ޑިމޮކްރޭޓުން ހަރުގެއަށް 'އަރައިގަތުން' | އެއީވެސް ޑިމޮކްރަސީ

ކުރީން ވެސް މިހެން މިކަން ހިނގައިފާނެ ކަމަށް ރާއްޖޭގެ މީޑިއާއިން ބުނަމުން އައި ގޮތަށް އިއްޔެ އެވަނީ ޝަފީއާ ރުހުން އޮވެގެން، ޑިމޮކްރޭޓުން ކުއްލި "ހަމަލާ" އެއް ދީ އެމްޑީޕީގެ ހަރުގެ "ހިފާފަަ" އެވެ. ބައެއް މުދާ ވެސް ހިމެނޭ ގޮތަށެވެ.

އެމްޑީޕީގެ ހަރުގެ "އަތުލައި" އެތާނގައި ހުރި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފޮޓީގަނޑެއް ނައްޓާލަނީ -- ވަގުތު

ގޮސް އަރައި ނުގަތަކަސް ޝަފީއާ ޒުބޭރަށް ހ. ވެޔޮވިލާގައި ހަދާފައިހުރި ހަރުގެ ލިބިވަޑައިގަންނަވާނެ އެވެ. އަދި ބްލޮކޭޑެއް / ހިސޯރެއްގެ ތެރެއަށް ނުގެންދިޔައަސް ޑިމޮކްރެޓުންގެ ޕާޓީ ހަރަކާތް ހިންގާން ވެޔޮވިލާ "ދަ ޑިމޮކްރޭޓްސް" އަށް ޝަފީއާ ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތަކަށް ދެއްވޭނެ އެވެ. އެކަމަކު އެކުވި ނިޒާމެއްގެ ތެރޭގައި ޑިމޮކްރެޓިކް ހަމަތަކެއްގެ ތެރޭގައި އުޅޭ އިރު ފޮލޯ ކުރަންޖެހޭ ޕްރޯސެސްތެއް ހުންނާނެ އެވެ. ޑިސްޕިއުޓް އުފެދި ޝަރުއީ ކޯޓެއްގައި މައްސަލަ އޮއްވާ ގަދަ ބާރުން އަރައިގަނެ ހިސޯރެއްގެ ތެރެއަށް ގެންދިއުމަކީ ޑިިމޮކްރެޓިކް ވެލިއުސްތަކަށް ފައިން އެރުމެވެ. 

އެމްޑީޕީގެ ހަރުގެ ހިންގާ، ވެޔޮވިލާގެ އިމާރާތާ ގުޅިގެން ޝަފިއާ އާއި އެމްޑީޕީއާ ދެމެދު އޮތް ބައިންޑިންތަކުގައި އެއްބަސްވުމަކަށް ނާދެވި، މައްސަލަ މިހާރު އޮތީ ސިވިލް ކޯޓުގެ ޕްރިލިމިނަރީ މަރުހަލާގަ އެވެ. ނިޒާމުގެ ތެރޭގައި އުޅޭ ކަމަށް ވާނަމަ "ކޮންޓެމްޕްޓް އޮފް ކޯޓް" ގެ ތެރެއަށް ނުދާ ގޮތަށް ކޯޓަށް ވެސް އިހުތިރާމު ދޭން ޖެހޭނެ އެވެ. 

އެހެނެއް ނުވި އެވެ؛ ކުރީން ވެސް މިކަން ހިނގައިފާނެ ކަމަށް މީޑިއާއިން ބުނަމުން އައި ގޮތަށް އިއްޔެ އެވަނީ ޝަފީއާ ރުހުން އޮވެގެން، ޑިމޮކްރޭޓުން ކުއްލި "ހަމަލާ" އެއް ދީ އެމްޑީޕީގެ ހަރުގެ "ހިފާފަަ" އެވެ. ބައެއް މުދާ ވެސް ހިމެނޭ ގޮތަށެވެ. 

