ތޮއްޑޫގެ ހުރިހާ ވާހަކަ: ކަންކަން ކުރަންވީ ގޮތް ކަރަމަށް އެނގޭ

ތޮއްޑޫން ދިގު މުއްދަތަށް ދަނޑުބިން ދީ، ތޮއްޑޫގައި ރާއްޖޭގެ ދެވަނަ އޯޕަން އެކްސެސް ނެޓްވޯކް އަޅައި އިމާރާތް ކުރެވޭނެ އެންމެ އުސްމިން ކަނޑައަޅައި ލޭންޑް ޔޫސްޕްލޭން ނިންމައި ތަރައްގީ ވަނީ މެކުހަށް ޖަހާފަ އެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ނަމްބަރުވަން އައިލެންޑް އއ. ތޮއްޑޫއަށް އަރައިގެން ރަނގަޅަށް ހިނގައި ނުގަނެވެނީސް ރަށުގެ ވެރިޔާ / ކައުންސިލްގެ ރައީސް އަހުމަދު ކަރަމްއާ ބައްދަލުވި އެވެ. އެންމެން ވެސް ކިޔާ ގޮތަށް ތޮއްޑޫ ކަރަމް އެވެ. ކަރަމްއާއެކު ރަނގަޅަށް ހިނގައި ނުގަނެވިގެން އުޅެނިކޮށް ޓޫރިސްޓުންތަކެއް އައިސް ކަރަމްއާއެކު ފޮޓޯ ނަގަން ބޭނުންވި އެވެ. ތޮއްޑޫއަށް އަރާ ޓޫރިސްޓުންގެ ބަހުންނަމަ މިއީ "ފުރުޓް އައިލެންޑެ" ވެ.

ސުވާލެއް ކުރެވުނެވެ: އެ މީހުންނަށް އެނގޭނެ ދޯ ތިއީ މި ރަށުގެ ވެރިޔާކަން؟

"އާނ... ރަށަށް އަރާ ބައެއް ޓޫރިސްޓުންނަށް އެނގޭނެ. އަޅުގަނޑުމެން ބޭނުންވޭ ލާމަރުކަޒީ ނިޒާމު ރަށަށް އަރާ ޓޫރިސްޓުންނަށް އެނގެން. މި ނިޒާމު އެ މީހުން ވެސް ގަޔާ ވާނެ،" ލާމަޒުކަޒީ ސިޔާސަތު އުފަން ކުރިއިރު އިސްކޮށް މަސައްކަތް ކުރެއްވި ކަރަމް ވިދާޅުވި އެވެ.  

ކަރަމްއަކީ ލާމަރުކަޒީ ވިސްނުމުގެ ބޭފުޅެކެވެ. ލާމަރުކަޒީ ފިކުރުގެ ކުރިއަށް ގެންދާނެ ގޮތް އެނގޭ މަދު ކައުންސިލަރުންގެ ތެރޭގައި ހުންނެވި އެންމެ ފާހަގަ ކުރެވޭ ވިސްނުންފުޅެއް ގެންގުޅުއްވާ ރަށު ރައީސެވެ.  ކަރަމް ބޭނުންފުޅު ވަނީ ސަރުކާރުން މިނެއްނެތި ދޫކޮށްލާފައި މި އޮތް ލާމަޒުކަރު ކުރުމުގެ ތަނަވަސް ފުރުސަތުގެ ބޭނުން ހިފައި ދެމިގަނެ ޓޫރިސްޓުންގެ މެދުގައި މަަޝްހޫރު "ފުރުޓް އައިލޭންޑް" މުޅީން ބަދަލު ކޮށްލައި ދުނިޔެއަށް ތޮއްޑޫ ދައްކާށެވެ. 

