މަވާޒު: އަހަންނަށް އިތުބާރު ކުރަންތަ؟ | ޝުއައިބު: ކީއްވެ ނުކުރާންވީ؟

ގާތްގަނޑަކަށް މީގެ ތިން އަހަރު ކުރިއެވެ. މެއި 24، 2020 ގައި މިއާޒް އޭނާގެ ފޭސްބުކް ޕްރޮފައިލަަށް ފޮޓޯއެއް އަޕްލޯޑްކޮށް "އަހަރެންނަށް އިތުބާރު ކުރަން ހެއްޔެވެ" ސުވާލުކޮށް އެ ފޮޓޯގައި ކެޕްޝަނެއް ލިޔެފައި ވެއެވެ.

މީގެ ތިން އަހަރު ކުރީން މަވާޒް ކޮށްފައިވާ ޕޯސްޓަކަށް ޝުއައިބު ކޮމެންޓް ކޮށްފައި

އައްޑު އަތޮޅު މަރަދޫފޭދޫ، ބްލޫސްޓާ އާއިލާއަށް މިއީ ހިތާމަވެރި ދުވަހެވެ؛ އެ ގޭ އަހުމަދު ޝުއައިބުއާ އޭނާގެ ކޮއްކޮ އުމުރުން 25 އަހަރުގެ ހުސެއިން މަވާޒްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭ ބޭބެއަށް ދިން ހަމަލާތަކެއްގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ޝުއައިބު މަރުވީ އެވެ. މިވަރުގެ ބޮޑު ކަމެއް އެ ދެބެންގެ މެދުގައި ހިނގާފާނެ ކަމަށް އާއިލާއިން ވެސް އަދި ރަހްމަތެރީން ވެސް ހީއެއް ނުކުރެ އެވެ. ދެބެންގެ މެދުގައި ބަދަހި ގުޅުމެއް އޮވެއެވެ. އެހެން ވެގެން ދެބެން މާރާމާރީ ހިންގާ އެކަކު މަރާ ހިސާބަށް ކަންކަން ހިނގައިދާނެ ކަަމަށް ހިތަށް އެރި މީހަކު ނެތެވެ. 

އިއްޔެ ހަވީރުން ފެށިގެން ދެބެންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިފައި އޮތެވެ. ދޭތެރެ ދޭތެރެއިން ޒުވާބުކޮށް ހަދަމުން ދިޔައެވެ. ބައެއް ފަހަރު ވަރުއަރައި ގަޔަށް އަތްލާ ހިސާބަށް ވެސް ޒުވާބު ހޫނުވަމުން ދިޔައެވެ. 

އެނގިފައިވާ ގޮތުން ދެބެންގެ މެދުގައި މައްސަލަ ޖެހި ޒުވާބު ފެށުނީ ފޯނެއް ވިއްކާލައިގެންނެވެ. ޝުއައިބުގެ ފޯނެއް މަވާޒް ވިއްކާލީ ކަމަށް ވެސް ކިޔައެވެ. އަދި ބައެއް މީހުން ބުނާ ގޮތުން މަވާޒްގެ ފޯނެއް ޝުއައިބު ވިއްކާލީ އެވެ. އެ މައްސަލާގައި ދެ މީހުންގެ މެދުގައި އުފެދުނު ޒުވާބު އެންމެ ފަހުން ނިމުނީ ޝުއައިބު މަރާލި އަނިޔާވެރި މަރާމާރީއާ ހަމައިންނެވެ.

ޒުވާބު އެ ދަރަޖައަށް ގެންގޮސް އަނިޔާވެރި މަރާމާރީއަކަށް ބަދަލުވީ ރޭ ދަންވަރު އެވެ. މަސްތުގައިހުރެ އައި ގަދަ ރުޅީގައި މަވާޒްގެ ރަހްމެއް ނެތް ހަމަލާތަކެއްގެ ޝިކާރައަކަށްވެ އޭނާގެ ބޭބެ، ޝުއައިބު މަރުވީ އެވެ. 

އެ މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި ޝުއައިބުގެ ހަށިގަނޑުގެ އެކި ތަންތަނަށް މަވާޒް ހަމަލާ ދިނެވެ. އެ ހަމަލާތައް ދިނީ ކަތުރަކުންނެވެ. 