އެމްޑީޕީގެ ހަރުގެ މާޒީން

އެންމެ ފުރަތަމަ އެމްޑީޕީން ހަރުގެއެއްގެ ހިންގީ ގަލޮޅު ދުންފިނިގޭގައި ހުޅުވި ދުންފިނި ހަރުގެ އެވެ. އެތަނަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް / "ގޮޅާބޯ" ގެ ވެރިކަމުގައި ގުންފައި ޖަހާފައި ގޮސް ސިފައިން ވަދެ ތަޅާފޮޅައިގަނެ، ހަރުގެ ރޫޅައި ބިމާ ހަމަކޮށް އެމްޑީޕީއަށް އެތައް ގެއްލުމެއް ދީ އެތައް ގިނަ އިލްޒާމެއް އެޅުވި އެވެ.

އޭގެ ފަހުން މާލޭގެ އަމީނީ މަގުގައި ހަދައިގެން އުޅުނު ހަރުގެއަށް އަރައިގަނެ ރާކިސް އަރުވާލައި މުޅިތަން ސުންނާފަތިކޮށްލީ، 6 ފެބުރުއަރީގައި އާޓިފިޝަލް ބީޗުގައި ހިނގި ހަމަނުޖުމުގެ ތެރެއިން ސަރުކާރު ވައްޓާލާނެ ބަހަނާއެއް ހޯދައި 7 ފެބުރުއަރީގެ މެންދަމުގައި ދިވެހި ފުލުހުންނެވެ. އެކަން ކުރީ ވަރަށް ހަޔާތްކުޑަ އެހައި ލަދުވެސް ކުޑަ ކޮށެވެ.  

މީގެ 17 ވަރަކަށް އަހަރު ކުރިން އުފެދުނު އެމްޑީޕީން މާލޭގެ ބޭރު މަގަށް / ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗް ސަރަހައްދުގައި ހަރުގެއެއް ހެދީ، އަމީނީ މަގުގެ ހަރުގެ 7 ފެބުރުއަރީގައި ފުލުހުން ތަޅާލި ފަހުން ރަސްމީ ހަރުގެއަކާ ނުލައި އެތައް މަސްތަކެއް ވަންދެން މިހާރުގެ "ލޮނުޒިޔާރަތް ޕާކު" ހިމެނޭ ގޮތަށް މުޅި އެ ސަރަހައްދު އަމިއްލަ ހިސޯރުގައި އޮންނަ އަވަށްގަނޑަކަށް ހަދައިގެން އުޅުމަށް ފަހު އެވެ. 

ޑިމޮކްރެޓިކް ސިފަ ކުރުމެއް - ރައީސް އަބްދުﷲ ޔާމީން / "ރާގޮނޑި ރާޖާ" ގެ ފުރިހަމަ ބާރު ހިނގާ ގޮތަށް، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު / "ބާޣީ ވަހީދު" ގެ ޑިފެންސް މިނިސްޓަރު، މުހައްމަދު ނާޒިމް / "ބާޣީ ނާޒިމް" އެތަނަށް ސިފައިން ފޮނުވައި ކޭމްޕް ރޫޅައިލުމުން އެމްޑީޕީ ދުވެފައި ގޮސް އެރީ ދަރުބާރުގެ ކައިރިން އުސްފަސްގަނޑަށެވެ.

އެތާނގައި ރައީސް ވަހީދަށް، "ކާޅު" ނަން ހަރުކޮށް ކަނޑަށް ފާލަން އަޅައި ފާހާނާ ވެސް ލައިގެން އުޅެނިކޮށް އަނެއްކާ ވެސް ސިފައިން އަރައި ތަޅައި ބޭރުކޮށް ފައްސާ ނަގާލީ އެވެ. 

ޝަފީއާގެ ވެޔޮވިލާގައި ހަރުގެ ހަދައިގެން އެތަނަށް ބަދަލުވީ އެ ފަހުންނެވެ. 

މި ދިވެހި ރާއްޖޭގެ ވެރިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު / "ޗޯރު އިބުރޭ" އާއެކު ކުރިޔަށް ދާއިރު މިހާރު މާނަ ހުރި ގޮތެއްގައި މީހުން ސިފަ ކުރުމުގެ ޑިމޮކްރެޓިކް ހަމައަކީ ސިޔާސީ މީހަކު އަނެއް ސިޔާސީ މީހާއަށް ކިޔަން ބޭނުންވާ އެންމެ ހުތުރު ނަމެއް ކިޔުމެވެ. 

