މައި ޖަލުގެ ވީއައިޕީ ގޮޅިން އަބަދުވެސް ބުނަނީ ބަގް ކޮށްފައޭ

ކޮންމެހެނަކުން ވިޔަސް، ސިޔާސީ ބޭފުޅުންގެ މައްޗަށް ޝަރީއަތް ހިނގާ، ޖަލަށް ލެވި، ގޮޅީގައި ގެންގުޅެންޏާ އަދި މިފަދަ ކަންކަން ހިނގަންޏާ ގޮޅި ބަގް ކުރުން ފަދަ ވާހަކަތަކަކީ ނުދައްކާ ނުދާނެ ވާހަކަތަކެވެ.

މާފުށީގައި ހުންނަ، ސަރުކާރުގެ މައި ޖަލު: އެތާނގެ ވީއައިޕީ ގޮޅި ބަގް ކުރާ ކަމަށް އަބަދުވެސް ބުނޭ

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ގިނަ ދައުވާ ތަކުގެ ތެރެއިން، ރ. ފުއްގިރީގެ މައްސަލައިގެ އަޑު އެހުމެއްގެ ތެރެއިން އެ މަނިކުފާނު އުފެއްދެވި ސުވާލެކެވެ؛ ގައިދީއެއްގެ ގޮތުގައި ޖަލުގައި ހުންނަވާއިރު ލިބި ވަޑައިގަންނަވާ ފުރުސަތުގައި ކުރައްވާ ފޯން ކޯލުތައް ވަގަށް އަޑު ނާހާ ކަމުގެ ޔަގީންކަން ދެވިދާނެތޯ އެވެ؟ 

ދައުލަތުގެ ވަކީލުންނަށް އެ ޔަގީންކަން އެ ދުވަހު ދެއްވުނު ކަމަކަށް ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ އާދަމް އާސިފް ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއިން ދޭހަވެގެން ދަނީ ހަމައެކަނި ފޯނު ކޯލުތައް އަޑުއެހުމަށް ވުރެ ވެސް ބޮޑު ނުބައެއް އުޅޭ ކަމެވެ. ކޯލުތައް އަޑު ނާހާ ކަމުގެ ޔަގީންކަން ނުދެވޭ ބަޔަކު، އެއަށް ވުރެ ގާތުން ރައީސް ޔާމީނަށް ފާރަނުލާނެއޭ ބުނެވޭކަށް ނޯންނާނެ އެވެ.

"އަޅުގަނޑު ދަންނަވާނީ ރައީސް ޔާމީން އުޅުއްވާ ހުރިހާ ގޮތެއް [ހޯމް މިނިސްޓަރު] އިމްރާނު ގޭގައި އިނދެގެން ބަލައޭ. އަޅުގަނޑަށް ގަބޫލު ކުރެވެނީ އެހެން" އޭނާ ވިދާޅުވި އެވެ.

މާފުށީ ޖަލުގައި ހައި ޕްރޮފައިލް އޮން ސިޔާސީ އިސްވެރިން ގައިދީންގެ ބަންދުގައި ތިއްބެވުމަށް ހާއްސަ ގޮޅިއެއް / ޔުނިޓެއް ހެދީ މިހާރު އެތާނގައި ހުންނެވި ރައީސް ޔާމީނުގެ ވެރިކަމުގަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، ޖަލަށްލާން ޖެހުމުންނެވެ. ގޮޅިއެކޭ، ޔުނިޓެކޭ ބުންޏަސް އެއީ ފުރިހަމަ އެއް ކޮޓަރީގެ ރަނގަޅު އެޕާޓްމެންޓެކެވެ. ސިޓިން ރޫމަކާއި، ކާގެއެއް އަދި ބަގީޗާއެއް ވެސް އޮވެއެވެ. ހުންނަނީ އޭސީކޮށް، ގޮނޑި މޭޒާއި އެހެން އާލަތްތައް ހަމަ ކޮށްފަ އެވެ. 

މާފުށީ ޖަލުގެ ވީއައިޕީ ޔުނިޓް: މިއީ ރައީސް ނަޝީދު ޖަލުގައި ހުންނެވި އިރު އާންމުވީ ފޮޓޯއެއް

އެތަނުގައި ދެކެވޭ ވާހަކަ ވަގަށް އަޑުއެހޭ ގޮތަށް ބަގް ކޮށްފައި ހުންނަ ކަމަށް އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ ރައީސް ނަޝީދުގެ ވަކީލުންނެވެ. އެ މައްސަލަ ފެންމަތިކުރީ 2015 ވަނަ އަހަރު، ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގެންނެވި ޖެރެޑް ޖެންސާ އެވެ.

