ވޭއައުޓާއި ރާއްޖޭގެ އެޗްއާރްސީން ފަށާ މި މަޝްރޫއުގެ ދަށުން ރާއްޖޭން ޕްލާސްޓިކް މަދު ކުރުމުގެ ލަނޑުދަނޑިއަށް ބާރަކަށް ވާނެ އެވެ. މި ނިޒާމު ރަށްރަށުގައި ވެސް ގާއިމްކޮށް ފެން ފޯރުކޮށް ދޭނެ އެވެ.
ރާއްޖޭގެ ގިނަ ރަށްރަށަށް ސާފު ބޯފެން ހޯދަން ދަތިތަކާ ކުރިމަތި ވެއެވެ. އޭގެ ހައްލެއްގެ ގޮތުގައި ދުނިޔެ ބަދަލު ވުމާއެކު ގިނަ ބަޔަކު ހިޔާރުކުރީ ޕްލާސްޓިކް ފުޅީގައި ބަންދުކުރި ފެން ހޯދާށެވެ. ނަމަވެސް އެކަމަކީ ރާއްޖެފަދަ އިގްތިސޯދުގެ ބޮޑުބައި ތިމާވެއްޓަށް ބަރޯސާ ކޮށްފައި އޮތް ގައުމަކަށް ބޮޑު މައްސަލަ އެކެވެ. މި މައްސަލައިގެ ހައްލު ހޯދަައިދޭން ރާއްޖޭގެ ގިނަ ރިސޯޓްތަކާއި ދުނިޔޭގެ ގިނަ ރިސޯޓުތަކެއް ތަރައްގީ ކުރަމުން ގެންދާ ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރުސީ) އިން ވަނީ ސުވިޑަންގެ ފެން ޓެންނޮލޮޖީ އުފައްދާ ކުންފުނި ވޭއައުޓް ރާއްޖެއަށް ގެންނަން ތައްޔާރުވެފަ އެވެ.
ރާއްޖޭގެ ފެނުގެ ހިދުމަތުގެ ކިލަނބުކަން ސާފުކޮށްލައި ދޭނެ މި މަޝްރޫއު ފެށުމުގެ ގޮތުން ސުވިޑަންގެ ވޭއައުޓް ކުންފުންޏާއި އެޗްއާރުސީއިން ވަނީ އެއްބަސްވުމެއް ހަދާފަ އެވެ. ވޭއައުޓްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަދި ފައުންޑަރު އުލްފް ސްޓެނަހަގް އެވެ. އެޗްއާރުސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލީ ޖަނާހެވެ.
އިފޮޕްކާގެ ރައީސްކަން ވެސް ކުރައްވާފައިވާ ޖަނާހަކީ ދުނިޔޭގެ ވިޔަފާރި ކޮމިއުނިޓީއާ ގުޅުން ބޮޑު އަދި ރާއްޖެއަށް ބިޔަ އިވެސްޓްމަންޓް ތަކެއް ގެނެސް ދެއްވާފައިވާ ބޭފުޅެކެވެ. ޖަނާހުގެ ބެއްލެވުމުގެ ދަށުން ރާއްޖެއަށް ގެނެސްދޭ ފެނުގެ މި ޓެކްނޮލިޖީގެ މަޝްރޫއަށް ސުވިޑަން ސަރުކާރުން 30 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 497 މިލިއަން ރުފިޔާ) ހަމަޖައްސައި ދީފައި ވެއެވެ. މިއީ އަމިއްލައަށް އިންވެސްޓްމަންޓު ހޯދައިގެން އަމިއްލަ ދިވެހި ވިޔަފާރިވެރިއަކު ރާއްޖޭގައި ހިންގާ ފެނުގެ މިފަދަ އެންމެ ބޮޑު އެއް މަޝްރޫއެވެ.
މި މަޝްރޫއުގެ ދަށުން ހަދާ ފުރަތަމަ ފެސިލިޓީ މި އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގައި ގާއިމް ކުރާނެ އެވެ.
