ކުދިމެދު ވިޔަފާރި ފަންޑަށް ސައުދީން ލައިދެނީ 40 މިލިއަން ޑޮލަރު

ސައުދީން އެންމެ ގިނަ އެހީ ދިނީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް ސައުދީ ރަސްގެފާނު ރާއްޖޭގައި ހިންގަން އުޅުއްވި ބިޔަ މަޝްރޫއު ހުއްޓުވަން އޭރު އިދިކޮޅުން އުޅުމުން ގުޅުން ގޯސްވެފައި ވެއެވެ.

ފިނޭންސް މިނިސްޓަރު އަމީރު އާއި ފަންޑު މެނޭޖުމަންޓް އަދި އެސްއެމްއީ ބޭންކުގެ އިސްވެރިން -- ފިނޭންސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން އުފައްދާ ފަންޑަށް ސައޫދީ އަރަބިއްޔާއިން 40 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 600 މިލިއަން ރުފިޔާ) ލައި ދޭނެ އެވެ. 

ކުދިމެދު ވިޔަފާރިއަށް އެހީވާން ސަރުކާރުން އުފައްދާފައިވާ ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަނާއި އެސްއެމްއީ ބޭންކުގެ އިސްވެރިން ހިމެނޭ ގޮތަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކުދިމެދު ވިޔަފާރީގެ ފަންޑަށް އެހީއެއް ދިނީ ސައުދީގެ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އިންނެވެ. 

ރާއްޖޭން އުފައްދާ އެސްއެމްއީ އިމްޕެކްޓް ފަންޑަށް ސައުދީ އިސްލާމިކް ބޭންކުން ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި ދީފައި ވަނީ 40 މިލިއަން ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 600 މިލިއަން ރުފިޔާ އެވެ. 

އެއްބަސްވުމުގައި ސައޫދީ އާއި ރާއްޖޭން ސޮއިކުރަނީ

އައިއެސްޑީބީގެ އަހަރީ ބައްދަލު ވުމުގެ ހަވާސާގައި ދިވެހި ސަރުކާރާއެކު ހެދި އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަމީރެވެ. އަދި އައިއެސްޑީބީގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކުގެ ޗެއާމަން އަދި ރައީސް ޑރ. މުހައްމަދު އަލް ޖަސީރެވެ.

ފަންޑުން ކުރާނީ ކީއް؟ - ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެ ފައިސާއިން އެހީވާނީ ރާއްޖޭގެ އެސްއެމްއީއަށް ފުރުސަތުތައް ފަހި ކުރާނެ އެވެ. އެގޮތުން ކުދިމެދު ވިޔަފާރިތައް ކުރިއަށް ގެންގޮސް އޮޕަރޭޝަން ފުޅާ ކުރުމަށް ބޭނުންވާ ގްރޯތް ކެޕިޓަލް ދިނުމާއެކު ވިޔަފާރީގެ އެހީތެރިކަން ފޯރު ކޮށްދޭނެ އެވެ.

މީގެ އިތުރުން މި ފަންޑުގެ ފައިނޭންސިން މެދުވެރިކޮށް އެ ކެޓަގަރީގެ ހުރިހާ އިންވެސްޓްމަންޓްތަކަކަށް ވެސް އެހީވާނެ އެވެ. ހާއްސަކޮށް އެންވަޔަރަންމަންޓަލް، ސޯޝަލް އެންޑް ގަވަނަންސް (އީއެސްޖީ) މިންގަނޑުތަކަށް ފެތޭ ކަންކަމާއި އިސްލާމީ ފައިނޭންސިން ހިމެނެ އެވެ. 

ސަރުކާރުން ދަނީ ގައުމީ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ހަދައި ކުދިމެދު ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ދެނެކަނެ އެހީވަމުންނެނެވެ. މިގޮތުން އެސްއެމްއީ ބޭންކުން ބިލިއަނެއްހާ ރުފިޔާގެ ލޯނު ދިން އިރު ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން އިންވެސް ވަނީ ކޮވިޑުގެ ސަބަބުން ގެއްލުންވި ޓޫރިޒަމް ވިޔަފާރިތަކަށް އެހީވެފަ އެވެ. 

ސައުދީ ރާއްޖެ ގުޅުން - ސައުދީ އަރަބިއްޔާއިން އެންމެ ގިނަ އެހީ ދިނީ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ. ނަމަވެސް ސައުދީ ރަސްގެފާނު ރާއްޖޭގައި ހިންގަން އުޅުއްވި ބިޔަ މަޝްރޫއު ހުއްޓުވަން މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން އޭރު އިދިކޮޅުގައި ތިއްބަވައިގެން ހިންގެވި ކެމްޕޭންތަކުން ގުޅުންތައް ގޯސްވި އެވެ. އެހެން ނަމަވެސް ހަތަރު އަހަަށްވުރެ ގިނަ ދުވަހަށްފަހު މިހާރު ދެ ގައުމުގެ ގުޅުން އަލުން އާލާ ވާން ވަނީ ފަށާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.