އެ ހަމައިގައި ނަންތައް ރިޕޯޓަރު ލިޔެގެން ހަމައިން ނައްޓާ ރިޕޯޓަރަށް އަހުވަ ދައްކާނަމަ އެކަން ވާނީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު / "ގަންޖާބޯ" ވިދާޅުވާ ގޮތަށް ޑިމޮކްރަސީގައި މި ރާއްޖެ ފަހަތަށް ސޮއްސައިލުމަށެވެ. އެހެން ހަދައިގެނެއް ނުވާނެ އެވެ. 

ޝަފީއާ ޒުބައިރު މީޑީއާ މީހުންނަށް އިންޓަވިއުއެއް ދެއްވަނީ -- ވަގުތު
ޝަފީއާއަކީ ކާކު؟ - ވެޔޮވިލާގެ ވެރިޔާ، ޝަފީއާއަކީ އެމްޑީޕީއަށް މަރު ދެއްވާ މާލޭގެ އިތްޒަތްތެރި ބޭފުޅެކެވެ. މާޗް 5. 2017 ގައި ވީއައިއޭ ގައި އެމްޑީޕީން ކުރި މުޒާހަރާއަކާ ގުޅިގެން ދައުވާކޮށް 14 މީހަކަށް ހުކުމް ޖެހި އިރު އޭގެ ތެރޭގައި ޝަފީއާ ހިމެނި ވަޑައިގަތެވެ.

ޝަފީއާއަކީ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވަރަށް އަރިސް ބޭފުޅެކެވެ. އެމްޑީޕީގެ އުފެދުނީއްސުރެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ، އެ މަނިކުފާނުގެ ސިޔާސަތުތައް ޕްރޮމޯޓްކޮށް ދެއްވުމުގައި އުޅުއްވާ ވަރަށް އިލްމީ ވެސް ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގައި އިސް މަގާމުތަކެއް ފުރުއްވެވި ސިޔާސީ ހަރަކާތް ކުރިން ވަރަށް އެގްރެސިވްކޮށް ޖެއްސި، ހާމިދު އަބްދުލް ޣަފޫރު ކުރިން ކައިވެނި ބައްލަވައިގަތް ޝަފީއާއަކީ މާންދޫގޭ މަޝްހޫރު ހަބީބާ ހުސައިން ހަބީބުގެ ބޭފުޅެކެވެ.

ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރު"މާއި އެ ހަރަކާތް "ތޮށިފަޅާފައި" ނުކުމެ ރައީސް ނަޝީދަށް އުފައްދައިދޭ ޕާޓީ "ދަ ޑިމޮކްރެޓްސް" ގެ މެންބަޝިޕް ޑްރައިވްގައި އިސްވެ އޮތް ޓީމުގައި ވެސް ޝަފީއާގެ ދައުރު ވަރަށް ބޮޑެވެ. 

އެމްޑީޕީއަށް ހަރުގެ ގެއްލުން ހައިރާނެއް ނުވޭ

އެމްޑީޕީ ރޫޅި، ދެ ފެކްޝަނަށް ބައި ބެހިގެން ދިއުން ރަނގަޅަށް ފާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާއި ރިޔާސީ ޕްރައިމަރީއާ ހަމައިންނެވެ. އެ ހިސާބަށް ދެވުނު އިރު ފެކްޝަން އަރައިރުން ބޮޑު ކަމުން ހަރުގެ ވެސް ބޮޑަށް ބޭނުން ކުރަމުން ދިޔައީ ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުންނެވެ. ރައީސް ސޯލިހުގެ ފެކްޝަނުން ބޮޑަށް ބޭނުން ކުރަމުން ގެންދިޔައީ ޗާންދަނީމަގުގެ "ދަނޑިކޮށީ ޖަގަހަ" އެވެ. ނަމަވެސް، ނަޝީދު ބަލި ކުރައްވާ ޕްރައިމަރީގެ ކާމިޔާބަށް ފަހު، ރައީސް ފެކްޝަނުން އުފާ ފާޅު ކުރަން ހަރުގެއަށް ވަނެވެ. އެހެން ނޫނީ އެތަނަށް ވަދެލާކަށް އެމްޑީޕީގެ ރަސްމީ އެޑްމިނިސްޓްރޭޝަނަކަށް ނުލިބެ އެވެ. އެހިސާބުން ފެށިގެން ގާތްގަނޑަކަށް އެމްޑީޕީއަށް ހަރުގެ ބަންދު ވެއްޖެ އެވެ.  


