ރައީސް އައްޑޫއަށް ވަޑައިގަންނަވާނީ މާދަމާ ހަވީރު އެވެ. މި ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ރަސްމީ ދަތުރުފުޅެއްގައި އައްޑޫ ސިޓީއަށް ވަޑައިގަތުމަަށް ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަަރުޖަމާން މިއުވާން މުހައްމަދު މިރޭ ވިދާޅުވި ގޮތުގައި ރައީސް ސޯލިހް އައްޑޫއަށް ވަޑައިގަންނަވާނީ ތިން ދުވަހުގެ ދަތުރުފުޅެއްގަ އެވެ. ދަތުރުފުޅު ފައްޓަވާނީ މާދަމާ އެވެ. އެނބުރި ވަޑައިގަންނަވާނީ މި މަހުގެ ފަސްވަނަ ދުވަހު އެވެ.
މި ދަތުރުފުޅަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އިފްތިތާހު ކޮށް ދެއްވުމާއި އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ބިން ހިއްކުން ކުރިއަށް ގެންދަނީ ނެދަލޭންޑްސްގެ ކުންފުނި ވެން އޫޑްއާ އިންނެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކުރީ އިންޑިއާގެ ރެނާޓަސްއާ އެވެ.
ރައީސް އައްޑޫއަށް ވަޑައިގަންނަވާނީ މާދަމާ ހަވީރު އެވެ. މި ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އެ ގޮތުން ހިތަދޫ ސިޓީ ސްކެއާގައި ރައްޔިތުންނާއި ބައްދަލު ކުރައްވަން ވަނީ ހަމަޖެހިފަ އެވެ.
ރައީސްގެ އައްޑޫ ދަތުރުފުޅަށް އެ ސިޓީ ދަނީ ތައްޔާރު ވަމުންނެވެ. އެމްޑީޕީ ސަޕޯޓަރުންނާއި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ރައީސަށް ހޫނު މަރުހަބާއެއް ކިޔަން ތައްޔާރުވަމުންނެވެ. ރައީސްގެ އަރިހުގައި މިނިސްޓަރުންނާއި އައްޑޫގެ މަޖިލީސް މެންބަރުން ވަޑައިގަންނަވާނެ އެވެ.