ޕީޕީއެމް، ޕީއެންސީ އާއީ، ޖުމްހޫރީ ޕާޓީ، "ފިކުރެއްގެ ދިރުން" އަދި އެމްއެންޕީ ގުޅިގެން ޝާހިދާއި ރިފްއަތުގެ އިތުބާރު ނެތް މައްސަލަ ހުށައެޅީ ޗާގޯސް އިމުގެ މައްސަލައިގައި ރާއްޖެއަށް ގެއްލުންވާ ގޮތަށް އަމަލު ކުރައްވާފައިވާ ކަމަށް ބުނެއެވެ.
ސަރުކާރުގެ ބައެއް ވަޒީރުންނާއި، ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އިތުބާރު ނެތްކަމަށް އިދިކޮޅު ޕާޓީތަކުން ވައްދާ މައްސަލަތައް ހުށަހެޅުއްވި ނަމަވެސް އެކަމާ މާބޮޑު ފަރުވާލެއް ނެތްކަމަށް ދޭހަވާ މޭރުމަކުން ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު ވާހަކަފުޅު ދައްކަވައިފި އެވެ.
މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ، އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ ވަޒީރުން ކަމުގައިވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމި ހުންނަވާނެ ކަމަށެވެ.
"ދެން އެ ބޭފުޅުންނަށް [އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާ] ނަމްބާސް ހަމަ ވާނެތޯ، ނޫންތޯ، އަޅުގަނޑަށް ހީވަނީ އެންމެ ފަހުން މި ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކާ ދެން ހަބަރުތައް ބައްލަވާލެއްވީމަ ހުރިހާ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ" މިއުވާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގައި އޭގެ އިތުރަށް ވިދާޅުވާނެ އެއްޗެއް ނެތް ކަމަށެވެ.
އިދިކޮޅު ޕީޕީއެމް، ޕީއެންސީ އާއީ، ޖުމްހޫރީ ޕާޓީ، "ފިކުރެއްގެ ދިރުން" އަދި އެމްއެންޕީ ގުޅިގެން ޝާހިދާއި ރިފްއަތުގެ އިތުބާރު ނެތް މައްސަލަ ހުށައެޅީ ޗާގޯސް އިމުގެ މައްސަލައިގައި ރާއްޖެއަށް ގެއްލުންވާ ގޮތަށް އަމަލު ކުރައްވާފައިވާ ކަމަށް ބުނެއެވެ.
ރިފްއަތުގެ މައްސަލައިގައި ފޮނުވަންޖެހޭ 14 ދުވަހުގެ ނޯޓިސް މިހާރު ވަޒީރަށް ވަނީ ފޮނުވާފައެވެ. ޝާހިދުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިއަދެވެ. އޭގެ އިތުރުން ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށް އެ ޕާޓީތަކުން ވަނީ އިއުލާނުކޮށްފައެވެ.