ދީނީ މައްސަލައެއްގައި މީހަކު ސުވާލު ކުރުމުން ބަލައިލުމެއް ނެތި ޖަވާބު ދިނުމަކީ ކޮން ފަދަ ކަމެއްތޯ ސުވާލު ކޮށްފައިވެެއެވެ. އެ ގޮތަށް އޮޅިގެން ކިތަށް މީހުންނަށް ނުބައި ޖަވާބު ދީފައި ހުންނާނެތޯވެސް ބައެއް މީހުން ސުވާލުކޮށްފައިވެއެވެ.
ޑެސްފަރޯލް އިންޖެކްޝަން ޖެހުމުން ރޯދަ ގެއްލޭނެތޯ އަހާ މީހަކު ކުރި ސުވާލަކަށް އެކަމުގެ ފުރިހަމަ މައުލޫމާތު ނުހޯދާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ޖަވާބު ދެއްވާ ފަހުން އެ ޖަވާބު ބަދަލުކުރުމުން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ތެލެސީމިއާ ކުއްޖަކު ޑެސްފަރޯލް އިންޖެކްޝަން ޖެހުމުން ރޯދަ ގެއްލޭނެތޯ އަހާ މީހަކު ކުރި ސުވާލަކަށް ކުރީން ދިން ޖަވާބު ރަނގަޅު ނޫން ކަމަށް އެއްބަސްވެ އިޔާޒް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އިޔާޒް ކުރީން ވިދާޅުވީ ޑެސްފަރޯލް އިންޖެކްޝަން ޖެހުމުން ރޯދަ ގެއްލޭނެ ކަމަށެވެ. ނަމަވެސް ފަހުން ވިދާޅުވީ އެގޮތަށް ޖަވާބު ދެއްވީ ޑެސްފަރޯލް އަކީ ގައިގައި ވަރު ޖައްސާ އިންޖެކްޝަން އެއް ކަމަށް ބަލައިގެން ކަމަށެވެ.
"ނަމަވެސް މިހާރު މި ލިބުނު މައުލޫމާތުން އެއީ ގައިގައި ވަރު ޖައްސާ އިންޖެކްޝަނެއް ނޫންކަން ސާފުވެއްޖެ. އެހެން ކަމުން މިހާރުގެ ޖަވާބަކީ ޑެސްފަރޯލް ޖެހިޔަސް ރޯދައެއް ނުލެވޭނެ ކަމަށް،" އިޔާޒް ވިދާޅުވި އެވެ.
އިޔާޒްގެ މި ޓްވީޓަށް ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާ ޖަވާބު ދީފައެވެ. އަދި ދީނީ މައްސަލައެއްގައި މީހަކު ސުވާލު ކުރުމުން ބަލައިލުމެއް ނެތި ޖަވާބު ދިނުމަކީ ކޮން ފަދަ ކަމެއްތޯ ސުވާލު ކޮށްފައިވެެއެވެ. އެ ގޮތަށް އޮޅިގެން ކިތަށް މީހުންނަށް ނުބައި ޖަވާބު ދީފައި ހުންނާނެތޯވެސް ބައެއް މީހުން ސުވާލުކޮށްފައިވެއެވެ.
އިޔާޒަކީ ދިވެހީން ދީނީ ގޮތުން ހޭލުންތެރި ކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެތައް ވައިބަރު ގުރޫޕެއް ހައްދަވާ ކޮންމެ ދުވަހަކު ވަރަށް ގިނަ ބަޔަކު ކުރާ ސުވާލުތަަކަށް ޖަވާބު ދެއްވައެވެ. އެކަމަށް ވަރަށް ގިނަ ވަގުތުވެސް ހޭދަ ކުރެއްވި އެވެ.
ނަމަވެސް މި ފަހުން ގިނަ މީހުން އިޔާޒް ދަންނަނީ ދީނީ އިލްމުވެރިކަށް ވުރެ ސިޔާސީ ބޭފުޅެއްގެ ގޮތުގައެވެ. އިޔާޒް ނިސްބަތްވާ އަދާލަތު ޕާޓީ ދިފާއު ކުރުމާއި އަދާލަތު ނިސްބަތްވާ ސަރުކާރު ދިފާއު ކުރުމުގައި އިޔާޒް ވަރަށް މައްޗަށް ވަޑައިގެންފައިވެއެވެ. އެ ގޮތުން ދީނީ އިލްމުވެރިއަކު ދައްކަން ނުވާ ބަހުރުވައިން އިދިކޮޅު ލީޑަރަކަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވުމާއި ވެރިންނަށް ޝަނާ ވިދާޅުވެއެވެ.
އެކަމުގައި އިޔާޒަށް ހިތްވަރު ދީ އެގޮތުގައި އިޔާޒް ދެމެހެއްޓުމަށް އެންމެ ބޮޑަށް އެހީތެރިވަނީ އަލީ ޒައިދެވެ. ޑރ. އިޔާޒާމެދު އާންމުން ދެކޭ ގޮތް ބަދަލު ކުުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ޒައިދު ކަމަށް ގިނަ ބަޔަކު ދެކެއެވެ. ޒައިދަކީ ފެށުނީއްސުރެ އޭނާ ގަބޫލުކުރާ ގޮތެއް ކުރިއަރުވާ ތާއީދު ކުރާ ސިޔާސީ ވެރީންނަށް ހުޝާމަދު ކުރުމުގައި ހުންނެވި ބޭފުޅެކެވެ.