ރައީސް ނަޝީދަށް އެމްޑީޕީގައި އޮންނަ ލޯތްބާއި ގަދަރަކީ ގާތްގަނޑަކަށް ވަށައި "ތޮވާފު" ކުރުމެކެވެ. އޭގެ ސަބަބުން އަދި އެއީ ޕާޓީގެ ރައީސަށް ވެސް ވެވަޑައިގަތުމުން ޕާޓީގެ އެޑްމިނިސްޓްރޭޝަން ވެސް އޮތީ ލޯ މަރާލައި އަމިއްލައަށް ފިއްތާލައިގެނެވެ.  

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ 14 މެންބަރަކާއި، ޝަފީއާ ހިމެނި ވަޑައިގަންނަވާ ގޮތަށް އެ ޕާޓީގެ އާންމު އެތައް ސަތޭކަ މެންބަރުން ވަކި ވެގެން ގޮސް އެހެން ޕާޓީ ހަދާއިރު އެމްޑީޕީގެ ހަރުގެ ހަދާފައި ހުރި، ޝަފީއާގެ ވެޔޮވިލާ އެމްޑީޕީއަށް "ވަގުފު" ކޮށްފައި ބާއްވާނެ ކަމަށް އެމްޑީޕީން ބަލައިގެން އޮތްކަން އެއީ މޮޔަ ކަމެވެ. އަދި ލުއި ވިޔަފާރި މުއާމަލާތެއްގެ ގޮތުގައި މި ހުރިހާ އަހަރު އޮތް ގޮތަށް އެކަން ޝަފީއާ ބާއްވައި ދެއްވާނެ ކަމަށް ބެލުން ވެސް އެއީ ޕާޓީ ހިންގާ ނުލެވޭ ކަމެވެ. 

އެހެން ކަމުން ހުޅަނގުގައި ބޮޑު ރާޅު އަރާ ފައިބައިގެން ދާއިރު ބައެއް ރަށްރަށް ދެ ބުރިވާ ގޮތަށް އެމްޑީޕީގެ ތެރެއަށް އުދަ އަރައި ޕާޓީ ދެ ބައިވެ ޑިމޮކްރޭޓުން އުފެދި، އެ މީހުންގެ އެކްޓިވިސްޓުން ހަރުގެއަށް ވަދެ، ނޫ ދިދަ ޖަހައި އަމިއްލަ ހިސޯރުގެ ތެރެއަށް ހަރުގެ ގެންދިއުމަކީ ހައިރާންވާ ވަރުގެ ކަމެއް ނޫނެވެ. 

ރީއްޗަށް އެކަން ކުރެވެން އޮތަސް އަވަހާ ޑިމޮކްރެޓުންގެ ހަރަކާތް ފުޅާ ކުރަން، ހަރުގެ އަތުލާނެކަން އެމްޑީޕީގެ އެޑްމިނިސްޓްރޭޝަނަށް ވެސް ރަނގަޅަށް އެނގޭނެ އެވެ. އެކަމަކު އެ އިމާރާތް އެމްޑީޕީން ބޭނުން ކުރަމުން އައީ ވިޔަފާރި މުއާމަލާތެއްގެ ތެރެއިން ކަމަށް ވެފައި އެތަން އަތުލާ ނަމަވެސް ހަވާލު ކުރާ ނަމަވެސް އެކަން ކުރަން ޖެހޭނީ އަރައިގެނެ ގަދަބަދަވިކަން ދައްކައިގެނެއް ނޫނެވެ. ހާއްސަކޮށް ޑިމޮކްރެޓުންގެ ނަމުގައި ނުކުމެގެން އުޅޭ ބަޔަކު އެއީ ކަން ކުރަންޖޭ ގޮތެއް ނޫނެވެ. 

