"ފަޅު ހިއްކަނީ އިއުލާނުކޮށްފައިވާ ސްކީމްތަކަށް ބިން ނެތިގެންނެއް ނޫން"

ކްރޫޒްލައިން ޓާމިނަލްއަކީ، ކްރޫޒްލައިން މަންޒިލެއްގެ ގޮތުގައި ރާއްޖެ ތަރައްގީ ކުރަން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެންގުޅުއްވި ޕްލޭނެކެވެ.

ކްރޫޒްލައިން ޓާމިނަލް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް: ނަމަވެސް މި ޓާމިނަލް ދެން ނާޅާނެ

ހުޅުމާލޭގެ މާސްޓް ޕްލޭންގައި ކްރޫޒްލައިން ޓާމިނަލް އަޅަން ނިންމި ސަރަހައްދުގައި ކްރޫޒްލައިން ޓާމިނަލް ނާޅާ ގޮތަށް ނިންމައި އެތަން ހިއްކައިގެން ގޯތި ދޭން ނިންމީ ސަރުކާރުން އިއުލާނުކޮށްފައިވާ ޕްރޮގްރާމްތަކަށް ބިން ނެތިގެން ނޫން ކަމަށް ސަރުކާރުން ބުނެފި އެވެ.

ގްރޭޓާ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ފްލެޓާއި ގޯތި ދިނުމަށް ސަރުކާރުން ވަނީ ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމް ތައާރަފްކޮށްފަ އެވެ. މި ސްކީމްތަކުގެ ދަށުން ގިރާވަރު ފަޅާއި، ގުޅިފަޅު ހިއްކައިގެން ގޯތި ދޫކުރަން ސަރުކާރުން ނިންމާފައިވެ އެވެ.

ހުޅުމާލޭގެ މާސްޓަ ޕްލޭން ހަދާފައި އޮތީ ހިތްގައިމު ފުރިހަމަ ކްރޫޒްލައިން ޓާމިނަލެއް ހުޅުމާލެ މޫނުމައްޗަށްވާ ގޮތަށް ހަދާށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވައުދު ފުއްދަން ގޯތި ދޭން އެ ސަރަހައްދު ހިއްކަން ނިންމާފައި ވާކަމަށް އަޑުތައް ފެތުރިފައިވެ އެވެ.

ކްރޫޒްލައިން ޓާމިނަލް ސަރަހައްދަކީ ކުރިން ގޯތި ދޭން ޕްލޭނެކޮށްފައި އޮތް ތަނެއް ނޫނެވެ. އޭގެ ބަދަލުގައި ގޯތިދޭން ވަކި ސަރަހައްދެއް ކަނޑައަޅައި މީގެ ކުރިން ބިން ސާފު ވެސް ކޮށްފައިވެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ނޫސްވެރިން ވަނީ ސުވާލުކޮށްފަ އެވެ. ފަޅު ހިއްކަން އުޅޭ ވާހަކަތައް އޭނާ ދޮގެއް ނުކުރައްވަ އެވެ.


މިހާރު ހިއްކަން ނިންމާފައި ވަނީ ހުޅުމާލޭ ދެ ފޭސް ގުޅުވައިދޭ ބްރިޖްތައް ހިމެނޭ ވޯޓާ ކެނަލްތަކުގެ ހުޅަނގު އުތުރުކޮޅެވެ. މި ސަރަހައްދު ހިއްކާލުމާއެކު މިހާރު ހަދާފައިވާ ވޯޓާ ކެނަލްތަކުގެ މޫނުމަތި ބެދިގެން ދާނެ އެވެ.

މިއުވާން ވިދާޅުވީ އެފަދަ މަޝްވަރާތަކެއް މިހާރު ކުރަމުން ދިޔަސް ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމް ހިންގަން ބިން ހަމަޖެހިފައިވާ ކަމަށެވެ. އެފަދަ މަޝްވަރާތަކެއް ކުރަމުން ދަނީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކޮށް އެ މައްސަލައަށް ހައްލެއް ގެނައުމަށް ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވާހަކަ ދައްކަވަނީ --

އެހެންކަމުން ހުޅުމާލެ ފަޅު ހިއްކަނީ މުޅިން އާ ޕްރޮގްރާމެއްގެ ދަށުން ގޯތި ދޫކުރަން ކަމަށް ބެލެވެ އެވެ. ފަޅު ހިއްކުމާ ބެހޭ މާބޮޑު ތަފްސީލެއް މިއުވާން ނުދެއްވަ އެވެ. އެ މައުލޫމާތު ފަހުން އާބަންކޯ އާއި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ހުޅުމާލެ ފަޅު ހިއްކަން އުޅޭތީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުއިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ހިއްކަން އުޅޭ ސަރަހައްދަކީ އާބަންކޯގެ އިހުތިސޯސްގައި އޮތްތަނެއް ނޫން ކަމަށާއި އެއީ ސިޓީ ކައުންސިލްގެ އިހުތިސޯސް އޮތް ސަރަހައްދެއް ކަމަށް ވިދާޅުވި އެވެ. މިއުވާން ވަނީ އެކަމަށް ވެސް ރައްދެއް ދެއްވާފަ އެވެ.

"އަޅުގަނޑުގެ ސުވާލަކީ މާލޭގެ ރައްޔިތުން ނުވަތަ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދިނުމަށް ނުވަތަ ބޯހިޔާވަހިކަން ދިނުމަށް އެބޭފުޅުން ދެކޮޅު ހައްދަވަނީތޯއޭ؟" މިއުވާން ސުވާލު ކުރެއްވި އެވެ.

ކްރޫޒްލައިން ޓާމިނަލްއަކީ، ކްރޫޒްލައިން މަންޒިލެއްގެ ގޮތުގައި ރާއްޖެ ތަރައްގީ ކުރަން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެންގުޅުއްވި ޕްލޭނެކެވެ. އެތަނުގައި ޓާމިނަލް އެޅުމުގެ ގޮތުން އިންވެސްޓަރުން ހޯދަން އިއުލާނު ވެސް ކުރި އެވެ. އަދި ދުނިޔޭގެ ބޮޑެތި އިންވެސްޓަރުން މިކަމަށް ޝައުގުވެރިވި ކަމަށް އެޗްޑީސީގެ ކުރީގެ އެމްޑީ ސުހައިލް އަހުމަދު ވިދާޅުވެފައި ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.