މުނައްވަރު ވިދާޅުވީ ރާއްޖޭގެ އިމުގެ މައްސަލައގައި ޗާގޯސް ރަށްތައް ހޯދުމުގެ ވާހަކަ ނުދައްކަވާ ކަމަށެވެ. ނަމަވެސް، އެ މައްސަލައިގެ ތެރެއިން އެ ރަށްތަކުގެ ސިޔާދަތުގެ މައްސަލަ އުފެދޭ ކަމަށެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާތައް ޑީކޮލޮނައިޒް ކުރި ކަމަށް ވާނީ ރާއްޖޭގެ ބައެއްގެ ގޮތުގައި އެ ރަށްތައް ހިމެނުމުން ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި އަމިއްލަގޮތުން އިންތިހާބަށް ނުކުންނަވާނެކަން އިއުލާނު ކުރައްވާފައިވާ ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ގިނަ ޕާޓީތަކެއް ގުޅިގެން އެކުލަވާލާފައިވާ "ކަނޑު ވިއްކާލުމާ ދެކޮޅު ކޯލިޝަން" އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުނައްވަރު ވިދާޅުވީ ޗާގޯސް އިމުގެ މައްސަލައިގައި ރާއްޖޭގެ ކަނޑުން ގެއްލުނު ކަމަށް ވިދާޅުވާ ބައި ހޯދުމުގެ އިތުރުން، ޗާގޯސް ޖަޒީރާތައް ވެސް ލިބޭތޯ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މުނައްވަރު ވިދާޅުވީ ރާއްޖޭގެ އިމުގެ މައްސަލައގައި ޗާގޯސް ރަށްތައް ހޯދުމުގެ ވާހަކަ ނުދައްކަވާ ކަމަށެވެ. ނަމަވެސް، އެ މައްސަލައިގެ ތެރެއިން އެ ރަށްތަކުގެ ސިޔާދަތުގެ މައްސަލަ އުފެދޭ ކަމަށެވެ.
"މި މައްސަލައިގެ ތެރެއިން އުފަންވަނީ ޗާގޯސްގެ އަސްލު މައްސަލަ. އަޅުގަނޑުމެން އެންމެން ތާއީދުކުރަމޭ ޗާގޯސްގެ ޑީކޮލޮނައިޒޭޝަން އަށް" އޭނާ ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ ޗާގޯސް އެންމެ ފުރަތަމަ ކޮލޮނައިޒް ކުރީ 1600ގެ އަހަރުތަކުގައި ފަރަންސޭސީން ކަމަށެވެ. އޭރުވެސް އިންޑިއާ ކަނޑުގައި މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ އޮތްކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހއްދުގެ އިތުރުން، ޗާގޯސްގެ ރަށްތައް ވެސް ހޯދުމަށް މަސައްކަތް ކުރުމަށް ވެސް ސަރުކާރުން ގޮވާލައްވާފައެވެ.
"އެ ޒަމާނުގެ މެޕުތަކުގައި އަޅުގަނޑުމެންގެ ބައެއްގެ ގޮތުގައި ކަނޑައަޅާ ދައްކާފައި އޮތްތަނެއް އަޅުގަނޑުމެންނަށް ލިބެންޖެހޭނޭ" މުނައްވަރު ވިދާޅުވިއެވެ.
އިޓްލޮސްގެ ނިންމެވުން މައްސަލަ އަލުން އިސްތިއުނާފު ނުކުރެވޭނެ ކަމަށާއި، އޭގައި ދެން ކުރެވޭނެ ކަމެއް ނެތްކަމަށް ސަރުކާރުން ބުނަމުންދާ ވާހަކައަށް ވެސް އޭނާ ރައްދުދެއްވިއެވެ. މުނައްވަރު ވިދާޅުވީ އެކަމުގައި ކުރެވޭނެ ބައިވަރު ކަންކަން ހުންނާނެ ކަމަށެވެ. އަދި، ވިދާޅުވީ ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސްޓޭންޑު ނެގީ އިހުމާލުން ކަމަށް ކުރިން ގަބޫލު ކުރެވުނު ނަމަވެސް، މިހާރު ދެކިވަޑައިގަންނަވާ ގޮތުގައި އެއީ ގަސްދުގައި ކޮށްފައި އޮތްކަމެއް ކަމަށެވެ.
ޑރ. މުނައްވަރަކީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާ އެންމެ ފުރަތަމަ ވާހަކަދެއްކެވި ބޭފުޅާއެވެ. އޭގެ ފަހުން އޭނާ ވަނީ ރިޔާސީ އިންތިހާބަށް ނުކުންނަވާނެކަން އިއުލާނު ކުރައްވާފައެވެ.