އެކަން ކުރަން ފިޔަވަޅަކަށްފަހު ފިޔަވަޅެއްގައި އޭނާ އެ ވަޑައިގަންނަވަނީ ކައިރިއަށެވެ. ކަރަމްގެ ލާމަރުކަޒީ ވިސްނުމުގައި ރަށުގެ ކައުންސިލް މަސައްކަތް ކުރާނީ ރަށުގެ ފްރޮރަންޓް އޮފީހެއްގެ ގޮތުގަ އެވެ. ކައުންސިލުން ކަނޑައަޅާ ވެރިއަކީ ރަށުގެ ޖީއެމް އެވެ. ރަށަށް ޓޫރިސްޓުން އަރާ ހިސާބުން ފުރަތަމަ މަރުހަބާ ކިޔާނީ ކައުންސިލުން ރަށުގެ ބަނދަރުގައި އެކަމަށް ހަދާފައިވާ ތަނަކުންނެވެ. ބަނދަރު މަތީގައި މަރުހަބާ ކިޔާނެ ލައުންޖު ހުންނާނެ އެވެ. ރަށަށް އަރާ ޓޫރިސްޓުންގެ ހަގީގީ ނަމްބަރު ކައުންސިލަށް ވަގުތުން ވަގުތަށް އެނގެމުންދާނެ އެވެ. މި ހިސާބަށް ގެންދަން ކަރަމް ދިގު އަދި ބުރަ މަގެއްގައި ހިނގަން ޖެހެ އެވެ. ކަރަމްގެ މި  ހުވަފެނުގައި ހަގީގީ ކުލަ ޖެހެން އޭނާ ބޭނުންފުޅުވެ އެވެ. "މި" ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކަރަމް ބައެއް ސުވާލުތަކަށް ޖަވާބު ދެއްވި އެވެ. 

ކައުންސިލްގެ ރައީސް ކަމަށް ވަޑައިގެންނެވީ މެނިފެސްޓޯއަކާއެކު، ވައުދު ފުއްދަން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކީ ކޮބާ؟

ތޮއްޑޫ ބަނދަރު: ރަށުގެ ތަރައްގީގެ މަސައްކަތްތައް ވަނީ ފެށިފަ -- ކައުންސިލް

އެންމެ ބޮޑު ވިސްނުމަކީ ލާމަރުކަޒީ ގާނޫނަށް ގެނައި ހުރިހާ ޓޫލްތައް ބޭނުން ކުރެވި ޑިސްޕްލޭ ކޮށްލަދޭ ނަމޫނާ ކައުންސިލެއްގެ ގޮތުގައިވުން. އޭގެތެރޭން ރައްޔިތުންގެ އެއްބާރުލުމާއެކު ފަސް އަހަރު ދުވަހުގެ ޑިވްލޮޕްމަންޓް ޕްލޭން ތައްޔާރު ކުރެވި. ކެމްޕޭންގެ މެނިފެސްޓޯގެ މުހިންމު ބައިތައް ވާނީ ޑިވްލޮޕްމަންޓް ޕްލޭންގެ ކަންކަން ހިމަނާފަ. ކައުންސިލަށް ދެއަހަރު ވެގެންދާއިރު ހުރިހާ ކަމެއް އެންމެ ހިތްހަމަ ޖެހޭ ގޮތަށް ނުދިޔަ ނަމަވެސް މިދިޔަ ދެ އަހަރުތެރޭގައި މި ކަންކަން ހާސިލް ކުރަން ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަ ޖެހޭ. 

ތޮއްޑޫގައި 850 އަށް ވުރެގިނަ ޓޫރިސްޓުންނާއި ރަށުގެ 2100 އަށްވުރެ ގިނަ ރައްޔިތުންނާ 800 ބިދޭސީން ހިމެނޭ. އެންމެނަށް ހިދުމަތް ދޭން ރަށު ޕްލޭނެއް ވަނީ ނިމިފަ. ޑިވްލޮޕްމަންޓް ޕްލޭންގައި ހުރި މައިގަނޑު ބައި ތަކަކީ ކޮބާ؟

