ރާއްޖޭގެ އިތުރުން ގޯލްޑް އެވޯޑް ލިބިފައިވާ ގައުމްތަކުގެ ތެރޭގައި އަޒަރުބައިޖާން އާއި މިޔަންމާ އާއި އޯމަން އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް ހިމެނެވެ. އަދި ގަތަރަށް ސިލްވާ އެވޯޑް ލިބިފައިވާއިރު ބުރޯންޒް އެވޯޑަށް އެއްވެސް ގައުމެއް ހޮވިފައެއް ނުވެއެވެ.
ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެކްސްޕްރެސް މެއިލް ސާވިސް (އީއެމްއެސް) ގެ ހިދުމަތް ދޭ ޕޯސްޓަލް އޮޕަރޭޓާ ތަކަށް ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން (ޔޫޕީޔޫ) އިން ދެމުން އަންނަ ގޯލްޑް އެވޯޑް މޯލްޑިވްސް ޕޯސްޓަށް ލިބިއްޖެ އެވެ.
މި އެވޯޑް މޯލްޑިވްސް ޕޯސްޓަށް ހަވާލުކޮށްފައިވަނީ ސްވިޓްޒަލޭންޑްގެ ވެރިރަށް ބާން ގައި ބޭއްވުނު އީއެމްއެސް ކޯޕަރޭޓިވް ޖެނެރަލް އެސެމްބްލީގައެވެ.
އެންމެ ފެންވަރު ރަގަޅު އީއެމްއެސް ހިދުމަތްދޭ ފަރާތަށް ދެވޭ މި އެވޯޑަކީ އީއެމްއެސް ހިދުމަތްދޭ 174 ގައުމުގައި ހިދުމަތް ދޭ ފެންވަރަށް ބަލާ ރޭންކް ކުރެވިގެން ދެމުން އަންނަ އެވޯޑެކެވެ. 2022 ވަނަ އަހަރު އީއެމްއެސްގެ ހިދުމަތްދޭ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރުގެ މައްޗަށް ބިނާކޮށް މޯލްޑިވްސް ޕޯސްޓަށް "ގޯލްޑް އެވޯޑް" ލިބިފައިވާއިރު، 2019 އަދި 2021 ވަނަ އަހަރު އެ ކުންފުނިން ވަނީ "ބްރޯންޒް އެވޯޑް" ވެސް ހޯދާފަ އެވެ.
ރާއްޖޭގެ އިތުރުން ގޯލްޑް އެވޯޑް ލިބިފައިވާ ގައުމްތަކުގެ ތެރޭގައި އަޒަރުބައިޖާން އާއި މިޔަންމާ އާއި އޯމަން އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް ހިމެނެވެ. އަދި ގަތަރަށް ސިލްވާ އެވޯޑް ލިބިފައިވާއިރު ބުރޯންޒް އެވޯޑަށް އެއްވެސް ގައުމެއް ހޮވިފައެއް ނުވެއެވެ.
މި އަހަރުގެ ކޯޕަރޭޓިވް ޖެނެރަލް އެސެމްބްލީގައި އީއެމްއެސް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މެންބަރު ގައުމުތަކުން ދިނުމަށް ބޭނުންވާ ސްޓުރެޖިކް ނިންމުންތައް ހުށައަޅާ ފާސް ކުރެވިފައިވެއެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޕޯސްޓު މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރުމަށް މިއަހަރުގެ ޖޫން މަހު ޖަޕާންގައި ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން-ޔުނިވާރސަލް ޕޯސްޓަލް ޔޫނިއަން ގުލޯބަލް ކޮންފަރެންސް އަދި ސެޕްޓެމްބަރ މަހު އިންޑޮނޭޝިއާގައި ރީޖަނަލް އީއެމްއެސް ސިމްޕޯސިއަމްއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
އީއެމްއެސް ވިއުގަ މެދުވެރިކޮށް ކޮންމެ ހަފްތާއަކުވެސް 8 މިލިއަންއަށް ވުރެ ގިނަ އައިޓަމްތައް އެއް ގައުމުން އަނެއް ގައުމަށް ފޮނުވަމުންދެއެވެ. މުހިއްމު ލިޔެކިއުންތަކާއި ބޭހާއި ސްޕެއާޕާޓް އަދި އާންމު ދިރުއުޅުމުގައި ބޭނުން ކުރާ ތަކެތި އީއެމްއެސް މެދުވެރިކޮށް ރާއްޖެއަށްވެސް އަންނަނީ އެތެރެ ކުރަމުންނެވެ.
މޯލްޑިވްސް ޕޯސްޓުން ދެމުން އަންނަ އީއެމްއެސް ހިދުމަތަކީ ރާއްޖެއިން ބޭރަށް ފޮނުވާ ތެކެތި ފޮނުވުމަށް އެންމެ އިތުބާރު ކުރެވޭ އަދި އެންމެ އަވަސް ހިދުމަތެވެ. މިއީ ހަރަދު ކުޑަ ހިދުމަތެކެވެ. ރާއްޖެއިން އެންމެ ގިނައިން ޕޯސްޓް ކުރެވޭ މަންޒިލުތަކުގެ ތެރޭގައި ސިންގަޕޫރާއި ޔޫއޭއީ އާއި މެލޭޝިއާގެ އިތުރުން އޮސްޓްރޭލިއާ އަދި ސްރީލަންކާ ހިމެނެ އެވެ.