ޝަފީއާ ވިދާޅުވަނީ ކީކޭ؟ އެމްޑީޕީ ހަރުގެ ހިންގަން ވެފައިވާ ރަސްމީ އެއްބަސްވުން ވަނީ ހަމަވެފަ އެވެ. މިދިއަ މާޗް މަހުގެ 30 ވަނަ ދުވަހު ހަަރުގެ ހުސް ކުރަން ނޯޓިސް ދީ ސިޓީ ވެސް ފޮނުވި އެވެ. އަދި އޭޕްރީލް 30 ގެ ނިޔަލަށް ހުސް ކުރަން އެންގި އެވެ. ޝަފީއާ ވިދާޅުވާ ގޮތުން އެތަން ހުސް ކުރަން އެންގީ އެ ބިމުގައި 15 ބުރީގެ އިމާރާތެއް ކުރާށެވެ. ނަމަވެސް ހަރުގެ ހުސް ނުކުރުމުން އެ މަސައްކަތް ކުރެވޭ ގޮތް ނުވެ ގެއްލުން ލިބެމުން ދެ އެވެ.

"އަޅުގަނޑުގެ ވިޔަފާރިއަށް ވަރަށް ބޮޑު ހުރަހެއް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެ އަޅުއްވަނީ. އަޅުގަނޑުގެ ޕާސަނަލް ލައިފަށް ވަރަށް ބޮޑު ގެއްލުމެއް އެ ބޭފުޅުން ދެއްވަނީ. އަޅުގަނޑު ގަސްތު ކުރަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ދައުވާ ކުރަން. އަޅުގަނޑަށް ލިބިފައިހުރި ގެއްލުން އަނބުރާ ހޯދަން އަޅުގަނޑު ދައުވާ ކުރާނަން،"

ޝަފީއާ ވިދާޅުވި ގޮތުގައި އެމްޑީޕީއަށް ދިން މުއްދަތު ހަމަވުމުން އެތަން ހެދެން ދެން އެހެން ބަޔަކަށް ކުއްޔަށް ދީފައިވާކަން ވެސް އެމްޑީޕީއަށް އަންގާފައި ވާނެ އެވެ. އެމްޑީޕީން ހަރުގޭގެ މައްސަލަ ހިފައިގެން ކޯޓަށް ދިޔައީ އެ ސިޓީ ފޮނުވުމުންނެވެ.

  •  ހަރުގެ ދީފައި އޮތީ ވިޔަފާރި އެއްބަސްވުމެއްގެ ދަށުން
  •  ކުއްޔަށް ދިނީ 60،000 ރުފިޔާ

"މިހާރު މިތަން [ހަރުގެ] މިއަދު އަޅުގަނޑު ހުޅުވާއިރު މިތާގައި ހުންނަ ތަކެތި ލިގަލީ އެއީ އަޅުގަނޑުގެ ތަކެތި. އެއީ އެ ބޭފުޅުން ނެތް އަޅުގަނޑުގެ ސިޓީއަށް ޖަވާބު ދެއްވާފައެއް،" ޝަފީއާ ވިދާޅުވި އެވެ. 

އެމްޑީޕީން ކިޔައިދޭ ވާހަކަ ތަފާތު

އެމްޑީޕީން ބުނެ ދޭ ގޮތް ތަފާތެވެ؛ އެ ޕާޓީން ބުނާ ގޮތުގައި ހަރުގޭގެ ތަޅު ހަލާކު ކޮށްލައިގެން ވަދެ އެ ޕާޓީގެ މުދަލަށް ގެއްލުން ދީ ހަރުގެ އިއްޔެ ހިސޯރު ކޮށްފި އެވެ. އެ ހަރުގެއަކީ ޝަފީއާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން ކުލި ދައްކައި އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގާ ތަނެކެވެ. 