ޑިވްލޮޕްމަންޓް ޕްލޭންގައި ދެ އަމާޒެއް އެބަ ހިމެނޭ. އެއް ބަޔަކީ ވަސީލަތްތައް ރައްކާތެރިކޮށް ވީހާ ގިނަ ރައްޔިތުންނަށް މީގެ މަންފާ ލިބޭނެ ގޮތެއް ހެދުން. ހަމަމިއާއެކު އެ ރިސޯސަސްތައް ބޭނުންކޮށްގެން އާއްމު ރައްޔިތުންނަށް މަންފާ ލިބޭނެ ފުރުސަތު ހޯދައި ދިނުން. އެގޮތުން ސަގާފަތާއި ތަރިކަ އާލާކޮށް ދިރުވުމުގެ ތެރޭން ދާގަބާ ސަރަހައްދާއި ހުކުރު މިސްކިތް އެއީ ޓޫރިސްޓު އެޓްރެކްޝަނެއްގެ ގޮތުގައި ޑިސްޕްލޭ ކުރުން ވެސް ހިމެނޭ. ރިސޯސަސް ބޭނުން ކުރަން އެންމެ މުހިންމު ކަމަކީ ވިޔަފާރިވެރިިންނަށް މި ރިސޯސަސް ތަކުން ފަހި ފުރުސަތު ތަކެއް ހޯދަ ދިނުން. އިކޮނޮމިކް މިނިސްޓްރީގެ އެހީތެރިކަމާއެކު ވިޔަފާރިވެރިންނަށް އެހީތެރިވުމުގެ މަސައްކަތް ވަނީ ފެށިފަ. ބިޒްނަސް ސެންޑާ ކޯޕަރޭޝަނުން ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ. ވިޔަފާރި ކުރަން ހުރި ދަތިތައް ފިލުވައިދީ މުނިސިޕަލް ހިދުމަތްތައް ރަނގަޅު ކުރުން. 

އަޅުގަނޑުމެންގެ ގްރޯތު ދައްކާ ގޮތުން އަހަރެއްހާ ދުވަހުގެ ތެރޭގައި 3،000 ޓޫރިސްޓުންނާ ހަމައަށް އެބައަރާ. އަޅުގަނޑު ގަބޫލު ކުރާ ގޮތުން އެ ދުވަސް އަންނައިރު ބީޗްތަކާއި ރަނގަޅު މަގުތައް ހުންނަން ޖެހޭ. ރަށުތެރެ ސާފުކޮށް ބެހެހެއްޓުމާއި ސެކިއުރިޓީ ރަނގަޅު ކުރުން. އެކަމަށް ބޭނުންވާ ހިދުމަތް ދޭން މިހާރު އެވަނީ ލޯކަލް އޮތޯރިޓީ ކުންފުނިން މަަސައްކަތް ފެށިފަ. މި ކުންފުނިން ބަނދަރު ބަލަހައްޓާނެ މަސްމާރުކޭޓާއި ރަށު ތެރެ ބަލަހައްޓާނެ. ސެކިއުރިޓީ އާއި ކުނި މެނޭޖު ކުރުމާއި ރަށުގެ މަގުތައް ލެވަލްކޮށް ބަލަހައްޓާނެ. މުޅި ރަށުގަ އޯޕަން އެކްސެސް ނެޓްވޯކް އަޅާނެ.  

ތޮއްޑޫން ވަނީ ރާއްޖޭގެ ފުރަތަމަ ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދާފަ. މިއީ ކިހާ ވަރެއްގެ ކާމިޔާބީއެއް؟ އެ މަސައްކަތްތައް ދިޔަ ހިސާބަކީ ކޮބާ؟

ރާއްޖޭގެ ފުރަތަމަ ކައުންސިލް ކުންފުނި މިވަނީ ރަޖިސްޓްރީވެފަ. އެކަން އިންތިޒާމު ވެގެން މިއައީ އިހަކަށްދުވަހު. އެހެންނަމަވެސް ސަރުކާރަށް ޝުކުރު އަދާކުރަން. މި ކުންފުނީގެ އެސެޓް ޓްރާންސްފާ އެގްރިމެންޓްތައް ހެދުމުގައި މަސައްކަތް ފަށައި ރަަށުގައި މަސައްކަތް ވަނީ ފެށިފަ. ހިދުމަތްތައް އޮތޯރިޓީ ކުންފުނިން ގެންދަން އެދަނީ ތައްޔާރު ވަމުން.  

