މަގުގެ މަސައްކަތް ކުރަނީ ސެގްމެންޓުތަކަށެވެ. ފުރަތަމަ ތިން ސެގެމެންޓުގެ މަގު ހަދައި ތާރުއަޅައި މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެކަން ކުރީ އާރްޑީސީއަށް ނުވެގެން އެމްޓީސީސީގެ އެހީ ހޯދައިގެނެވެ.
ތާރު އަޅައި ރަނގަޅު ފެންވަރުގައި ހަދަން އާރްޑީސީއާ ހަވާލު ކޮށްފައިވާ އަމީނީ މަގުގެ މަސައްކަތް ނިމުމުގެ ކުރިން ސަރުކާރު ނިމިދާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެ "ސިޔާސީ ހަޖުލެއް" ޖައްސަވައިފި އެވެ.
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، މިވަގުތު ދިގު ޖަލު ހުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ބަދަލުގައި އިދިކޮޅުން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ލިބި ވަޑައިގެންފާނެ ކަމަށް ބައެއް މީހުން ގަބޫލު ކުރާ މުއިއްޒު "ސަންގު ޓީވީ" ގެ ޕްރޮގްރާމެއްގައި ރޭ ވިދާޅުވީ މާލޭގެ އަމީނީމަގުގެ މަސައްކަތް ލަސްވުމުގެ ޝަކުވާ އެ ކައުންސިލަށް ލިބޭ ކަމަށެވެ. އެ މަގު ނުނިމި ލަސްވާތީ މަގާ އެ މަގާ ގުޅިފައިވާ ސަރައްދުތަކުގެ ވިޔަފާރި އާއި އޮފީސްތައް ހިންގާ މީހުނާއި ދިރިއުޅޭ މީހުނަށް އުނދަގޫ ވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އަމީނީ މަގު ނިންމަން އާ ތާރީހުތައް ކަނޑައަޅައި، ސެޕްޓެމްބަރު މަހަށް ނިމޭނެ ކަމަށް ބުނި ނަމަވެސް މިހާތަނަށް ނިމިފައި ވަނީ އެ މަގުގެ މަސައްކަތުގެ 10 ޕަސެންޓް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު [މުހައްމަދު އަސްލަމް] ވިދާޅުވަނީ ސެޕްޓެމްބަރަށް ނިމޭނެއޭ. ދެން މިހާރު އެ ވިދާޅު ވަނީ ނޮވެމްބަރަށް ނިމޭނޭ. އަޅުގަނޑަށް ހީވަނީ އެއަށްވުރެ ކުރިން ސަރުކާރު ކަންނޭނގެ ނިމޭނީ!" މުއިއްޒު ވިދާޅުވިއެވެ.
އަމީނީ މަގުގެ މަސައްކަތް ފުރަތަމަ ދިނީ 39 މިލިއަން ރުފިޔާއަށް ކައުންސިލަށެވެ. ފަހުން ކައުންސިލް އެ ޕްރޮޖެކްޓް ނަގައި އާރްޑީސީއަށް ދިނީ 84 މިލިއަން ރުފިޔާއަށެވެ. ނަމަވެސް ޕްރޮޖެކްޓް ހަވާލުވި މުއްދަތު ފަހަނަޅައި ދިޔައިރު ވެސް މަގުގެ މަސައްކަތް ނިމިފައެއް ނުވެއެވެ. އެހެންވެ އާރްޑީސީއަށް އޮތް ފާޑުކިޔުން ވަރަށް ބޮޑުވެފައި ވެއެވެ.
މަގުގެ މަސައްކަތް ކުރަނީ ސެގްމެންޓުތަކަށެވެ. ފުރަތަމަ ތިން ސެގެމެންޓުގެ މަގު ހަދައި ތާރުއަޅައި މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެކަން ކުރީ އާރްޑީސީއަށް ނުވެގެން އެމްޓީސީސީގެ އެހީ ހޯދައިގެނެވެ. ސަރުކާރުން މިހާރު ބުނަނީ އަމީނީމަގު ނިމޭނީ 27 ސެޕްޓެމްބަރު ގައި ކަމަށެވެ. މިހާރު އަމީނީ މަގު ރޫޅާލާފާއި ވަނީ ބިލަބޮން ހައި ސްކޫލް / ކުރީގެ އީޕީއެސްއާ ހަމައަށެވެ.