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް

ޝަފީއާއާއެކު އަނގަ ބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނިމެންދެން ހަރުގޭގައި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގޭނެ ކަމަށް ވަނީ ވަނީ އެއްބަސްވުމެއް ހަދާފަ އެވެ. -- ރާއްޖޭގެ ކޮންޓްރެކްޓާބެހޭ ގާނޫނު ބުނާ ގޮތުން އަނގަ ބަހުން ވާ އެއްބަސްވުންތަކަކީ ވެސް ލީގަލް ބައިންޑިންއަށް ފުދެ އެވެ. 

އެ އެއްބަސްވުމާ ހިލާފަށް ޝަފީއާ އަމަލު ކުރެއްވުމުން، އެއްބަސްވުމުގެ ދަށުން އެމްޑީޕީއަށް ލިބޭ ހައްގުތައް ހިމާޔަތް ކުރަން ސިވިލް ކޯޓަށް ހުށަހަޅާ އެ މައްސަލާގައި ޝަރީއަތުން ގޮތެއް ނިންމުމުގެ ކުރިން ހަރުގެއަށް ޑިމޮކްރެޓުން ވަދެ ހިސޯރުކޮށް, އެމްޑީޕީގެ މުދަލަށް ގެއްލުން ދިނީ އެވެ.

"ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައި ވާނީ ޝަފީއާ އަރިހު ވެސް އެދިފައިވާ ފަދައިން އެމްޑީޕީގެ ސިޔާސީ ހަރަކާތް ހިންގުމަށް އެހެން ތަނެއް ހަމަޖެއްސެން ދެން ޖުލައި 31 ގެ ނިޔަލަށް ހަރުގޭގައި ތިބެވޭނެ ގޮތަށް ކަނޑައަޅައި ދޭން." އެމްޑީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެމްޑީޕީގެ މައިގަނޑު ވާހަކައަކީ އެ ޕާޓީއަކީ ރޭވި އިންތިޒާމު ވެގެން ސިޔާސީ ހަރަކާތް ހިންގަން ވަކާލާތުކުރާ ތަރުހީބު ދޭ ޕާޓީއެކެވެ. ސިޔާސީ ހިޔާލު ތަފާތުވުން ތަކުގެ ތެރެއިން އެހެން ޕާޓީއެއްގެ މުދަލަށް އަރައިގަނެ ގެއްލުން ދިނުމަކީ ވަރަށް ނާތަހުޒީބު ފިނޑި އަމަލެކެވެ. އެ ގާނޫނާ ހިލާފު ނާތަހުޒީބު, ފިނޑި އަމަލުގައި ޝާމިލުވާ މީހުނާމެދު ފިޔަވަޅު އަޅަން އިދާރާތަކަށް މައްސަލަ ހުށަހަޅާނެ އެވެ. 

  •  ހަރުގެއަށް އަރައިގަތް މައްސަލަ އިދާރާތަކަށް ހުށަހަޅާނެ
  •  ވަގުތީ އަމުރެއް ނެރެދޭން ރޭ ވަނީ ކޯޓުގައި އަދިފައި
  •  ކަރަންޓު ބިލު ނުދައްކައެއް ނޯންނާނެ

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ / ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވި ގޮތުގައި ޝަފީއާއަކީ އެމްޑީޕީގެ އުފެއްދުނީއްސުރެ ޕާޓީގައި ހުންނެވި އިސް ބޭފުޅުކަށް ވެފައި ހަރުގެ އެއްބަސްވުންތައް އާންމުކޮށް ހަދަމުން އައީ ވެސް ލުއި ގޮތަކަށް ތިން މަހުން ތިން މަހުންނެވެ. އެހެން އޮވެ، 2019 އިގައި މުއްދަތު ހަވަމުން ބައިންޑިންތައް ހެދެމުން އައީ އަނގަ ބަހުންނެވެ.