އޭނާ އޭރު ވިދާޅުވަމުން ގެންދެވި ގޮތުގައި ރައީސް ނަޝީދާއެކު އެ ޓީމުން ބައްދަލުވެ، ނިމުނުތާ މާ ގިނަ އިރުތަކެއް ނުވަނީސް ނަޝީދުގެ އޭރުގެ އަނބިކަނބަލުން ލައިލާ އަލީއަށް ގުޅި މީހަކު އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް ކިޔައި ދިނެވެ. އެމީހަކު އެ މައުލޫމާތު ހޯދީ ސަރުކާރުގެ އޮފިޝަލެއްގެ ކިބައިން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ނަޝީދުގެ ވަކީލު ޖެރެޑާއި، ޔާމީންގެ ވަކީލު އާސިފު ވެސް މި ދައްކަވަނީ ދާދި އެއް ފާޑެއްގެ ވާހަކައެކެވެ. ވަކީލާއި މުވައްކިލާ ދެމެދު ކުރެވޭ ގާނޫނީ ހިމާޔަތް ލިބިފައިވާ މުއާމަލާތް ސިއްރުން ސަރުކާރުން އަޑުއަހާ ބަލައި ހަދާ ކަމުގެ ތުހުމަތެވެ. ރައީސް ޔާމީނާއި ރައީސް ނަޝީދުގެ އިތުރުން ދެން އެ ގޮޅީގައި ހުންނެވި، ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ ވަކީލުން ވެސް ހަމަ އެ މޭރުމުން އެ ވާހަކަތައް ދެއްކެވިއެވެ.

ޖަލު ބަލަހައްޓާ މީހުންގެ ރައްދު

"ވީއައިޕީ ގޮޅި" އުފެދުނީއްސުރެ ކުރަމުންދާ ތުހުމަތުތަކަށް ޖަލު ހިންގަން ހަވާލުވެ ތިއްބަވާ ބޭފުޅުން ދެއްވަނީ ވެސް ދާދި އެއް ޖަވާބެކެވެ. ޖެރެޑްގެ ބަޔާނާ ގުޅިގެން އޭރު ޖަލު ކޮމިޝަނަރަކަށް ހުންނެވި މުހައްމަދު ހުޝާމް ނެރުއްވި ބަޔާނެއްގައި އެ ވާހަކަތައް ދޮގު ކޮށް އިންކާރު ކުރުމާއެކު ބުނެފައި ވަނީ ނަޝީދާއި ވަކީލުން ބައްދަލު ކުރުމަށް އެކަށީގެންވާ މާހައުލެއް ފޯރުކޮށް ދީފައިވާނެ އެވެ.  އަދި މިހާރުގެ ޖަލު ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ވެސް ވިދާޅުވާ ގޮތުގައި އެއްވެސް ގޮތަކަށް ވަކީލުންނާއެކު ބާއްވާ ބައްދަލުވުންތައް އަޑުއަހައި، ރެކޯޑުކޮށް ނުހަދާ އެވެ. 

ހައިޕްރޮފައިލް، ހާއްސަ ގައިދީންގެ ބަންދު ޔުނިޓު ހެދި އިރު ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރު ގަބޫލުފުޅު ކުރައްވާ ގޮތުގައި ޖަލުގޮޅި ބަގު ކޮށްފައި ހުރި ކަމަށް ބުނާ ވާހަކައަކީ އެއްވެސް ތާކުން ތާކު ޖެހޭ ވާހަކައެއް ނޫނެވެ. ގައިދީން ދިރިއުޅޭ ގޮޅި ބަގްކޮށް، ދައްކާ ވާހަކަ އަޑުއަހައިގެން ވާނެ އެއްވެސް މޮޅެއް ވެސް ނޯންނާނެ އެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެ ގޮޅީގައި ތިއްބާ ހާއްސަ ގައިދީންގެ ވަކީލުންގެ ބައްދަލުވުންތައް ކުރިއަށް ދަނީ އެހެން ގައިދީންނެކޭ އެއްފަދައިން ވަކި ތަނެއްގަ އެވެ.

