"ދަރިން، މައިންބަފައިންނަށް ގެވެށި އަނިޔާ ކުރާ މައްސަލަތައް ދަނީ އިތުރުވަމުން"

"ދަރިންނަކީ މައިންބަފައިންނަށް ލޯތްބާއި އަޅާލުމާއި ހިމާޔަތާއި އަމާންކަމާއި، ލޮލަށް ފިނިކަން ގެނުވާ ބަޔަކަށްވާން ޖެހުނު ނަމަވެސް، ބައެއް އާއިލާތަކުގައި މައިންބަފައިންގެ ހިތުގައި އަޅަމުންދާ ވޭން ކޯޓުގައި މައިންބަފައިން އަޅާކަރުނައިން ފާޅުވޭ"

ފުވައްމުލަކުގެ ތުނޑީގައި އާއިލާއެއްގެ ކުދީން މޫދަށް އެރެނީ -- ފޮޓޯ: އައްސަދު

އާންމު ގޮތެއްގައި ގެވެށި އަނިޔާގެ މައްސަލަތައް ދިމާވަނީ ދެމަފިރިންގެ މެދުގައި ނަމަވެސް، މި ފަހަކަށް އައިސް ދަރިންގެ ފަރާތުން މައިންބަފައިންނަށް ގެވެށި އަނިޔާ ކުރާ މައްސަލަތައް އިތުރުވެފައިވާ ކަމަށް ފެމެލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަހާ ގުޅިގެން އިސްގާޒީ މާހިރު ނެރުއްވި ހިތޯބުގައި ވަނީ އާއިލީ ރާއްޖޭގައި އާއިލީ މައްސަލަތައް އޮތް މިންވަރު ސިފަކޮށްދެއްވާފަ އެވެ. ބައެއް އާއިލާތަކުގައި ދަރިންގެ ފަރާތުން މައިންބަފައިން ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، ރައްކާތެރިކަން ހޯދަން ކޯޓަށް ދާކަން ހިތޯބުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

އިސްގާޒީ މާހިރު ވިދާޅުވީ ދަރިންނަކީ މައިންބަފައިންނަށް ލޯތްބާއި އަޅާލުމާއި ހިމާޔަތްތެރިކަން ގެނުވާ ބަޔަކަށްވީ ނަމަވެސް، ބައެއް އާއިލާތަކުގައި މައިންބަފައިންގެ ހިތުގައި އަޅަމުންދާ ވޭން ކޯޓުގައި އެ މައިންބަފައިން އަޅާ ކަރުނައިން ފާޅުވާ ކަމަށެވެ.

"ދަރިންނަކީ މައިންބަފައިންނަށް ލޯތްބާއި އަޅާލުމާއި ހިމާޔަތާއި އަމާންކަމާއި، ލޮލަށް ފިނިކަން ގެނުވާ ބަޔަކަށްވާން ޖެހުނު ނަމަވެސް، ބައެއް އާއިލާތަކުގައި މައިންބަފައިންގެ ހިތުގައި އަޅަމުންދާ ވޭން ކޯޓުގައި އެމައިންބަފައިން އަޅާކަރުނައިން ފާޅުވޭ،" އިސްގާޒީ ވިދާޅުވި އެވެ.

އިސްގާޒީގެ ހިތޯބުގައި ކައިވެނިތައް ރޫޅެން ދިމާވާ ސަބަބުތައް ވެސް ވިދާޅުވެ ދެއްވި އެވެ. އެގޮތުން ކައިވެނި ރޫޅޭ މައިގަނޑު އެއް ސަބަބަކީ، ޒަވާޖީ ހަޔާތަކަށް ތައްޔާރުނުވެ ކައިވެނި ކުރުން ކަމަށް ފާހަގަކުރެއްވި އެވެ. އެގޮތުން ކައިވެނިކޮށްގެން އުޅޭނެ ތަނަކާއި، ހަރަދުތައް ހަމަޖެއްސުން ފަދަ ސީދާ ކައިވެންޏާ ގުޅުން ހުރި ކަންކަމުގައި މަޝްވަރާ ނުކުރާ ކަމަށް އިސްގާޒީ ވިދާޅުވި އެވެ.

"ކައިވެނީގެ ޕާޓީގެ ކަންކަމާ މަޝްވަރާ ކުރެވޭ މަޝްވަރާ ކުރެވޭ ވަރަށް ވެސް ދިރިއުޅޭނެ ތަނާއި، ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމާއި، ޒިންމާތައް ބަހާލުމާއި، އާއިލީ ދިރިއުޅުން ބައްޓަން ކުރުމަށް ބޭނުންވާ ގޮތާއި، ސިއްހީ މައްސަލައެއް ހުރިނަމަ އެކަމުގައި އަމަލުކުރާނެ ގޮތްފަދަ ދެމަފިރިންނާ ސީދާ ގުޅުން ހުރި މުހިންމު ކަންކަމަށް މަޝްވަރާ ނުކޮށް ޒަވާޖީ ހަޔާތް ފެށުމަކީ މައްސަލަތައް ޖެހެން އަވަސް ސަބަބުތައް،" އިސްގާޒީގެ ހިތޯބުގައި ވިދާޅުވި އެވެ.

އިސްގާޒީ ދެން ފާހަގަކުރެއްވި އަނެއް ކަމަކީ ދަރިންގެ ހަރަދު ހޯދުމަށް މައިން ކުރާ އާދޭހާއި ދަރިން ދެކިލުމަށް ބައްޕައިން ކުރާ މަސައްކަތެވެ. ކައިވެނި ރޫޅުމަށްފަހު ދަރިންނާ ގުޅުންހުރި ކަންކަން ނުކުރަނީ އެއީ ކުއްޖާގެ މަންމައަށް ނުވަތަ ބައްޕައަށް ކޮށްދޭ ކަމެއް ކަމަށް ހީކުރެވިގެން ކަމަށް ވިދާޅުވި އެވެ.

ދަރިންނަށް ހަރަދު ލިބުމާއި، މައިންބަފައިންނާ ބައްދަލުކޮށް އެކުގައި ވަގުތު ހޭދަކުރުމަކީ އެކުދިންގެ ހައްގެއްކަން ދަނެ، އެހައްގުން ކުދިން މަހުރޫމް ނުކުރުމުގެ ވިސްނުން އިސްކުރާނަމަ ކައިވެނި ރޫޅުމަށްފަހު ޖެހޭ ވަރަށް ގިނަ މައްސަލަތައް ހައްލުވެގެންދާނެ ކަމަށް އިސްގާޒީގެ ހިތޯބުގައި ފާހަގަކުރެއްވި އެވެ.

އިސްގާޒީގެ ހިތޯބުގައި، ދަރިންނާއިއެކު ގިނަ ވަގުތު ހޭދަކުރުމަށާއި، އަޑުގަދަކޮށް ރުޅި އިސްކުރުން ފަދަ ކަންކަމުން ދުރުހެލިވުމަށާއި، އެކަކު އަނެއްކަކަށް އިހުތިރާމު ކުރުމަށް ގޮވާލާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.