ރައުޔު ހާމަކުރުމުގެ ވިސްނުން ދޫކޮށްލުމަށް އެދި ކުރީގެ އޭޖީންގެ ސިޓީއެއް ބާކައުންސިލަށް

މިމައްސަލައިގައި ބާ ކައުންސިލުގެ ރަޢުޔެއް ހާމަކުރެއްވުމުގެ ވިސްނުންފުޅު ދޫކޮށްލެއްވުމަށް ބާ ކައުންސިލުގައި ހިމެނޭ މެންބަރުންގެ ހައިސިއްޔަތުން އިލްތިމާސްކޮށްފައިވެއެވެ.

އިޓޮލްސް އިން ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމާމެދު ނިންމާފައިވާ ނިންމުމާމެދު ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ޔައުޔެއް ނެރުމަށް ނިންމުމާއި ގުޅިގެން ކުރީގެ ބަންޑާރަ ނާއިބުން، ބާ ކައުންސިލަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ބާ ކައުންސިލަށް ސިޓީ ފޮނުއްވީ އެ ކައުންސިލްގެ މެންބަރުންގެ ގޮތުގައިވެސް ތިއްބެވި ކުރީގެ ބަންޑާރަ ނާއިބުން ކަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި އައިޝަތު އާޒިމާ ޝަކޫރާއި ފާތިމަތު ދިޔާނާ ސައީދެވެ.

އެ ސިޓީގައި އެ ބޭފުޅުން ވިދާޅުވީ ޗާގޯސްގެ މައްސަލާގައި އިޓްލޮސް އިން ނިންމި ނިންމުމަކީ ވެރިކަން ކުރައްވާފައިވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ޕާޓިތަކުގެ ލީޑަރުންނާއި ހާރިޖީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅުންނާއި ދިފާއީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅުންނާއި ގާނޫނީ ފަންނުގެ ބޭފުޅުންނާއި ދީނީ އިލްމުވެރިންނާއި މަދަނީ ޖަމިއްޔާތަކާއި އަދި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ކަންބޮޑުވުން އޮތް ނިންމުމެއް ކަމަަށާ މި ނިންމެވުން ބަދަލުކުރެއްވުމަށް ސަރުކާރަށް ގޮވާލަމުންދާ ކަމަަށެވެ.

އަދި މިހާރު މި މައްސަލަ ވަނީ ގައުމީ ފެންވަރުގައި ކަންބޮޑުވުން އޮތް މައްސަލައަކަށް ވެފައިވާ ކަމަަށެވެ.

"ހާއްސަ ގޮތެއްގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސަރަޙައްދަކީ 1969 އިން ފެށިގެން ގާނޫނަކުން ކަނޑައެޅިފައި އޮތް ސަރަޙައްދަކަށްވެފައި ހާއްސަ އިގްތިސާދީ ސަރަހައްދަކީ 1976 އިން ފެށިގެން ރާއްޖޭގެ ގާނޫނުތަކުގައި ކަނޑައަޅާފައިވާ ސަރަޙައްދަކަށްވާއިރު އެއްވެސް އިއުތިރާޒެއް ކުރުމާ ނުލައި ގާނޫނުން ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ދޫކޮށްލި ދޫކޮށްލުމާއި އަދި ބައިނަލްއަގްވާމީ ކޯޓެއްގައި ދިވެހިރާއްޖެއާ ދެކޮޅަށް މައްސަލައެއް ހިނގަމުންދަނިކޮށް އެ މައްސަލައިގައި ހިމެނޭ ހުސޫމަތުގެ ނުކުތާއެއްގައި ދިވެހިރާއްޖެއިން ނަގާފައިވާ ސްޓޭންޑަކާ ސީދާ ހިލާފަށް ދައުލަތުގެ ސިޔާސަތު ބަދަލުކޮށް މައްސަލައިގައި ދައުވާކުރާ ގައުމުގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ސިޓީފުޅެއް ފޮނުއްވި ފޮނުއްވުމަކީ ގާނޫނުއަސާސީ އާއި ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށާއި ބަންޑާރަނައިބަށް ލިބިދީފައިވާ ބާރުތަކުގެ ދާއިރާގެ ބޭރުން ހިންގާފައިވާ އަމަލުތަކެކެވެ. އަދި މިމައްސަލަތަކުގައި ހިމެނޭ އިސްވެރިން ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް ޖަވާބުދާރީކުރުވުމުގެ މަސައްކަތް މިހާރު ރައްޔިތުންގެ މަޖިލީހުން ގެންދަވަނީ ކުރައްވަމުންނެވެ.