ތޮއްޑޫގެ ތާރީހީ ސަރަހައްދު ރައްކާތެރިކުރުމުން ހުންނާނެ ގޮތުގެ ކުރެހުމެއް -- ކައުންސިލް

ގެސްޓްހައުސް ތަރައްގީ ވަމުން އަންނައިރު މި ފެންނަނީ މުޅިންވެސް އެ މީހުނަށް ފޯކަސް ކުރާތަން. އެކަމަކު ތޮއްޑޫއަކީ ދަނޑުވެރި ރަށެއް. ދަނޑުވެރިންނަށް ހުރި ކަންކަމަކީ ކޮބާ؟ ތޮއްޑޫ ދަނޑުވެރިކަން އެހެން ލެވަލްއަކަށް ގެންދަން ކުރައްވާ މަސައްކަތް ތަކަކީ ކޮބާ؟

ދަނޑުވެރިންނަށް ވަރަށް ބޮޑު ޕްލޭނެއް އެބައޮތް. އެކަމަށް ގިނަ މަސައްކަތްތަކެއް ވެސް ކުރެވިއްޖެ. ދަނޑުވެރިކަން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރުން. މިހާރު ދިމާވާ އެންމެ ބޮޑު ޗެލެންޖަކީ ދަނޑުބިން އެންމެ ގިނަވެގެން ފަސް އަހަރަަށް ދެވޭ ގޮތަށް އޮތުން. އެހެންވުމުން ދިގު މުއްތަދަށް ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ކުރަން އިންވެސްޓް ކުރާނެ ބަޔަކު ނުވޭ. އެހެންވީމަ ރައްޔިތުންގެ ވޯޓާއެކުވާނީ މިހާރުހުރި ދަނޑުބިންތަކުގެ މުއްދަތު ހަމަވުމުން ދިގު މުއްދަތަށް ދަނޑުބިން ދޭގޮތަށް ބަދަލު ކޮށްފަ. މި ބަދަލުން ހެޔޮ ބަދަލު އަންނާނެ. އޭރުން ގްރީން ހައުސްގައި ކުރާ ދަނޑުވެރިކަމާއި މިނޫން ވެސް ޒަމާނީ ދެމެހެއްޓެވިނި ރައްކާތެރި ދަނޑުވެރިކަމަށް ތޮއްޑޫ ބަދަލުވާނެ. 

ދަނޑު ބިން ދޭއިރު ކައުންސިލުން ފެނާއި ކަރަންޓު ދީފައި ހުރުން ވަރަށް މުހިންމު. އެކަން ހާސިލް ކުރަން ދަނޑުތަކަށް ހާއްސަ ފެން ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް އެގްރިކަލްޗަރު މިނިސްޓްރީއާއި އޭޑީބީ އަދި އެންވަޔަރުމަންަޓް ގުޅިގެން ކުރިއަށް އެބަ ގެންދެވޭ. އީއައިއޭ ވަނީ ހަދާފަ. މި ހިސާބުން ދޫކޮށެއް ނުލަން ޖަޕާން އަދި ޗައިނާ އެމްބަސީގެ ބޭފުޅުންގެ އެހީތެރިކަން ވެސް ދޭން ބޭނުންވޭ. ތޮއްޑޫ ޓޫރިޒަމާއި ފުޑް ސެކިއުރިޓީ އަށް ވެސް މިކަން މުހިންމު.

ތޮއްޑޫއަކީ ފެހި، ރީތި ރަށެއް. ގިނަ ރަަށްރަށް ގެސްޓްހައުސްއާއެކު ފެހިކަން ދަނީ ގެއްލެމުން. އެހެންވެ މި ރަށުގެ ފެހިކަން ގެއްލިގެން ދިޔަ ނުދޭން ކުރައްވާ މަސައްކަތަކީ ކޮބާ؟ މި ރަށުގެ ބިމުގެ ވެލިއު މަތިކުރަން ގެންނަ ބަދަލަކީ ކޮބާ؟