މި މަޝްރޫއުގެ ދަށުން ހޮޓެލްސް އެންޑް ރިސޯޓްސް ކުންފުނިން ރާއްޖޭގައި 30 ވޭއައުޓް ސިސްޓަމް އިންސްޓޯލްކޮށް އޮޕަރޭޓްކޮށް ބަލަހައްޓަމުން ދާނެއެވެ. އޭގެ ސަބަބުން ރާއްޖޭގެ އާބާދީގެ ލައްކައެއްހާ ޖަޒީރާ ރައްޔިތުންނަށް ސާފު ބޯފެން ލިބިގެންދާނެ އެވެ. މި ނިޒާމު އެޗްއާރުސީން އިން އެންމެ ފުރަތަމަ ގާއިމް ކުރާނީ މަތީ ފަންތީގެ އެއް ރިސޯޓުކަމަށްވާ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސްގަ އެވެ. އެ ޓެންކޮލޮޖީއާއެކު ރާއްޖޭގެ ރަށްރަށުގައި އެ ނިޒާމު ގާއިމު ކުރަން ފެށުމުން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު ތަކެއް ވެސް ފަހި ވެގެންދާނެ އެވެ.
ވޭއައުޓް އާއި އެޗްއާރްސީއާ ދެމެދުވި އެއްބަސްވުމާ ބެހޭ ގޮތުން އެޗްއާރުސީގެ ޗެއާމަން ޖަނާހު ވިދާޅުވީ ސްވިޑެންގައި އޮތް ދުނިޔޭގެ ފެންވަރުގެ ބޮޑު ކުންފުންޏަކާއެކު އެއްބަސްވުމަކަށް ދެވުމަކީ ވެސް ލިބިގެން ދިޔަ ކާމިޔާބީ އެކެވެ.
"މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި ސާފު ބޯފެން އުފެއްދުމުގެ ގާބިލު ކަމަށް އިންގިލާބެއް އަންނާނެ. އަޅުގަނޑުމެންގެ ޖަޒީރާތަކުގައި ސާފު ރައްކާތެރި ބޯފެން ލިބޭނެ ގޮތް ފުޅާ ކުރުމަށް ވޭއައުޓާއި ގާތުން މަސައްކަތް ކުރާނަން،" ޖަނާހު ވިދާޅުވި އެވެ.
ވޭއައުޓްގެ ފައުންޑަރު އުލްފް ސްޓެނަހަގް ވިދާޅުވީ ރާއްޖޭގެ ޖަޒީރާތައް ރީއްޗެވެ. ނާޒުކު އެ ޖަޒީރާރަށްތައް އެއް ފަހަރު ބޭނުންކުރާ ޕްލާސްޓިކުން އެކަހިރިކޮށް ރީތިކޮށް ސާފުކޮށް ބޭއްވުން މުހިންމެވެ. އެ ކުންފުނީގެ ފެން ޓެންކޮލޮޖީގެ އެހީގައި ސާފު ބޯފެން ދިވެހި ރައްޔިތުންނަށް ލިބޭނެ ގޮތް ވެގެންދާނެކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވަ އެވެ.
ސަރުކާރުން ޕްލާޓިކް މަދު ކުރުމުގެ ސިޔާސަތެއް ގެންގުޅޭ އިރު މިއީ އެ ކަމަށް އެންމެ ފުރިހަމަ އެއް ނިޒާމެވެ. މި ޓެކްނޮލޮޖީގެ އެހީގައި ފެނުގެ ރައްކާތެރިކަން އިތުރުކޮށް އެއް ފަހަރު ބޭނުން ކުރާ ޕްލާސްޓިކް ނައްތާލުމަށް ބާރަކަށްވެ އެވެ.
ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި ރާއްޖޭން އަހަރަކު 365،000 ޓަނުގެ ކުނި އުފައްދަ އެވެ. އެ ކުނީގެ ބޮޑު ބައެއް އުފައްދަނީ ރިސޯޓްތަކުންނެވެ. އެހެންވެ ވޭއައުޓުން ގާއިމު ކުރާ އެންމެ ސިސްޓަމެއްގެ ސަބަބުން އަހަރަކު 13 މިލިއަން ޕްލާސްޓިކް ފުޅި އާއި 1،400 ޓަނުގެ ވިހަގޭސް ބޭރުވުން ހުއްޓިގެންދާނެ އެވެ.
އުފާވެރި ހަބަރެއް ތީ
ވަރަށް ރަނގަޅު ކަމެއް....