި އެވޯޑުގެ ހޮސްޕިޓަލިޓީ ޕާޓްނަރެވެ.