ލޭންޑް ޔޫސް ޕްލޭންގައި ވެސް އެންމެ އިސްކަން ދީފައި ރަށުގެ ފެހިކަން ގެއްލިގެން ދިޔަ ނުދޭން. ރަށުގަ ދެ ސަރަހައްދެއް ހިމާޔަތް ކުރެވިފައިވާނެ. ރަށުގެ ހޭޅިފައް ވާނީ ރައްކާތެރި ކުރެވި. މީގެ އިތުރުން ގްރީން ޕާކުތައްވެސް ހިމެނޭނެ. މީގެ އިތުރުން ބިލްޑިން ރެސްޓިކްޝަނެއް ވެސް ލާފައިވާނެ. މި ރަށުގަ 60 ފޫޅަށްވުރެ އުސްކޮށް އިމާރާތެއް ނުކުރެވޭނެ. މީގެ އިތުރުން ގެސްޓްހައުސް އަށް ވަކިން ސަރަހަދެއްގައި ބިން ނުދޭން ނިންމާފައިވާނެ. މިހާރު ވެސް މިކުރާ އުސޫލުން ރެސިޑެންޝަލް އޭރިއާގަ މިކަން [ގެސްޓްހައުސް ވިޔަފާރި ] ކުރާނީ. އޭރުން ކޮންމެ ގެއެއްގައި ވެސް ގެސްޓްހައުސް ހިންގޭނެ. 

މި ރަށަކީ ބޮޑު ރަށަކަސް ކޮންމެވެސް ދުވަހަކު ރަށް ފުރި ބިމަށް ދަތިވާނެ. ހަމައެއާއެކު ބިމުގެ ޑިމާންޑް ވެސް ހައިވާނެ. އެހެންވެ ތޮއްޑޫ ބިމުގެ ވެލިއު މަތި ކުރަން މިހާރު ގެނެސްފައިވާނެ ބަދަލު ތަކަކީ ކޮބާ؟ ފޮރިން އިންވެސްޓަރުންނަށް އިންވެސްޓް ނުކުރެވޭނެ ގޮތަަށް ހެދީ ކީއްވެ؟

ބިމުގެ ހަމައަގު ހޯދައިދޭން ގެނެވުނު އިސްލާހާއެކު ތޮއްޑޫ ބިން އަމިއްލަ ކުރެވޭ ރޭޓް އަކަފޫޓެއް 50ރ،. އިން 200ރ. އަށް ވާނީ މަތިކޮށް. މީގެ އިތުރުން ފޮރިން އިންވެސްޓްތަކަށް މިވަގުތު ފުރުސަތު ނުދޭން ސަރުކާރާއެކު ވާނީ އެއްބަސްވެފަ. ބޭނުންވަނީ ލިމިޓެޑް ވަސީލަތް ބޭނުން ކުރުމަށް ހަމަޖެހިގެން މަޑުމަޑުން ކުރިއަށް ދިނުން. ފޮރިން އިންވެސްޓްމަންޓަށް މިހާރު ވެސް ރާއްޖޭގައި ގިނަ ފުރުސަތު ތަކެއް ވަނީ ދީފި. އެކަމަކު ތޮއްޑޫގައި އެ ފުރުސަތު ނުދޭން ނިންމީ ރާއްޖޭގެ ރިސޯސް އެލޮކޭޝަން ދިޔަގޮތުން. މިހާރު ދިވެހި ރައްޔިތުންނަށް އޮތް އެއްޗަކީ ހަމައެކަނި މީހުން ދިރިއުޅޭ ހާހެއްހާ ރަށް އެކަނި. މި ރަށްތަކުގަ އަޅުގަނޑުމެންނާ ދަރިންނަށްވެސް ފުރުސަތު ދިނުން ރަނގަޅުވާނީ. ރުފިޔާ ކޮޅަކަށް ބޭރު ބަޔަކަށް ފުރުސަތު ދިނުމަށްވުރެ ރަނގަޅުވާނެ. 

ކޮމެންޓް

2
450
އަމާނީ
1 year ago

ކުރެހުންތައް ވ ރީތި، ކުރިޔަށް 10 އަހަރު ކީއްކުރަން 20 އަހަރުވެސ ހިޔެއްނުވެ ތިތަން ތަން ލޮލަށް ފެންނާނެ ހެނެއް

ކަރަމް
1 year ago

ތިހާ ކަންކަން ވާނަމަ ގޯތި ދީބަލަ ސަރުތު ހަމަވާ 500 މީހުނަށް 100 ގޯތި އިއުލާން ކޮއްގެން މޮޅުވާހަކަ ދައްކަނީ ތި

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.