"އެކަމަކު ހަޑި ހުތުރު ގޮތަކަށް ވިޔާނުދާ މޭރުމަކުން ޑިމޮކްސަރީގެ ސިފައާ ބީރައްޓެހި ވެގެން ގޮސް އަރައިގަނެ ހިސޯރަކަށް ދިއުމަކީ ނާތާހުޒީބު ދެރަވަރުގެ ކަމެއް. ކޯޓްގައި ޝަރީއަތުގެ މަރުހަލާތަކެއް އޮއްވާ އެ ގޮތަށް އަރައިގަތުމަކީ އަދި ޑިމޮކްރަސީއެއް ނޫން... ދެން ވިސްނަވާ އެހެން ކަމުގައި އެބެފުޅުންގެ ނިންމުންތައް އަންނާނެ ގޮތް،" އިބުރޭ ވިދާޅުވި އެވެ.

އިބްރޭ ވިދާޅުވި ގޮތުގައި ޝަފީއާއެކުގައި އޮތް އަނގަ ބަހުގެ އެއްބަސްވުންތަކާއެކު ރިޔާސީ އިންތިހާބުގެ ކެމްޕޭން ނިންމާލަން ދެން ކުރިޔަށް ދާން ދެކެވުނު ވާހަކަތައް ހުރި އިރު މަރާމާތުކޮށް ވަޔަރިން ބަދަލުކޮށް އެތައް ކަމެއް އެމްޑީޕީން ވަނީ ކޮށްފަ އެވެ. އަދި އެތާނގައި އޮފީހަކާއި ޕްރެސް ރޫމެއް ހަދައިގެން މަސައްކަތް ކުރިޔަށް ގެންދަން ޝަފީއާ އޮތީ އެއްބަސްވެވަޑައިގެންފަ އެވެ. އެއީ ނުކުންނަ އިރު ބަދަލެއް ދޭނެ ނުޖެހޭ ގޮތަށެވެ. ނަމަވެސް އެ ހުރިހާ ކަމެއް ދޫކޮށްލައްވައި އެމްޑީޕީއަށް ތަނެއް ހޯދާނެ ވަގުތު ވެސް ނުދީ، ޝަފީއާގެ ރުހުމާއެކު ޑިމޮކްރެޓުން ވަދެގަނެ އެތާނގައި ހުރި އެމްޑީޕީގެ މުދާ ވެސް "ޣަނީމާ" ކުރީ އެވެ.

"އެހެނެއް ނުހެދޭނެ. އެއީ ޑިމޮކްރަސީއާ ހިލާފު އަމަލެއް. އަނެއްކާ އޯޕަންކޮށް އެ ވިދާޅުވަނީ އެތާނގައި ހުރި އެއްޗެއްސަކީ ވެސް މިހާރު ޝަފީއާގެ އެއްޗި ކަމަށް އޭގެ ތެރޭގައި ވެއްޖެ ރިޔާސީ އިންތިހާބަށް ރާއްޖެ ގެނެސް އިއްޔެ ކަސްޓަމްސް އިން ނެރުނު 5000 ގޮނޑީގެ ތެރެއިން މިއަދު ގެންދިޔަ ފުރަތަމަ ލޯރީގައި ހުރި ގޮނޑިއަކާ އެހެނިގެން ގިނަ ސާމާނު ވެސް... ކަރަންޓް ބިލު ނުދައްކައެއް ނޯންނާނެ. މި މަހުގެ ބިލު އޮވެ ދާނެ. އެ ބިލު އަދި ކިރިޔާ އަންނާނީހެން އަޅުގަނޑަށް ހީވަނީ" އިބްރޭ ވިދާޅުވި އެވެ.

