ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ކާމިޔާބު ލިބިވަޑައި ނުގަތީ ސަރުކާރުގެ ހުރިހާ އިދާރާއަކުން އޭނާއާ ދެކޮޅަށް ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުން ކުުރުމުން ކަމަށް އިންތިހާބުގައި ވާދަ ކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ ވިދާޅުވެއްޖެ އެވެ. ފަތުހީ ވިދާޅުވީ ނަތީޖާ ޝީޓުގައި އޮތް އަދަދުތައް އޭނާ ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އިންތިހާބާ ގުޅިފައިވާ ހުރިހާ ކަމެއް ސަރުކާރުން ކުރަމުން ދިޔައީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ގާނޫނާ ހިލާފަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ކާމިޔާބު ލިބިވަޑައި ނުގަތީ ސަރުކާރުގެ ހުރިހާ އިދާރާއަކުން އޭނާއާ ދެކޮޅަށް ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުން ކުުރުމުން ކަމަށް އިންތިހާބުގައި ވާދަ ކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ ވިދާޅުވެއްޖެ އެވެ.
ފަތުހީ ވިދާޅުވީ ނަތީޖާ ޝީޓުގައި އޮތް އަދަދުތައް އޭނާ ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އިންތިހާބާ ގުޅިފައިވާ ހުރިހާ ކަމެއް ސަރުކާރުން ކުރަމުން ދިޔައީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ގާނޫނާ ހިލާފަށް ކަމަށެވެ.
"ބައްލަވާ ރޯމާ ދުވާލު ނޫންތޯ ދައުލަތުގެ ވަސީލަތްތައް ބޭނުންކުރީ. މީ އެންމެންނަށް ފެންނަން ހުރި ކަންތައްތަކެއް ނޫންތޯ. ބަޖެޓުގައި ނުވެސް ނެތް މަޝްރޫއުތަކެއް ނޫންތޯ އިންތިހާބާ ގުޅިގެން ފެށީ. އެހެންވެ އަޅުގަނޑު މި ދަންނަވަނީ ނިމިގެން އެ ދިޔައީ މިނިވަން އިންސާފުވެރި އިންތިހާބެއް ނޫނޭ،" ފަތުހީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވަން ސަރުކާރުން ކޮށްފައިވާ އެތައް ކަމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށެވެ. އަދި އިންތިހާބާ ގުޅިފައިވާ ކޮރަޕްޝަން މައްސަލަތައް އޭސީސީ އަށް ވެސް ހުށަހެޅި ކަމަށެވެ. ނަމަވެސް އޭސީސީ އޮތީ ދުރާލާ ބަންދު ކޮށްފައި ކަމަށްވާތީ ޕީޕީއެމުން ހުށަހެޅި އެއްވެސް މައްސަލައެއް ބެލޭ ގޮތް ނުވި ކަމަށެވެ.
ފަތުހީ ވިދާޅުވީ އިއްޔެގެ އިންތިހާބުގައި ކާމިޔާބު ލިބިވަޑައި ނުގެންނެވި ނަމަވެސް ސިޔާސީ މަސައްކަތުގައި އަދި މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތުގައި ކުޑަތަންކޮޅެއް ވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަަށެވެ.
"އަޅުގަނޑަށް ވޯޓު ދިން މީހުން ވޯޓު ދިނީ ހިތު ލޯތްބަށް. އެމީހުން ސާބިތުކޮށް ދިނީ ފައިސާއަށް ނުގުނޑާނެކަން. އަޅުގަނޑުގެ ލޯތްބާއި ޝުކުރު އެ ހުރިހާ ފަރާތްތަކަކަށް އެބަ އޮތް. އިއްޔެގެ ނަތީޖާއަކީ މި ސަރުކާރަށް ކާމިޔާބެއް ނޫން،" ފަތުހީ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ކެންޑޭޓް މުހައްމަދު ރާޝިދު އިންތިހާބު ކާމިޔާބު ކުރެއްވީ އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ފަތުހީ އަށް ވުރެ 240 ވޯޓު އިތުރަށް ހޯއްދަވައިގެނެވެ. އިންތިހާބުގައި ރާޝިދަށް 1،401 ވޯޓު ލިބިވަޑައިިގެންނެވިއިރު ފަތުހީ އަށް ލިބިވަޑައިގަތީ 1،161 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާނަށް 232 ވޯޓެވެ.