"ބާރަ މެންބަރުން" ނަކީ ސަރުކާރަށް އިންތިހާބު ގެއްލުމުގެ އަލާމާތެއް

"ދުރު ނޫން މާޒީން ވެސް ފެންނަން އޮތީ 'މަޖިލީހުގެ 12 މެންބަރުން' ނަކީ އިންތިހާބެއް ސަރުކާރަށް ގެއްލުމުގެ އަލާމާތެއްގެ ގޮތުގައި،"

ޝިދާތާ ޝަރީފް، ރައީސް ސޯލިހާއި ސަލާމް ކުރައްވަނީ

މަޖިލީހުގެ "12 މެންބަރުން" ނަކީ ސަރުކާރަށް އިންތިހާބު ގެއްލުމުގެ އަލާމާތެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ތަރުޖަމާން / ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝިދާތާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އިޝާރާތް އެ ކުރައްވަނީ އެމްޑީޕީން އިއްޔެ ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނަށެވެ. އަދި މަޖިލީހުގެ "12 މެންބަރުން" ނަކީ ސަރުކާރަށް އިންތިހާބު ގެއްލުމުގެ އަލާމާތެއް ކަމަށް ވިދާޅުވެ ގުޅުވާލެއްވެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމަނިކުފާނާއި ދެކޮޅަށް ޕާޓީތެރެއިން ނިކުންނެވި މަޖިލީހުގެ 12 މެންބަރުންނަށެވެ.

މަޖިލީހުގެ 12 މެންބަރަކު ސަރުކާރާއި ފެއަށް ޖެހިވަޑައިގަތުުމުން ރައީސް ޔާމީންގެ ސަރުކާރަށް މަޖިިލީހުގައި އޮތް ސުޕަ މެޖޯރިޓީ ގެއްލުނެވެ. އެއާއެކު އެ 12 މެންބަރުންގެ ގޮޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާ މަޖިލީހަށް ވަނުމަށް ހުރަސް އެޅި އެވެ. ސަރުކާރުން އެދިގެން އެ ހުރިހާ ކަމެއް އޭރު މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުﷲ މަސީހް މުހައްމަދު ގެންދެވީ ތަންފީޒު ކުރައްވަމުންނެވެ. މަސީހަކީ މަޖިލީހުގެ ތާރީހު ދުށް އެންމެ ހުދު މުހުތާރު ރައީސެވެ.

އެގޮތަށް އަމަލު ކުރެއްވި ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ އެ 12 މެންބަރުންގެ ގޮޑި ނުގެއްލޭ ކަމަށް ނިންމާ ހުކުމް ކުރައްވާފައެވެ. ނަމަވެސް އެ ހުކުމް އައީ ރައީސް ޔާމީންގެ ބާރު ކެނޑުމުންނެވެ. އޭގެ ކުރީން އެ މައްސަލާގައި ސާފު ހުކުމެއް ކުރަން ސުޕްރީމް ކޯޓްވެސް އޮތީ ފަސްޖެހިފައެވެ.

އެ 12 މެންބަރުންނާއެކު އިދިކޮޅު ހަރަކާތްތަކަށް ވަރަށް ބޮޑު ދިރުމެއް ލިބުނެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް އައެވެ.

ޝިދާތާގެ ޓްވީޓްގައި އެ އިޝާރާތް ކުރައްވަނީ ކުރީން ކުރިމަތިވި ހާލަތާއި މިހާރު ކުރިމަތިވެފައިވާ ހާލަތުގެ އެއްގޮތް ކަމެވެ. އިއްޔެ ވަކިވި 12 މެންބަރުންނާއެކު އެމްޑީޕީއަށް މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީ ވަނީ ގެއްލިފައެވެ.

"ދުރު ނޫން މާޒީން ވެސް ފެންނަން އޮތީ 'މަޖިލީހުގެ 12 މެންބަރުން' ނަކީ އިންތިހާބެއް ސަރުކާރަށް ގެއްލުމުގެ އަލާމާތެއްގެ ގޮތުގައި،" ރައީސް ޔާމީނަށް ނާކާމިޔާބީއާ ކުުރިމަތިލައްވަން ޖެހިވަޑައިގެން ފަދައިން ރައީސް ސޯލިހަށްވެސް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެ ކަމަށް އިޝާރާތް ކުރައްވާ ޝިދާތާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެމްޑީޕީން 12 މެންބަރުން ވަކިވެވަޑައިގެންނެވިއިރު އެމްޑީޕީން ވަކިކުރެއްވި މެންބަރު އަލީ އާޒިމާއެކު އެ އަދަދު 13 އަރައެވެ. އަދި ރައީސް ނަޝީދު ވަކިވެވަޑައިގަތުމުން 14 މެންބަރުންނާއެކު މަޖިލީހުގެ މައިނޯރިޓީ އަށް ނަޝީދުގެ އައު ޕާޓީ ވެގެންދާނެ އެވެ. މިއީ ރައީސް ސޯލިހް ދެވަނަ ދައުރެއް ހޯދުމަށް ކުރައްވާ އުންމީދަށް އޮތް ވަރަށް ބޮޑު ފަނޑުކަމެކެވެ. މުޅި އިދިކޮޅުން ކުރިމަތިނުވާނެހާ ޕްރެޝަރާއި ދަތި އުނދަގޫ ރައީސް ނަޝީދާއި އެމަނިކުފާނުގެ ޓީމުގެ ފަރާތުން ރައީސް ސޯލިހަށް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.