އިބްރޭ ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސް އަށް އެހީ ވެދޭން ޝަފީއާ މަސައްކަތް ކުރުމަކީ އެމްޑީޕީއަށް އެއްވެސް މައްސަލައެއް ނޫނެވެ. އަދި ވެޔޮވިލާފައި ޑިމޮކްރެޓުންގެ ނޫ ދަވާދު ލައި ހެދުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު އުސޫލުތައް ފޮލޯ ނުކޮށް މިހާވަރު އަރުވާލާނެ ކަމަކަށް އެމްޑީޕީއަށް ހީ ކުރެވިފައެއް ނެތެވެ. އެހެންވެ ކޯޓަށް ލާފައި އޮތް މައްސަލާގައި ހިމެނޭ ވަގުތީ އަމުރު ވެސް އިސާލެއް ގެނައުމަށް އޮތީ ނަގާފަ އެވެ. އެކަމަކު ކުއްލި ގޮތަކަށް އަރައިގަނެ ހިސޯރެއްގެ ތެރެއަށް ހަރުގެ ގެންގޮސް މުދާ ހިފުމުން ރޭގެ ވަގުތެއްގައި އަލުން ވަގުތީ އަމުރެއް ނެރެދޭން ވެސް ވަނީ ކޯޓުގައި އެދިފަ އެވެ،

އެމްޑީޕީގެ އިސް އެކްޓިވިސްޓަކު "މި" ނޫހަށް ބުނި ގޮތުގައި ޝަފީއާގެ ބޭނުންފުޅަކަށްވުރެ ވުރެ ބޮޑަށް ޑިމޮކްރޭޓުން ވަންނާނެ ހަރުގެއަކަށް ބޭނުން ވެގެން އިއްޔެ އެމްޑީޕީގެ ހަރުގެ ހިސޯރު ކުރީ އެވެ. އެކަން އެކުރި ގޮތަކީ "މިލިޓަންޓް އަރައިގަތުމެ" ކެވެ.

"އަޅުގަނޑަށް ސިފަ ވަނީ ނޮވެމްބަރު 1، 2016 އިގައި ޕީޕީއެމްގެ އޮފީހަށް ރައީސް ޔާމީންގެ ފެކްޝަނުން އަރައިގަތް ގޮތް، އަދި އަޅުގަނޑަށް ސިފަ ވަނީ ފެބުރީ 6، 2012 އިގެ މެންދަމު އެސްއޯ ފުލުހުން ދިދަ ބޮލު އޮޅައިގެން އެމްޑީޕީގެ އަމީނީ މަރުގެ އަށް ވަދެގެނެ ތަޅާ ސުންނާފަތި ކުރި ތަން.... ހަމަ އެއްވެސް ތަފާތެއް ނެތް... މިއީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގާ ބަޔަކު އަދި ވިޔަފާރި މުއާމާލަތް ކުރާ ކުރުމެއްގައި އަމަލު ކޮށްގެން ވާނެ ގޮތެއް ނޫން. މި މައްސަލަ އެބައޮތް ކޯޓްގައި އެހެން އޮވާ އަރައި ނުގަނެވޭނެ، މުދަލެއް ނުހިފޭނެ،" 

އެމްޑީޕީއަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ ފުޅާ ޑިމޮކްރެޓިކް އިންސްޓިޓިއުނެވެ. އެ ޕާޓީ ހަލާކުކޮށްލައި ޕާޓީގައި ހުންނަވައިގެން "ބަޣާވަތެއް" ކޮށް އެހެން ޕާޓީއެއް ހެދުން ވެސް އެއީ ޑިމޮކްރަސީ އެވެ. އެ ޕާޓީން ގޮސް އުސޫލުތަކާ ހިލާފަށް މުދާ ހިފުމާއި ތަންތަނަށް އަރައިގަތުން އެއީ ވެސް ޑިމޮކްރަސީއެ އެވެ، މީ ބލ އެއް ކަލަހަލަ ޑިމޮކްރަސީއެއް ނުން ހެއްޔެވެ؟ 

ކޮމެންޓް

2
450
ފާއިދް
1 year ago

ވަރަށް ހަމަ ހަމަ ކޮށް ލިޔެފައި އޮތް ލިޔުމެއް މި އީ. މުންޑޫ ގެ އިތުރު ލިޔުން ތައް ކިޔާލަން ލިބެނީ ވަރަށް މަދުން.

ބެސްޓީ
1 year ago

ޝަފީއާ ތިހެދީ ހަމަ ރަނގަޅަށް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.