ކޭޕާކު މައްސަލައާ ގުޅޭ ބައެއް ތަންތަނަށް ފުލުހުން ވަދެ، ބަލާ ފާސްކުރަނީ

މިއީ އެ މައްސަލައިގައި ފުލުހުން ތަނެއް ބަލާ ފާސްކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ފުލުހުން ވަނީ އެކަމާ ބެހޭ އެއްވެސް ޝަކުވާއެއް އޮތްނަމަ، ހުށަހެޅުމަށް އެދިފައެވެ.

ކޭޕާކް ރެސިޑެންސް

ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ "ކޭ ޕާކު" ފްލެޓުތައް ވިއްކުމުގައި މަކަރާ ހީލަތް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅުންހުރި ބައެއް ތަންތަން ފުލުހުން ބަލާ ފާސް ކުރަމުން އެބަދެއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުނާ ގުޅުން ހުރި ބައެއް ތަންތަން ބަލާ ފާސް ކުރަމުން ދާ ކަމަށެވެ. އެނގިފައިވާ ގޮތުގައި، ފުލުހުން މިހާރު ފާސް ކުރަމުންދާ ތަންތަނުގެ ތެރޭގައި އެ މައްސަލައިގައި ބޮޑެތި ތުހުމަތުތަކެއް އަމާޒުވާ، ހަންބޯ ކުންފުނީގެ ދިވެހި ހިއްސާދާރު، ހަސަން މަމްދޫހު (މަންޑޭ) ދިރިއުޅޭ އެޕާޓްމެންޓް ހިމެނެ އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ ކޭޕާކު ތަރައްގީކުރާ ހަންބޯ ކުންފުނީގެ ޗައިނާ ހިއްސާދާރު ފުލުހަށް އެ މައްސަލަ ހުށަހެޅުމުންނެވެ. ނުއަގުގައި އެތައް ބަޔަކަށް ފްލެޓް ވިއްކާފައިވާކަން ތުހުމަތުކޮށް ކުންފުނީގެ ގަރާރެއް ބޭނުން ކޮށްގެން އެއްބަސްވުންތައް ހަދާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތު ކަމަށް ބުނެ އޮޅުވާލައިގެން ބައެއް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެޕާޓްމަންޓްތަކުގެ އަގުގެ ބަދަލުގައި ކާރާއި އެ ނޫންވެސް ތަކެތި ބައެއް މީހުންގެ އަތުން ނަގާފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައި ވެއެވެ. އަދި އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް ވިއްކައި ފައިސާ ނަގާފައިވާ ކަމަށް ވެސް ފުލުހަށް ހުށަހެޅިއެވެ.

އެ ތުހުމަތުތައް އަމާޒުވާ ހިއްސާދާރު، މަންޑޭ ވަނީ އެކަމަށް ޖަވާބުދާރީ ވެސް ވެފައެވެ. މަންޑޭގެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހަންބޯ މޯލްޑިވްސްގެ އެމްޑީގެ މަގާމުގައި ހުރި ޗައިނާގެ ޖިން ޝީހޫ މަސައްކަތް ކުރަމުން ދަނީ މަންޑޭގެ އަބުރު ކަތިލަން ކަމަށާއި ރޭވުމެއްގެ ތެރެއިން ޖިން ޝީހޫ މަސައްކަތް ކުރީ ފްލެޓުތައް ވިއްކައިގެން ލިބުނު ފައިސާއާއެކު ރާއްޖޭން ފަލަން ކަމަށާއި މަންޑޭގެ އަބުރު ކަތިލަނީ އެކަން ނުވުމުން ކަމަށެވެ.

ހަންބޯ މޯލްޑިވްސްއަކީ ކޭޕާކް މަސައްކަތުގެ ލޯކަލް އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާން ހެދި ކުންފުންޏެއް ކަމަށާއި މުޅި ޕްރޮޖެކްޓްގެ ވެރިފަރާތް ކަމަށްވާ ހަންބޯ ކޮރެއާއަށް ލިބިދޭ ބާރުތަކުން ބައެއް ވަގުތީގޮތުން އެ ކުންފުނިން ދީފައި އޮތީ ލޯކަލް އެޖެންޓަށް ކަމަށާއި އެ ބާރުތަކުގެ ތެރޭގައި ފުލެޓުތަކަށް ލިބޭ ފައިސާ ބަލައިގަތުން އޮތް ނަމަވެސް އެއީ ލޯކަލް އެޖެންޓުގެ ފައިސާ ނޫން ކަމަށެވެ.

އަދި ބުނެފައި ވަނީ ލޯކަލް އެޖެންޓްގެ ގޮތުން ހަންބޯ މޯލްޑިވްސްގެ 95 ޕަސެންޓު ހިއްސާދާރު، ޖިން ޝީ ހޫގެ އެކައުންޓެންޓުން އަބަދުވެސް ރާއްޖޭގައި ތިބި ކަމަށާއި އެއީ ހެކި ހުރި ކަންކަން ކަމަށެވެ.

މިއީ އެ މައްސަލައިގައި ފުލުހުން ތަނެއް ބަލާ ފާސްކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ފުލުހުން ވަނީ އެކަމާ ބެހޭ އެއްވެސް ޝަކުވާއެއް އޮތްނަމަ، ހުށަހެޅުމަށް އެދިފައެވެ. އަދި، އެ މައްސަލައިގައި ތުހުމަތުވާ، އާބަންކޯގެ މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑު ކޮށްފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.