"އެތަން އެއްވެސް އިރަކު ބަގުކުރި ކަމެއް އެނގިފައެއް ނެތް. ހަމަ ގައިމު ވެސް އަޅުގަނޑު [މިނިސްޓަރު ކަމުގައި] ހުރި އިރު ނުކުރަން" އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އެ ޔުނިޓުގެ ސިޓިން ރޫމާއި ބަގީޗާ ފަދަ ސަރަހައްދު ތަކުގައި ކެމެރާ ހަރުކޮށްފައެއް ހުންނާނެ އެވެ. އެހެން ނަމަވެސް، ނިދާ ކޮޓަރީގައި ކެމެރާއެއް ނުހުންނާނެ ކަމަކަށް އޭނާ ވިދާޅުވި އެވެ.

އުމުރުގެ އެ ވާހަކަތަކަށް އަހްމަދު މުހައްމަދު ފުޅުވެސް ބާރު ދެއްވައެވެ؛

"ކަރާމާތް ގެއްލޭ އެއްވެސް ތަނެއްގައި ކެމެރާއެއް ނުހުންނާނެ" އޭނާ ވިދާޅުވި އެވެ.

(ކ-ވ) ކުރީގެ ޖަލު ކޮމިޝަނަރު މުހައްމަދު ހުޝާމް އަދި މިހާރުގެ ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު

ފާއިތުވި އަށެއްކަ އަހަރު ދުވަހު ރާއްޖޭގެ ސިޔާސީ މަސްރަހު ކައްކުވާލި އެންމެ ހޫނު މައްސަލަތަކުގެ މުހިއްމު ނާރެހަކަށް މާފުށީ ޖަލުގެ މި ޔުނިޓު ވެފައި ވެއެވެ. ރައީސް ޔާމީނާއި، ރައީސް ނަޝީދު ވެސް އެ ގޮޅީގައި ތިއްބެވީ / ތިއްބަވަނީ އިދިކޮޅު ލީޑަރުންގެ ގޮތުގައެވެ. އަދީބު ވެސް ކުރިމަތިލައްވަން ޖެހި ވަޑައިގެންނެވިބޮޑެތި މައްސަލަތަކެއްގެ މެދުގަ އެވެ. ކުރުކޮށް، ބުނާނަމަ އެ ބޭފުޅުން ޖަލުގައި ތިއްބެވުމަކީ އޭރަކު އޮތް ސަރުކާރަށް ފައިދާ އޮތް ގޮތެކެވެ. އެހެން ކަމުން ބަގު ކޮށްގެން، މައުލޫމާތު ހޯދަފާނެ ކަމަށް ވަކީލުން ފާޅު ކުރާ ބިރަކީ މުޅިން ހަމަނުޖެހޭ ވާހަކައެކޭ ބުނެވޭކަށް ވެސް ނޯންނާނެ އެވެ. 

އަނެއްކޮޅުން މިފަދަ މައްސަލަތަކުގައި ތިއްބަވާ ވަކީލުންނަކީ ސިޔާސީ ރޯލެއް ވެސް ކުޅުއްވަން ޖެހިވަޑައިގަންނަވާ ބޭފުޅުންނެވެ. އެ ބޭފުޅުންގެ މުވައްކިލުންގެ މައުސޫމުކަން ކޯޓުތަކުގެ އިތުރުން، އާންމުންނަށް ވެސް ދައްކަންޖެހެ އެވެ. ތަފާތު ތިން ބޭފުޅެއްގެ ޓީމުން މި ތުހުމަތު އަމާޒު ކުރި ނަމަވެސް އެކަށީގެންވާ ހެއްކެއް ދައްކާ، އެ ވާހަކާ މާ ގިނަ ދުވަހަކު ދައްކާފައެއް ނުވެއެވެ. 

ކޮންމެހެނަކުން ވިޔަސް، ސިޔާސީ ބޭފުޅުންގެ މައްޗަށް ޝަރީއަތް ހިނގާ، ޖަލަށް ލެވި، ގޮޅީގައި ގެންގުޅެންޏާ އަދި މިފަދަ ކަންކަން ހިނގަންޏާ ގޮޅި ބަގް ކުރުން ފަދަ ވާހަކަތަކަކީ ނުދައްކާ ނުދާނެ ވާހަކަތަކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.