އަދި ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ ކަންކަން ބެލެހެއްޓުމަށް އުފައްދާފައިވާ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ، އެކައުންސިލުގެ ރައީސް އާއި އަދި އެހެން ބައެއް މެންބަރުން މި މައްސަލައިގައި ސަރުކާރު ދިފާއުކުރައްވައި ޓްވީޓްކުރައްވައި، ވާހަކަފުޅު ދައްކަވާފައިވާކަން ފާހަގަކޮށް، ކަންކަން އިސްފަސްވުމުގެ ސަބަބުންނާއި ނިޔަތާމެދު ސުވާލު އުފެދޭ ހާލަތު މަތިވެއޮތުމުން މިމައްސަލައިގައި ތަސައްވުރުކުރާފަދަ ފަންނީ ދިރާސާއެއް ކޮށް އެދިރާސާގެ މައްޗަށް ރައުޔެއް ހާމަކުރުމުގެ ފުރުސަތު އެގްޒެކެޓިވް ކޮމިޓީއަށް މިހާރު ގެއްލިއްޖެ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ގާނޫނު ހަމަޖެހިފައިވާ ގޮތުން ބަންޑާރަނައިބަކީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކަށްވާހިނދު މިމައްސަލައާގުޅިގެން ބަންޑާރަނައިބު ޖަވާބުދާރީކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް އޭނާގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ވަގުތެއްގައި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން މިމައްސަލައިގައި ރަޢުޔެއް ނެރުމަކީ މަޞްލަޙަތުގެ ފުށުއެރުން މެދުވެރިވާކަމެއްކަން ފާހަގަކޮށްފައިވެއެވެ.

އަދި ބަންޑާރަނައިބުގެ އަމިއްލަ މަޞްލަޙަތު ޝާމިލްވާކަމެއްގައި ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންނަށް ނިސްބަތްވާގޮތަށް ބާ ކައުންސިލު ބޭނުންކުރެވިގެންދިޔުމަކީ ސިޔާސީ މައިދާނުގައި ހިނގާ ކަންކަމުގެ ތެރެއަށް ބާ ކައުންސިލު ވެއްދުންކަމާއި މިއީ ޅަފަތުގައި އޮތް މުއައްސަސާއެއްގެ މުސްތަޤްބަލު ހަލާކުވެދާނޭފަދަ ކަމެއްކަމުގައި ދެކޭ ކަމަަށްވެސް ސިޓީގައި ވެއެވެ.

އެހެން ކަމުން މިމައްސަލައިގައި ބާ ކައުންސިލުގެ ރަޢުޔެއް ހާމަކުރެއްވުމުގެ ވިސްނުންފުޅު ދޫކޮށްލެއްވުމަށް ބާ ކައުންސިލުގައި ހިމެނޭ މެންބަރުންގެ ހައިސިއްޔަތުން އިލްތިމާސްކޮށް ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ހިނގާ މިފަދަ މައްސަލަތަކުގައި ޤާނޫނީ ވަކީލުން ސިޔާސީ ނުކުރެއްވުމަށާއި ޤާނޫނީ ފަންނަކީ ޕްރޮފެޝަނަލް މިންގަނޑުން މުޅި ރާއްޖެއަށް ޚިދުމަތްދޭ ބައެއްގެގޮތުގައި ތިބޭތިބުން ބަދަލުނުކުރެއްވުމަށްވެސް ބާ ކައުންސިލުގެ ރައީސްއަށާއި ނާއިބުރައީސްއަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.