ރަދޫފޭދޫ ބްލޫސްޓާ ހުސެއިން މަވާޒް: ބޭބެ މަރާލުމުގެ ތުހުމަތަށް މިވަގުތު ހުރީ ހައްޔަރު ކޮށްފައި

ޝުއައިބުގެ މަރާއި ގުޅިގެން މަވާޒް މިވަގުތު ހުރީ ހައްޔަރަށް ނަގައި ފުލުހުންގެ ބަންދުގައެވެ. އޭނާ ހައްޔަރު ކުރީ އަމިއްލައަށް ފުލުހަށް ހާޒިރުވުމުންނެވެ. އޭގެ ކުރިއަށް އޭނާގެ އަތުން ބޭބެ މަރުވެއްޖެކަން އެނގުމުން "إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎" ލިޔެ މަވާޒްގެ ފޭސްބުކް ޕްރޮފައިލް ވަނީ ބަދަލު ކޮށްފަ އެވެ. އޭނާއަށް ކުރެވުނީ ކިހާ ވަރެއްގެ ކަމެއްކަން އިހްސާސް ވެގެނެވެ. 

ދެބެންނާ ގުޅޭ އެހެން ވާހަކައެއް

މި ދެބެންނާ ގުޅޭ އެހެން ވާހަކަ އެކެވެ؛ ގާތްގަނޑަކަށް މީގެ ތިން އަހަރު ކުރީގެ ވާހަކައެކެވެ. މެއި 24، 2020 ގައި މަވާޒް އޭނާގެ ފޭސްބުކް ޕްރޮފައިލަަށް ފޮޓޯއެއް އަޕްލޯޑްކޮށް، ފޮޓޯ ކެޕްޝަންގައި މިހެން އަހަ އެވެ: 

"އަހަރެންނަށް އިތުބާރު ކުރަން ހެއްޔެވެ؟"

އެ ފޮޓޯއަށް މަވާޒްގެ ބައެއް އެކުވެރީން ކޮމެންޓް ކޮށްފައި ވެއެވެ. އެންމެންހެން ލިޔެފައި ވަަނީ "އާނއެކެވެ. އިތުބާރު ކުރަމެވެ." 

ކޮއްކޮގެ އެ ސުވާލަށް މަވާޒްގެ ބޭބެ، ޝުއައިބު ވެސް ސުވާލެއް ކުރެ އެވެ. އެކަމަކު ވަރަށް އިތުބާރާއެކު އޭނާގެ ކޮއްކޮއަށް އިތުބާރު ކުރާކަން ދޭހަކޮށްދޭ މޭރުމުންނެވެ.

"ކީއްވެ [އިތުބާރު] ނުކުރަންވީ،" 

ތިން ޑޮޓާއި ސުވާލު މާކެއް ހިމަނައި މަވާޒުގެ ޕޯސްޓަށް ޝުއައިބު ކޮމެންޓް ކޮށްފައި ވެއެވެ. ޝުއައިބުގެ އެ ކޮމެންޓަށް ލޯތްބާއެކު މަވާޒް ވަނީ ހާޓް ރިއެކްޓެއް ވެސް ކޮށްފަ އެވެ.

މަރަދޫފޭދޫ ބްލޫސްޓާ އަހުމަދު ޝުއައިބު: ފަތިހު ވަނީ މަރުވެފައި

އޭގެ ތިން އަހަރާއި ބަރާބަރު އެއް ހަފުތާ ފަހެވެ. މަވާޒުގެ އަތުން ބޭބެ، ޝުއައިބަށް ދިން ހަމަލާތަކެއްގައި ބޭބެ އެ ވަނީ މަރުވެފައެވެ. ޝުއައިބުގެ މަރާއެކު އެ ދެ މީހުންގެ ގާތް އެކުވެރީންނަށް ހަނދާން އާވީ މީގެ ތިން އަހަރުގެ ކުރީގެ އެ ޕޯސްޓެވެ.

ކޮއްކޮއަށް ބޭބެ އިތުބާރު ކުރެއެވެ. ލޯބިވެސް ވެއެވެ. ކޮއްކޮވެސް ބޭބެއަށް އިތުބާރު ކުރެއެވެ. ލޯބިވެސް ވެއެވެ. ނަމަވެސް ގަދަ ރުޅިއާ މަސްތުގެ ނުބައި ކަމުގައި މި ހާލަތަށް ދިޔައީ އެވެ.

ކޮމެންޓް

2
450
ބަހުލޫލު
1 year ago

ބޮއިގެން މިއުޅޭ ބައިގަނޑަށް -- ކޮޅެއް ދީ ނައްތާލިޔަސް ނުވާނެ ފާފަވެރިއެއް މާތް ﷲ މި ރާއްޖެ ޑްރަގް ގެ ވަބާ އިން ސަލާމަތް ކުރައްވާށި! އާމީން

ބުލްހެޑު
1 year ago

ދެން ހާސަރު ދަމާނެ ކަމެއްނެތް ތިކަން ތިޔޮތީ ވެފައި އިބުރަތަކަށް ބަލަމާ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.